ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް މަދުވި އިރު، ސުކޫލަށް ދާން ދެކޮޅު ހަދާ ކުދިންގެ އަދަދު ގިނަވެއްޖެ

ޖޫން މަހުގެ ތަފާސް ހިސާބުތަކާ އަޅާ ބަލާއިރު، ނިމިދިޔަ ޖުލައި މަހު ޖެންޑާ މިނިސްޓްރީއަށް ރިޕޯޓް ކޮށްފައިވާ، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތައް މަދުވެ، ސުކޫލަށް ދާން ދެކޮޅު ހަދާ ކުދ...

25 Aug 2019 | 05:23

ޖޫން މަހުގެ ތަފާސް ހިސާބުތަކާ އަޅާ ބަލާއިރު، ނިމިދިޔަ ޖުލައި މަހު ޖެންޑާ މިނިސްޓްރީއަށް ރިޕޯޓް ކޮށްފައިވާ، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތައް މަދުވެ، ސުކޫލަށް ދާން ދެކޮޅު ހަދާ ކުދިންގެ އަދަދު ގިނަވެއްޖެއެވެ.

2019 ވަނަ އަހަރުގެ ޖޫން މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެ މަހުގައި ކުޑަކުދިންނަށް ކުރާ އަނިޔާގެ 125 މައްސަލައެއް ވަނީ ރިޕޯޓް ކޮށްފައެވެ. ޖޫން މަހާއި ޚިލާފަށް ޖުލައި މަހުގައި ޖެންޑަރ މިނިސްޓްރީއަށް ރިޕޯޓްކޮށްފައިވަނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ 105 މައްސަލައެކެވެ. އެއީ ޖޫން މަހާ އަޅާ ބަލާއިރު 16 އިންސައްތަ މަދު އަދަދެކެވެ.

ކުޑަކުދިންނަށް ކުރާ އެކިބާވަތުގެ އަނިޔާގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. އެގޮތުން މިއަދު އެ މިނިސްޓްރީން ނެރުނު ޖުލައި މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިއްކައިގެ 34 މައްސަލައެއް ވަނީ ރިޕޯޓް ކޮށްފައެވެ. އޭގެ ކުރިން ޖޫން މަހުގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި، ޖޫން މަހުގައި އެ މިނިސްޓްރީއަށް ރިޕޯޓް ކޮށްފައިވަނީ ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިއްކައިގެ 36 މައްސަލައެވެ. ޖޫން މަހާ އަލާ ބަލާއިރު ޖުލައި މަހު ކުޑަކުދިންނަށް ޖިންސީ ހާނިއްކަ ކުރުމުގެ މައްސަލަތައް މިވަނީ ފަސް އިންސައްތަ މަދުވެފައެވެ.

ޖޫން މަހާ އަޅާބަލާއިރު ސުކޫލަށް ދާން ދެކޮޅު ހަދާ ކުދިންގެ އަދަދު މިވަނީ 80 އިންސައްތަ އިތުރު ވެފައެވެ. އެގޮތުން މިއަހަރުގެ ޖޫން މަހުގައި ސުކޫލަށް ދާން ދެކޮޅު ހެދިކަމަށް ރިޕޯޓްކޮށްފައިވަނީ ފަސް މައްސަލައެކެވެ. އެހެންނަމަވެސް ނިމިދިޔަ ޖުލައި މަހުގައި ސުކޫލަށް ދާން ދެކޮޅު ހެދިކަމުގެ ނުވަ މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ. މެއި މަހު އެ އަދަދު އުޅެނީ ދޭއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް