ނައިބު ރައީސް ދ.އަތޮޅު ކައުންސިލާއި ބައްދަލު ކުރައްވައިފި

ނައިބު ރައީސް ފައިޞަލް ނަސީމް، ނިލަންދެ އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލަރުންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ. ދ. އަތޮޅު ކައުންސިލުން ވަނީ، ރައްޔިތުންނަށް ދިމާވާ ދަތިތަކާއި، އެ އަތޮޅުގެ ރަށްރަށު...

25 Aug 2019 | 08:53

ނައިބު ރައީސް ފައިޞަލް ނަސީމް، ނިލަންދެ އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލަރުންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

ދ. އަތޮޅު ކައުންސިލުން ވަނީ، ރައްޔިތުންނަށް ދިމާވާ ދަތިތަކާއި، އެ އަތޮޅުގެ ރަށްރަށުގެ ކުރިއެރުމަށްހުރި ދަތިތަކުގެ ވާހަކަތަކާއި އަދި އަތޮޅުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު ނައިބު ރައީސް އާއި ޙިއްޞާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އެ އަތޮޅުގެ ކައުންސިލަރުން އެންމެ ބޮޑަށް އަލިއަޅުއްވާލައިފައި ވަނީ ވަނީ ސާފު ބޯފެނާއި ނަރުދަމާގެ މައްސަލަތަކާއި އަދި އަތޮޅު ގިނަ ރަށްރަށުގެ ޞިއްޙީ ދާއިރާގައި ހުރި މައްސަލަ ތަކަށެވެ. ހަމަމިއާއެކު އަތޮޅު ކައުންސިލަރުން ވަނީ ދ. އަތޮޅުގެ ވަކި ރަށްރަށުގެ ބައެއް މައްސަލަތައް ފާހަގަކުރައްވާފައެވެ.

އެގޮތުން މީދޫ ބަނދަރުގެ މައްސަލައާއި، ހިއްކި ބިމުން ދޫކުރުމާއި، ބަނޑިދޫގެ ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، މަލްޓިޕަރޕަސް ހޯލްގެ މައްސަލަ ހިމެނެއެވެ. އަދި، ކައުންސިލަރުން ވަނީ ރިނބުދޫ ފަޅު ގޯތި ތަކުގެ މައްސަލައާއި، ލޯކަލް ޓޫރިޒަމް ކުރިއަށް ގެންދިއުމުގައި ދިމާވާ ދަތިތަށް ވެސް ފާހަގަކުރައްވާފައެވެ. މީގެއިތުރުން މި ބައްދަލުކޮށްލެއްވުމުގައި ކައުންސިލަރުން ވަނީ ހުޅުދެއްޔަށް ދިމާވެފައިވާ ބަނދަރުގެ ދަތިކަމާއި، މާއެނބޫދޫގެ ބަނދަރުގެ ދަތިކަމުގެ މައްސަލަވެސް ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އެ އަތޮޅު ކައުންސިލަރުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާ މަޝްވަރާ ކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް