މޮރީނިއޯގެ އާދަޔާ ހިލާފު ނޫސްވެރިންގެ ބައްދަލުވުން

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ ކޯޗު ޖޯސް މޮރީނިއޯ އަބަދު ވެސް ފާހަގަ ކުރެވެނީ ނޫސްވެރިންނާ ބީރައްޓެހި، ނޫސްވެރިންގެ ބައްދަލުވުންތަކާ ގަޔާ ނުވާ ކޯޗެއްގެ ގޮތުގައެވެ. ނޫސްވެރިންގެ ސުވާލުތަކުން ސަލާމަތް...

25 Aug 2018 | 14:35

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ ކޯޗު ޖޯސް މޮރީނިއޯ އަބަދު ވެސް ފާހަގަ ކުރެވެނީ ނޫސްވެރިންނާ ބީރައްޓެހި، ނޫސްވެރިންގެ ބައްދަލުވުންތަކާ ގަޔާ ނުވާ ކޯޗެއްގެ ގޮތުގައެވެ. ނޫސްވެރިންގެ ސުވާލުތަކުން ސަލާމަތްވުމަށް، ނޫސްވެރިންގެ ބައްދަލުވުންތަކަށް އެތައް އިރެއް ލަހުން ދިއުމާއި، ކުރާ ސުވާލަކުން ހިތްހަމަ ނުޖެހިގެން ބައްދަލުވުން ދޫކޮށްފައި ދިއުމަކީ މޮރީނިއޯގެ އާންމު އާދައެކެވެ.

އެހެނަސް، މިފަހަރު ނޫސްވެރިންގެ ކިބައިން ސަލާމަތްވުމަށް މޮރީނިއޯ ބޭނުންކުރީ އެހެން އުކުޅެކެވެ. މި ހަފުތާގައި ޓޮޓެންހަމްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމަށް އޭނާ ވަނީ، އަންނާނެކަމަށް ލަފާކުރެވުނު ވަގުތުގެ 30 މިނިޓު ކުރިން ގޮސްފައެވެ. އޭރު ގިނަ ނޫސްވެރިން އެ ބައްދަލުވުމަށް ހާޒިރު ވެސް ނުވެއެވެ. އެވަރުން އަދި ނިމުނީކީ ނޫނެވެ. ތިބި މަދު ނޫސްވެރިން ކުރި ސުވާލުތަކަށް އޮއްޓަރެއް ނެތް ގޮތަށް، ކުރު ޖަވާބުތަކެއް ދީ، އެންމެ 4 މިނިޓުން ނޫސްވެރިންގެ ބައްދަލުވުން ނިންމާލާފައި ނުކުތީއެވެ.

އާ ސީޒަން ފެށިގެން ކުޅުނު 2 ވަނަ މެޗުން ބްރައިޓަން އަތުން ބަލިވުމާއި، ޕޮގްބާގެ މައްސަލާގައި މޮރީނިއޯ މި ފަހުން އައިސް ރުޅިގަދަ ވެފައި ހުރުން އެއީ މި އާދަޔާ ޚިލާފު ނޫސްވެރިންގެ ބައްދަލުވުމުގެ ސަބަބުކަމަށް ވެދާނެއެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މޮރީނިއޯ ބޭނުންވި ކުޅުންތެރިން ނުގަނެވުމުން، މެންޗެސްޓާ ޔުނައިޓެޑްގެ ޑިރެކްޓަރ އެޑް ވޫޑްވާޑްއާ މައްސަލަ ޖެހިފައިވާކަމަށް އަޑު ފެތުރިފައިވާއިރު، އެކަމާ ގުޅުވައި، ވުޑްވާޑްއާ މޮރީނިއޯގެ މެދުގައި ހުރިހާކަމެއް ރަނގަޅުތޯ ނޫސްވެރިޔަކު ސުވާލުކުރުމުން މޮރީނިއޯ ބުނީ "ޔަގީން" ކަމަށެވެ. އެއާ ގުޅުވައިގެން އެއްވެސް މައްސަލައެއް އުޅޭތޯ ސުވާލުކުރުމުން ބުނީ "ނޫން" ކަމަށެވެ.

ޔުނައިޓެޑްގައި ހުންނަން ބޭނުން ނުވާކަމަށް އަޑު ފެތުރިފައިވަނިކޮށް ދާދިފަހުން ޕޮގްބާ ދެއްކި ވާހަކަތަކާމެދު ސުވާލުކުރުމުން މޮރީނިއޯ ބުނެފައިވަނީ "އެ ވާހަކަ ދެއްކީ ޕޮގްބާ. އެއަށް ޖަވާބު ދޭން ޖެހޭނީ އޭނާ" ކަމަށެވެ. އަދި ޕޮގްބާ ދެއްކި ވާހަކަތަކުގެ ތަފްޞީލު ހޯދަން ބޭނުންވާނަމަ ޕޮގްބާއާ ސުވާލުކުރުމަށް ވެސް މޮރީނިއޯ ވަނީ ބުނެފައެވެ.

ބްރައިޓަން މެޗުގެ ނަތީޖާއާމެދު ސުވާލުކުރުމުން މޮރީނިއޯ ބުނީ "ލެސްޓާއާ ދެކޮޅަށް އަހަރެމެން ރަނގަޅަށް ކުޅުނު އަދި މޮޅުވި. ބްރައިޓަންއާ ދެކޮޅަށް ކުޅުން ރަނގަޅެއް ނޫން އަދި ބަލިވީ" ކަމަށެވެ.

ބްރައިޓަން މެޗަށް ފަހު ޔުނައިޓެޑްގެ ޑިފެންޑަރުންނަށް މޮރީނިއޯ ވަރަށް ބޮޑަށް ފާޑުކިޔާފައިވާއިރު، އެކަމާ ބެހޭގޮތުން ތަފްސީލު ހޯދަން ކުރެވުނު ސުވާލުތަކަށް ބުނެފައިވަނީ، ނޫސްވެރިންނާއެކު ކުޅުންތެރިންގެ އެނަލިސިސް އޭނާ ނުހަދާކަމަށެވެ.

އަންނަ ހޯދަ ދުވަހު ޓޮޓެންހަމްއާ ދެކޮޅަށް ކުޅޭ ވަރުގަދަ މެޗުގެ ކުރިން މޮރީނިއޯ އާދަޔާ ޚިލާފު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވާއިރު، މީގެ ކުރިން ވެސް މިފަދަ ކަންކަމުން އޭނާއަށް މީޑިޔާގެ އިތުރު ސަމާލުކަން ލިބިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް