ތިން އަންހެންކުއްޖަކު ގްރޫޕް ހަދާފައި ގޮސް އަންހެންކުއްޖެއްގެ ގައިގާ ތަޅާ ގަނާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު އެ މައްސަލަ ބަލަން ފަށާފައިވާކަމަށް ފުލުހުން ބުންޏެވެ. ފުލުހުން އެހެން ބުނިތާ 24 ގަޑިއިރު ނުވަނީސް ދެން ލިބުނު ހަބަރަކީ ގަނާކުރުމުގެ ޝިކާރައަކަށްވި އަންހެންކުއްޖާ ގެއްލުނު ހަބަރެވެ.
ފަހުން މައުލޫމާތު ތިލަވިއިރު އެ ކުއްޖާ ގެއްލުނުތާ ހަފްތާއެއް ވެއްޖެއެވެ. ފުލުހުން މިކަމުގައި އަދި މާކަގިނަ މައުލޫމާތެއް ހާމައެއް ނުކުރެއެވެ.
ކޮންމެއަކަސް ގަނާ ކުރުމަކީ ދިވެހި މުޖްތަމައުގައި މިއަދު ހިފަމުން އަންނަ ނުބައި އާދައެކެވެ. އެއާދައިގެ ސަބަބުން ބައެއް ފުރާނައަށް ގެއްލުންވާކަމީވެސް ހަގީގަތެވެ. ގަނާ ކުރުމަށް ކެތް ނުކުރެވި ބައެއް މީހުން އަމިއްލައަށް މަރުވުން އިތުރުވާކަން ދުނިޔެ ދައްކައެވެ.
ގަނާގެ ޝިކާރައަކަށްވި ކުއްޖާއަށް ވީގޮތެއް އަދި ނޭނގެއެވެ. ހޯދަމުން އަންނަނީއެވެ. ނަމަވެސް ގަނާ ކުރުމާއި ދެކޮޅަށް ދިވެހިން ތެދުވަން ލިބުނު މި ފުރުސަތުގައި އަނެއްކާވެސް މި ފެންނަނީ ހިތާމަވެރި މަންޒަރެކެވެ. މުޅި މުޖްތަމައު އެއްބައިވެ އެ ކުއްޖާއަށް ގަނާކުރި ތިން ކުދިންނަށް ގަނާ ކުރުމުގައި ޖާމިނުވެ މަސައްކަތް ކުރަމުން އަންނަތަނެވެ.
މުޅި ފޭސްބުކް މިއަދު ފްލަޑް ކޮށްލާފައިވަނީ އެ ތިން ކުދިން ކަމަށްބުނާ ކުދިންތަކެއްގެ ޕްރޮފައިލް ފެންނަ ސްކްރީން ޝޮޓްތަކާއި އެ ތިން ކުދިންގެ ތެރެއިން، އަންހެންކުއްޖާގެ ގައިގާ ޖެހިކަމަށް ބުނާ އަންހެންކުއްޖާއަށް މަލާމަތް ކުރުމުގެ ޕޯސްޓްތަކެވެ.
މީމްސްތައް ހަދައިގެން އެއްބަޔަކު އަވަދިނެތި އެ މީމްސްތައް ވައިރަލް ކުރުމުގައި އަވަދިނެތި އުޅޭއިރު އަނެއް ބަޔަކު އުޅެނީ އެ ކުދިން ޖަވާބުދާރީ ކުރުވަންކަމަށްބުނެއެވެ. އެތަނުން އެއްކުއްޖެއް ކަމަށް ބުނާ ކުއްޖާގެ ވޯލަށް މިނެޓަކު އެތައް ޕޯސްޓެއް އެބަ ޓެގް ކުރެއެވެ. ހަމަ އެކި ސިފަ ސިފައިގާ މަލާމާތް ކުރުމާއި ފުރައްސާރަ ކުރުމެވެ.
އެ ތިން ކުދިންގެ ދިފާއުގައި ވާހަކަދައްކަނީކީ ނޫނެވެ. އެހެންނަމަވެސް މިކަމާ އަހަރުމެން ވިސްނަންވެއްޖެ ނޫންތޯއެވެ. ގަނާ ކުރުމުގެ ޝިކާރައަކަށްވެ އެއް ކުއްޖަކު ވީނުވީއެއް ނުއެނގި އެވަނީ ގެއްލިފައެވެ. ދެން މުޅި މުޖްތަމައު އެކުގައި އެ ތިން ކުދިންނަށް ނުވަތަ އެ ތިން ކުދިން ކަމަށް ބެލެވޭ ކުދިންނަށް ގަނާ ކުރުމަކީ ކަމުގެ ހައްލުތޯއެވެ.
ކަންކަން ހައްލުވާނީ ގަނާ ކުރުމުގެ ބަދަލުގައި ގަނާކުރުމަކުން ނޫނެވެ. ފަރުދީ ޒިންމާ ކޮންމެ ރައްޔިތަކުވެސް އަދާކޮށްގެންނެވެ. އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އާއިލާ އެ ގެންދަނީ ކުރަމުންނެވެ. އެ ތިން ކުދިންނަށް ނުވަތަ އެ ތިން ކުދިން ކަމަށް ބުނާ ތިން ކުދިންނަށް ގަނާ ކުރުމުގެ ބަދަލުގައި ގެއްލުނު ކުއްޖާ ހޯދުމުގައި ހަމަ ކޮންމެ ފަރުދަކުވެސް މަސައްކަތް ކުރަންވީ ނޫންތޯއެވެ. ފުލުހުން އެވަނީ ގެއްލުނު ކުއްޖާގެ ފޮޓޯއާއި ވަނަވަރު އާންމުކޮށްފައެވެ.
ގަނާ ކުރުމުގެ މީމްސްތައް ހެދުމުގެ ބަދަލުގައި އެ ކުއްޖާ ފެނޭތޯ ޕޯސްޓެއް ހެދުންވެސް މާ ރަނގަޅު ނޫންތޯއެވެ. އަދި އެ ކުއްޖާ ފެނޭތޯ މިސްކިތަކަށް އަރާ ދުއާއެއް ކޮށްލުން އަދި މާ ހެޔޮކަން ބޮޑު ނޫންތޯއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް