ޔުނައިޓެޑަށް ސީޒަންގެ ފުރަތަމަ ބައްޔާ ކުރިމަތިލާން ޖެހުނުއިރު، ޗެލްސީއަށް ހަނިމޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅެވުނު މެޗުތަކުގެ ތެރެއިން، ނޯވިޗް ސިޓީ އަތުން 3-2 ގެ ހަނިމޮޅެއް ޗެލްސީން ހޯދިއިރު، މެންޗެސްޓާ ޔުނައިޓެޑަށް ސީޒަންގެ ފުރަތަމަ ބައްޔާ ކުރިމަތިލާން ޖެހިއްޖެއެވެ. ކުޅުނު ...

25 Aug 2019 | 03:40

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅެވުނު މެޗުތަކުގެ ތެރެއިން، ނޯވިޗް ސިޓީ އަތުން 3-2 ގެ ހަނިމޮޅެއް ޗެލްސީން ހޯދިއިރު، މެންޗެސްޓާ ޔުނައިޓެޑަށް ސީޒަންގެ ފުރަތަމަ ބައްޔާ ކުރިމަތިލާން ޖެހިއްޖެއެވެ.

ކުޅުނު ފުރަތަމަ މެޗުން މޮޅުވެ، 2 ވަނަ މެޗުން އެއްވަރުވެފައި އޮތް ޔުނައިޓެޑް ރޭ ބަލިވީ، ކްރިސްޓަލް ޕެލެސް އަތުން 2-1 ގެ ނަތީޖާއިންނެވެ.

ރޭގެ މެޗުގެ ކުރީކޮޅު ޔުނައިޓެޑުން ރަނގަޅަށް ކުޅެ ހަމަލާތަކެއް އުފެއްދި ނަމަވެސް، ރަޝްފޯޑް އަދި ޖޭމްސްއަށް ލިބުނު ފުރުސަތުގެ ބޭނުމެއް ވެސް ނުކުރެވުނެވެ. ނަތީޖާއަކަށްވީ ޔުނައިޓެޑް ސިއްސުވާލުމަށްފަހު ކްރިސްޓަލް ޕެލެސް އިން ލީޑް ނެގުމެވެ. މެޗުގެ 32 ވަނަ މިނިޓުގައި ކްރިސްޓަލް ޕެލެސްއަށް މި ލަނޑު ޖަހައިދިނީ އަޔޫ އެވެ.

ޔުނައިޓެޑުން މެޗުގެ ނަތީޖާ ހަމަހަމަކޮށްލުމަށް ކުރަމުން އައި މަސައްކަތުގައި އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މެޗުގެ 69 ވަނަ މިނިޓުގައެވެ. ކްރިސްޓަލްގެ ލޫކާ މިލިވޮޖެވިޗް، ސްކޮޓް މެކްޓޮމިނޭއަށް ކުރި ފައުލްއަކާ ގުޅިގެން ރެފްރީ، ޔުނައިޓެޑަށް ޕެނަލްޓީއެއް ދިނެވެ. ވޫލްވްސް އާ އެއްވަރުވި މެޗުގައި ޕެނަލްޓީ ނާކާމިޔާބު ކޮށްލި ޕައުލް ޕޮގްބާގެ ބަދަލުގައި ރޭގެ މެޗުގައި ޕެނަލްޓީ ޖެހީ މާކަސް ރަޝްފޯޑެވެ. އެހެނަސް، އޭނާއަށް ވެސް ޕެނަލްޓީ ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.

މެޗުން ކްރިސްޓަލް މޮޅުވާ ދަނިކޮށް، 89 ވަނަ މިނިޓުގައި ޔުނައިޓެޑްގެ ޑެނިއަލް ޖޭމްސް ޖެހި ލަނޑާއެކު ޔުނައިޓެޑަށް ޕޮއިންޓެއް ލިބޭނެކަމަށް ބެލެވުނެވެ. އެހެނަސް، އުފެއްދި އަވަސް ކައުންޓަރ އެޓޭކެއްގައި އިތުރު ވަގުތުގެ 3 ވަނަ މިނިޓުގައި ވެން އާހޮލްޓް ޖެހި ލަނޑާއެކު ކްރިސްޓަލް ޕެލެސްއިން 3 ޕޮއިންޓް ކަށަވަރުކުރިއެވެ. މި ހަމަލާ ފޮނުވާލީ ގޯލުގެ ހަނި އޭންގަލްއަށް ކަމަށްވެފައި، ޔުނައިޓެޑްގެ ގޯލްކީޕަރ ޑެ ހެއާ އަށް ބޯޅަ މަތަކުރެވެން ޖެހޭނެކަމަށް ބެލެވުނަސް، އޭނާއަށް ހެދުނީ ގޯހެވެ.

ޗެލްސީ އާއި ނޯވިޗް ކުޅުނު މެޗުގައި، މެޗު ފަށައިގެން އެންމެ 3 މިނިޓުގެ ތެރޭގައި ޗެލްސީން ގޯލު ހުޅުވާލިއެވެ. އެޒިޕްލިކުއޭޓާ ނަގައިދިން ހުރަހަކުން މި ލަނޑު ޖެހީ އަބްރަހަމް އެވެ. މިއީ އޭނާ ޗެލްސީއަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

ޗެލްސީން ލަނޑު ޖެހިތާ 3 މިނިޓު ފަހުން ނޯވިޗުން ވަނީ ނަތީޖާ ހަމަހަމަ ކޮށްލާފައެވެ. މި ސީޒަންގައި ވިދަމުން އަންނަ ޕުއްކީ ދިން ބޯޅައަކުން ނޯވިޗަށް ލަނޑު ޖަހައިދިނީ ކަންޓްވެލް އެވެ.

މެޗުގެ 17 ވަނަ މިނިޓުގައި ޕްލިސިޗް ދިން ޕާހަކުން މައުންޓް ޖެހި ލަނޑާއެކު ޗެލްސީ އަނެއްކާ ވެސް ލީޑު ނެގި ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން އަނެއްކާ ވެސް ނޯވިޗުން ނަތީޖާ ހަމަހަމަ ކޮށްލިއެވެ. 30 ވަނަ މިނިޓުގައި އެ ޓީމުގެ 2 ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ޕުއްކީއެވެ.

ޗެލްސީއަށް މެޗުން 3 ޕޮއިންޓް ހޯދައިދިން ލަނޑު، މެޗުގެ 68 ވަނަ މިނިޓުގައި އެ ޓީމަށް ޖަހައިދިނީ އަބްރަހަމް އެވެ.

މިއީ އާ ކޯޗު އަދި ކްލަބްގެ ލެޖެންޑް ފްރޭންކް ލަމްޕާޑް އާއެކު ޗެލްސީ ހޯދި ފުރަތަމަ މޮޅެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް