ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓު އޮޅުވާލައިފިނަމަ ރާއްޖެ ހިފަން ޖެހޭކަމަށް އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ސުބްރަމަނިއަން ސްވާމީ އަށް ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ޓްވިޓާ މެދުވެރިކޮށް ސްވާމީ އަށް ރަށްދު ދެއްވަމުން އިބޫ ވިދާޅުވެފައިވަނީ ސުބްރަމަނިއަންގެ ނިންމުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. އަދި ވޯޓު އޮޅުވާލުން ފަދަ ކަންކަމަށް އެޑްރެސް ކުރަންވާނީ ބައިނަލްއަގްވާމީ އޮނިގަނޑުގެ ތެރޭން ކަމަށާއި ޖަޒުބާތުގައި ނެރޭ ސްޓޭޓްމެންޓަކުން ނޫންކަމުގައިވެސް އިބޫ ވިދާޅުވެފައިވެއެވެ.
https://twitter.com/ibusolih/status/1033304117706276865
މީގެ އިތުރުން ރ އިންނަމާދޫގައި ވާހަކަ ދައްކަވަމުންވެސް އިބޫވަނީ މި މައްސަލައިގާ އިބޫގެ ބަސް އިއްވާފައެވެ.
އިންނަމާދޫގައި އިބޫ ވިދާޅުވީ ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވަން ސަރުކާރުން ހުރަސް އަޅައި އެކިކަންކަން ހިންގަމުން ދާ ކަމަށާއި އެ ކަންކަން ހުއްޓުވަން ބޭރުން ވެސް ހެޔޮ ނިޔަތުގައި ރާއްޖެއަށް އެހީވާން ޖެހޭ ކަމަށެވެ. އަދި އެފަދަ އެހީތައް ވާން ޖެހޭނީ ރާއްޖެ އާއި އެފަދަ ގައުމުތަކާ އެކު ހުރި ދާހިލީ އެއްބަސްވުންތަކާއި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ފުރިހަމަ ގޮތެއްގައި އިހުތިރާމް ކޮށްގެން ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫއަރާފާނެ އެއްވެސް ކަމަކަށް ފުރުސަތު ދީ އެކަމަށް ތަރުހީބު ދެވެން ނޯންނާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
އެމަނިކުފާނުގެ ވެރިކަމެއްގައި އިސްލާމް ދީނާއި މިނިވަންކަމާއި ރާއްޖޭގެ ވަހުދަތަށް ބުރޫ އަރާ ފާނެ ފަދަ ކޮމްޕްރޮމައިޒްއެއް ނުކުރައްވާނެ ކަމަށް މިއަދު އިބޫ ވައުދުވެވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް