ރައީސް ނަޝީދަށް ޖާބިރުގެ ސުވާލެއް: ޤައުމު އެމަޖެންސީއަށް ދިޔައީތޯ؟

ހުރިހާ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ކުރަން ޖެހިގެން އުޅެނީ ދައުލަތް އެމެޖެންސީ އަށް ގޮސްގެންތޯ، ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު، އަބްދުﷲ ޖާބިރު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދ...

25 Aug 2019 | 05:40

ހުރިހާ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ކުރަން ޖެހިގެން އުޅެނީ ދައުލަތް އެމެޖެންސީ އަށް ގޮސްގެންތޯ، ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު، އަބްދުﷲ ޖާބިރު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ސުވާލުކުރައްވައިފިއެވެ.

މިއަދާއި މާދަމާ މަސައްކަތް ކޮށްގެން ސަޕްލިމެންޓަރީ ބަޖެޓު މާދަމާ ރޭ ފާސް ކުރަން ބޭނުންވެ ވަޑައިގަންނަވާ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވުމާއެކު ޖާބިރު ވަނީ އެކަމާއި ހިތްހަމަޖެހިވަޑައިނުގެން މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރަން ފައްޓަވާފައެވެ.

"ގައުމު އެމެޖެންސީއަށް ދިޔައީތޯ ރައީސް؟ އަޅުގަނޑު ހިތަށް އަރަނީ ރެއާއި ދުވާލު އަހަރުމެން މަސައްކަތް ކުރާކަށް ނުޖެހޭނެއޭ. ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑުމެން ހޮވުނީވެސް ވަކި އުސޫލެއްގެ މަތިން. މި އޮޕަރޭޓް ކުރަނީ ދައުލަތް ފެއިލް ވީމަ ދައުލަތް ޑިފެންޑު ކުރަން މަނިކުފާނު،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު އިތުރަށް ވިދާޅުވީ ސައުވީސް ގަޑިއިރު "މިތަން ޖައްސައިގެން" އުޅޭ މައްސަލަ އަކީ އެއީ ނިޒާމީ މައްސަލައެއް ކަމުގައި ދެކޭ ކަމަށެވެ. އަދި ރާއްޖޭގައި މަސައްކަތް ކުރުމަށް ހުންނަ ގާނޫނުތަކާއި ގަވާއިދުތަކާއި، އިންސާނީ ހައްގުތަކަށް ވެސް ކަރާމާތް ކުރަން ޖެހޭކަމަށް ޖާބިރު ވިދާޅުވިއެވެ.

ކާށިދޫ ދާއިރާގެ މެންބަރު ޖާބިރަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ އެމެޖެންސީއަށް އައިސްގެން ނޫޅޭ ކަމަށާއި، މަސައްކަތް ކުރަމުން ދަނީ މަޖިލީހުގައި ނުނިމި ހުރި މަސައްކަތްތައް އަވަހަށް ނިންމެވުމަށް ކަމަށެވެ.

މީގެ ކުރިން މަޖިލީހުގެ އެހެން މެންބަރުންވެސް މަޖިލީހުގެ މަސައްކަތް ބުރަވެގެން ޝަކުވާ ކުރައްވާފަވެއެވެ. އެގޮތުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ ރައްޔިތުންނާ ބައްދަލުކުރަން ވަގުތު ދެއްވުމަށް ނަޝީދުގެ ކިބައިން އެދިވަޑައިގެންފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް