މެޗުގެ ފަހު ވަގުތު ކާމިޔާބު ކުރި 2 ލަނޑާއެކު 3-1 އިން ހޮފެންހައިމް ބަލިކޮށް، ބަޔާން މިޔުނިކް ބުންޑަސްލީގާ މޮޅަކާއެކު ފަށައިފިއެވެ.
އާ ސީޒަންގެ ފެށުން ބަޔާން މިޔުނިކަށް ރަނގަޅަށް ދިޔައިރު، އެ ޓީމަށް ކާމިޔާބު ލިބުނީ ވީއޭއާރ ބޭނުން ކޮށްގެން ފަހު ވަގުތު ނިންމި ސުވާލު އުފެދޭފަދަ ނިންމުން ތަކަކާއެކުގައެވެ. ހޮފެންހައިމްގެ ކޯޗުގެ އިތުރުން، ބަޔާން މިޔުނިކްގެ ކޯޗުގެ ގޮތުގައި ލީގުގެ އަލަތު މެޗާ ކުރިމަތިލި ނިކޯ ކޮވަޗް ވެސް ވަނީ ވީއޭއާރ ބޭނުން ކޮށްގެން ނިންމި ނިންމުންތަކާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
ފާއިތުވި ސީޒަންގައި 21 ޕޮއިންޓްގެ ލީޑަކާއެކު ޖަރުމަނު ލީގު ނެގިއިރު ދެއްކިފަދަ ވަރުގަދަ ކުޅުމަކާއެކު ބަޔާން މިޔުނިކުން މެޗު ފެށިއިރު، މާކަ ގިނައިރުތަކެއް ނުވެ އެ ޓީމަށް ވަނީ ލީޑު ލިބިފައެވެ. ޖޯޝުއާ ކިމިޗް ނަގައިދިން ކޯނަރަކުން މެޗުގެ 23 ވަނަ މިނިޓުގައި ބޮލުން މި ލަނޑު ޖަހައިދިނީ ތޯމަސް މުލާއެވެ.
ލީޑަކާއެކު ކުޅެމުން ދިޔަ ބަޔާންއަށް ނުތަނަވަސްކަމެއް ކުރިމަތިވީ ފުރަތަމަ ހާފު ނިމެން ދަނިކޮށް ނިކޯ ކުރި ފައުލްއަކުން ކޯމަންއަށް އަނިޔާވެ މެޗާ ވަކިވާން ޖެހުނު ހިސާބުންނެވެ.
ދެ ވަނަ ހާފު ފެށިގެން މާކަ ގިނައިރުތަކެއް ނުވެ ޒަލައި ކާމިޔާބު ކޮށްދިން ލަނޑުން ހޮފެންހައިމް ނަތީޖާ ހަމަހަމަކުރިއިރު، ބަޔާން މިޔުނިކްގެ ޑިފެންސް ފެނުނީ ބަލިކަށިކޮށެވެ.
މޮޅަކަށް ބޭނުންވެފައި އޮތް ބަޔާންއަށް މެޗުގެ 82 ވަނަ މިނިޓުގައި ލީޑު ނަގައިދިނީ ލެވަންޑޯސްކީ އެވެ. ބަޔާންއަށް ލިބުނު ޕެނަލްޓީއެއް ލެވަންޑޯސްކީ ފޮނުވާލުމުން ހޮފެންހައިމްގެ ކީޕަރު މަތަކުރި ނަމަވެސް، ވީއޭއާރް ރިވިޔުއަށް ފަހު ރެފްރީ ނިންމީ އަލުން ޕެނަލްޓީ ޖަހަން ޖެހޭ ކަމަށެވެ. އެއީ ބަޔާންގެ އާރްޔެން ރޮބެން، ޕެނަލްޓީ ޖެހިއިރު ޕެނަލްޓީ އޭރިއާގެ ތެރެއަށް ވަދެ ހުރުމުންނެވެ. އަލުން ޕެނަލްޓީ ޖަހަން ލިބުނު ލެވަންޑޯސްކީ ވަނީ ފަސޭހަކަމާއެކު ލަނޑު ކާމިޔާބު ކޮށްފައެވެ.
ބަޔާންއަށް ލިބުނު ޕެނަލްޓީއަކީ ރިބެރީއަށް ހޮފެންހައިމްގެ ހާވަޑް ކުރި ފައުލްއަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. އެހެނަސް ޕެނަލްޓީއެއް ދޭން ޖެހޭފަދަ ފައުލްއެއް ކުރިތޯ ސުވާލު އުފެދުނުއިރު، ބަޔާންގެ ކޯޗު ވެސް ވަނީ އެ ނިންމުމަށް ފާޑުކިޔާފައެވެ.
މެޗުގެ ފަހު ވަގުތު މުލާ ދިން ބޯޅައަކުން ރޮބެން ވަނީ އިތުރު ލަނޑެއް ކާމިޔާބު ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް