މޯލްޑިވިއަން އަށް ކެބިން ކުރޫއިން ހޯދަން މިއަދު އިއުލާންކޮށްފިއެވެ.
މި އިއުލާނުގައިވާ ޝަރުތުތައް ފުރިހަމަވާ، އަދި އުމުރުން 18 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުނަށް ވަނީ މި ފުރުސަތު ހުޅުވާލާފައެވެ.
އެގޮތުން އިއުލާނުގައި ފާހަގަ ކޮށްފައިވާ ޝަރުތު ތަކުގެ ތެރޭގައި، ކެބިން ކުރޫއެއްގެ ގޮތުގައި ކުރިމަތިލާ ފަރާތަކީ އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތު ކުރަން ދަންނަ، އޯލެވެލް ފާސް އޮތް މީހަކަށް ވާންޖެހެއެވެ.
އަދި ރަނގަޅު ސިއްހަތެއްގައި ހުރި، ލޮލުގެ ފެނުން ރަނގަޅު މީހަކަށް ވާން ޖެހެއެވެ. މީގެ އިތުރުން ކުރިމަތިލާ ފަރާތަކީ ފަތަން ދަންނަ ނުވަތަ ފަތަން ދަސްކުރަން ބޭނުންވާ މީހަކަށް ވާންޖެހެއެވެ. މީގެ އިތުރުން އިއުލާން ގައި ބުނެފައިވާ ގޮތުގައި އަންހެނެއް ނަމަ އެންމެ ކުޑަމިނުން އިސްކޮޅުގައި ފަސް ފޫޓް ދެ އިންޗި ހުރުމާއި އަދި ފިރިހެނެއް ނަމަ އިސްކޮޅުގައި ފަސް ފޫޓު ހަތަރު އިންޗި ހުރުމަކީ ވެސް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ކެބިން ކުރޫ ޖެނެރަލް އިމްތިހާނުން ފާސްވެފައި އޮތުމަކީ މި ވަޒީފާ ލިބުމަށް ފަސޭހަވެގެންދާނެ ކަމެއް ކަމަށް ވެސް މި އިއުލާންގައި ބުނެފައިވެއެވެ.
ކެބިން ކުރޫ ވަޒީފާއަށް ކުރިމަތިލާ މީހުންގެ ވޯކިން އިންޓަވިއު އޮންނާނީ 26 އޯގަސްޓް ވާ ހޯމަ ދުވަހު ހެނދުނު 08:00 އިން މެންދުރު ފަހު 03:00 އަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޓްރެއިނިން އިންސްޓިޓިއުޓްގެ ހަތަރު ވަނަ ފްލޯގައެވެ. އިންޓަވިއު އަށް ހާޒިރުވާ ފަރާތްތަކުން ސީވީ އާއި ޕާސްޕޯޓް ސައިޒްގެ ފޮޓޯއެއް ހުށަހަޅަންޖެހޭނެ ކަމަށް އިއުލާންގައި ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް