ކަޝްމީރުގެ މައްސަލާގައި ސަރުކާރުން އަޅާ ނުލުން، 800 މިލިއަން ޑޮލަރުގެ ބަދަލުބާ؟

ކަޝްމީރުގައި އިންޑިއާ ސިފައިން ވަނީ ސަލާމަތީ ކަންތައްތައް ވަރުގަދަކޮށްފައެވެ. އަދި ކުރިންވެސް ގިނަ އަދަދަކަށް ސިފައިންތިބޭ ކަޝްމީރަށް ވަނީ އެތައް ހާސް ސިފައިން އިތުރަށް ފޮނުވާފައެވެ. ހުރިހާ މުވާސަލާތީ...

25 Aug 2019 | 05:26

ކަޝްމީރުގައި އިންޑިއާ ސިފައިން ވަނީ ސަލާމަތީ ކަންތައްތައް ވަރުގަދަކޮށްފައެވެ. އަދި ކުރިންވެސް ގިނަ އަދަދަކަށް ސިފައިންތިބޭ ކަޝްމީރަށް ވަނީ އެތައް ހާސް ސިފައިން އިތުރަށް ފޮނުވާފައެވެ. ހުރިހާ މުވާސަލާތީ ހިދުމަތަކާއި އިންޓަނެޓް ވަނީ ކަނޑާލާފައެވެ. އަދި ކާފިއު ވަނީ އިއުލާންކޮށްފައެވެ. މީގެ އިތުރުން ކަޝްމީރުގެ ސިޔާސީ ލީޑަރުން ވަނީ ހައްޔަރުކޮށްފައެވެ. އިންޑިއާއިން ވަނީ ކަޝްމީރުގެ މުސްލިމުންގެ އަސާސީ ހައްގުތައް ނިގުޅައިގެންފައެވެ.

ކަޝްމީރުގެ މައްސަލަ މީހާރު ހޫނުވެގެން މިއުޅެނީ ބޮޑު ވަޒީރު މޯދީގެ ސަރުކާރުން ޖައްމު ކަޝްމީރަށް ޒަމާނުއްސުރެދީފައިވާ ހައްގުތަކާއި ބާރުތައް އުވާލުމުންނެވެ. އިންޑިއާގެ ގާނޫނުގެ 370 ވަނަ މާއްދާއިން ކުރިން ވަނީ ޖައްމު ކަޝްމީރަށް އަމިއްލަ އަށް ބައެއް ބާރުތައް ދީފައެވެ. އޭގެތެރޭގައި ޑިފެންސް، ކޮމިއުނިކޭޝަންސް އަދި ފޮރިންއެފެއާޒް އާއި ގުޅޭ ކަންތައްތައް ފިޔވައި އެހެންކަންކަމުގައި އަމިއްލައަށް ގާނޫނު ހެދުމުގެ ބާރު ވަނީ ދީފައެވެ.

އާޓިކަލް 370 އުވާލުމަށްފަހު އިންޑިއާ އިން ދަނީ ކަޝްމީރުގައި ހަރުކަށިކަން ދައްކަމުންނެވެ. ކަޝްމީރުގެ މުސްލިމް ރައްޔިތުންގެ އަސާސީ ހައްގުތަކަށް އަރައިގަންނަމުންނެވެ. އެއްވެސް ގައުމަކުން އެ ގައުމެއްގެ ރައްޔިތުންގެ ނަމަވެސް އަސާސީ ހައްގުތަކަށް އަރައިގަތުމަކީ އެހެން ގައުމުތަކުން ކުށްވެރިކުރާ ކަމެކެވެ. ދިވެހިންނަށް މިކަން އަލެއް ނުވާނެއެވެ. ސަބަބަކީ ދިވެހި ސަރުކާރުތަކުން ވެސް ދިވެހިންގެ އަސާސީ ހައްގުތަކަށް އަރައިގަންނަކަށްބުނެ ދުނިޔޭގެ އެކި ގައުމުތަކުން ވަނީ ބަޔާންތައް ނެރެފެއެވެ. މިކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެއް ބޭފުޅަކީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ޙުދު އެ ބޭފުޅާ ވެސް ވަނީ އިދިކޮޅު ފަރާތެއްގެ ގޮތުގައި މަސައްކަތްކުރެއްވިއިރު އެހެންގައުމުތަކުގެ ޕްރެޝަރު ރާއްޖެ އަށް އިތުރުކުރުމަށް މަސައްކަތްކުރައްވާފައެވެ. އޭރު އެއީ ރާއްޖޭގެ ދާޚިލީ ކަމަކަށް ނުވެއެވެ. މިއަދު ކަޝްމީރުގެ މުސްލިމުންނާއި ދޭތެރޭ އެއްޗެއް ވިދާޅުވާން އެ ބޭފުޅާއަށް ކެރިވަޑައިނުގަންނަވަނީ އެއީ އިންޑިއާގެ ދާޚިލީ ކަމެއް ކަމަށް ވިދާޅުވެއެވެ.

މި ސަރުކާރު އައި ފަހުން އިންޑިއާ އާއި ވަނީ ވަރަށް ބޮޑަށް ގުޅުން ބަދަހިކޮށްފައެވެ. ރަނގަޅު ނިންމުމެކެވެ. ހުރިހާ ގައުމަކާވެސް ގުޅުން ބަދަހި ކުރަންވާނެއެވެ. އިންޑިއާ އިން ވަނީ 800 މިލިއަން ޑޮލަރުގެ ލޯނެއް ވެސް ރާއްޖެ އަށް ދީފައެވެ. އެހެނަސް އަނބުރާ ދައްކަންޖެހޭ ލޯނެއް އޮތެއް ކަމަކު ދިވެހި ރާއްޖޭ އިންޑިއާއަށް މިހާބޮޑަށް 'ވިކި ހުސްވުމަކީ' ހަމަ އަޖައިބެއް ކަހަލަ ކަމެކެވެ. އަޅުގަނޑުމެންގެ މުސްލިމު އަޚުންނާއި އަޚުތުންނާއި ދޭތެރޭ ނުހަނު އިހާނެތިކޮށް ކަންތައް ކުރަމުންދާއިރު ސަރުކާރުންގެ ލޮލާއި ދޫ 'ކަޝްފު' ކޮށްގެން ކަޝްމީރުގައި ހިނގާ ލާއިންސާނީ އަމަލުތައް ނުފެންނަކަމަށް ހެދުމަކީ ލަދު ގަންނަންޖެހޭ ކަމެކެވެ. އިންސާނީ ހައްގުތަކޭ ކިޔައިގެން ވެރިކަމަށް އައިސް އިންސާނީ ހައްގުތަކުގެ ދިފާއުގައި އެއްވެސް ކަމެއް ނުކުރެވޭނަމަ މީ ވަރަށް ދެރަކެމެކެވެ. މިނިސްޓަރު ޝާހިދު ޕޯޑިއަމަށް އަރާ މޮޅު ވާހަކަ ދެއްކިޔަސް އެ ނިމުމީއެއް ނޫނެވެ. އަމަލުން އެކަންދައްކާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް