ރާއްޖެއަށް އެއްވެސް ގައުމަކުން އަރައިގަނެ ރާއްޖެ ހިފާ ރާއްޖެ އިސްތިއުމާރު ކުރުމާއި އަދާލަތު ޕާޓީން ދެކޮޅުކަން އެ ޕާޓީން ހާމަކޮށްފިއެވެ.
އެ ޕާޓީން މިކަން ހާމަކޮށްފައިވަނީ މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.
"މިހިނގާ 2018 ވަނަ އަހަރު ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓު އޮޅުވާލުމުގެ އަމަލެއް ހިންގާފިނަމަ އިންޑިޔާއިން ދިވެހިރާއްޖެ ހިފަންޖެހޭކަމަށް ވިދާޅުވެ، އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ސުބްރަމާނިއަން ސުވާމީ ޓުވީޓްކުރައްވާފައިވާތީ ޢަދާލަތު ޕާޓީން އެކަން ކުށްވެރިކުރަމެވެ. ބޭރުގެ އެއްވެސް ޤައުމަކުން ދިވެހިރާއްޖެ ޢިސްތިޢުމާރުކުރަން ޖެހޭ އެއްވެސް ޙާލަތެއް އޮންނާނެކަމަށް ޢަދާލަތު ޕާޓީން ޤަބޫލެއް ނުކުރަމެވެ. އަދި ދިވެހިރާއްޖެ އަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ މިނިވަން މުސްތަޤިއްލު ދައުލަތެއްކަންވެސް މި ފުރުސަތުގައި ފާހަގަކުރަމެވެ ." އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާނުގައި އަދާލަތުން ބުނެފައިވަނީ މި ފަރުދީ ގޮވާލުމަކީ އިންޑިޔާގެ ސަރުކާރާއި ރައްޔިތުން ދިވެހިރާއްޖެ އާއި ދިވެހި ރައްޔިތުންނާމެދު ދެކޭ ގާތް އަވަށްޓެރިކަމުގެ ނަޒަރާ ޚިލާފު ގޮވާލުމެއްކަމަށްވެސް ޢަދާލަތު ޕާޓީން ދެކޭކަމަށާއި އިންޑިޔާ އަކީ ދިވެހިރާއްޖެއާ އެންމެ އަވަށްޓެރި ޤައުމު ކަމަށްވާހިނދު ދިވެހިރާއްޖޭގެ މިނިވަންކަމާ އިސްތިޤުލާލަށް ލޮޅުން އަރާފާނެ އެއްވެސް ކަމެއް އިންޑިޔާއިން ނުކުރާނެކަން އިންޑިޔާގެ އެކި ސަރުކާރުތަކުން ވޭތުވެދިޔަތަނުގައި ސާބިތުކޮށްދީފައިވާކަން މި ފުރުސަތުގައި ފާހަގަކުރާކަމަށެވެ. އަދި މިފަހުގެ ތާރީޚުގައި ދިވެހިރާއްޖޭގެ ސިޔާދަތަށް ނުރައްކާވި ކޮންމެ ފަހަރެއްގައި ދިވެހިރާއްޖެއަށް އެންމެ ގާތުން އެހީތެރިވެދިން ޤައުމަކީވެސް އިންޑިޔާ ކަމުގައިވެސް އަދާލަތު ޕާޓީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
"އިންޑިޔާއާ ދިވެހިރާއްޖެއާ މެދު، އިތުބާރާއި ޔަޤީންކަމުގެ މައްޗަށް ބިނާވެ، ކުރިއަރަމުން އަންނަ ސިޔާސީ، އިޤްތިސާދީ އަދި ޢަސްކަރީ ގާތް ގުޅުމެއް އޮތުމަކީ ދެ ޤައުމަށްވެސް އެންމެ ފައިދާހުރި ގޮތްކަމުގައި ޢަދާލަތު ޕާޓީން ޤަބޫލުކުރަމެވެ. އަދި އިންޑިޔާ ކަނޑުގެ ސަރަޙައްދީ ހަމަޖެހުމާއި ސުލްހަ ޤާއުމުކުރުމަށް އޮތް މަގަކީވެސް އެއީ އެވެ. ނަމަވެސް ޢަބްދު ﷲ ޔާމީން ގެ ވެރިކަމުގައި ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު އެއްވެސް އަމާޒެއްނެތި ބައްޓަންކުރަމުންދާ ގޮތުން މި އަސާސްތަކާ ދުރަށްދާކަމީ ޢަދާލަތު ޕާޓީން ކަންބޮޑުވެ ހިތާމަކުރާކަމެކެވެ." އެ ބާޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދިވެހިރައްޔިތުންނަށް ލާބަޔާއި މަންފާކުރަނިވި ހެޔޮލަފާ ވެރިކަމެއް ދިވެހިރާއްޖޭގައި ޤާއިމްކޮށް މިނިވަން ޑިމޮކްރެޓިކް މާޙައުލެއް ދިވެހިރާއްޖޭގައި ޤާއިމް ކުރުމަށް އިންޑިޔާގެ އެހީތެރިކަން ދިވެހިންނަށް އެކިގޮތްގޮތުން ބޭނުންވާކަންވެސް މިފުރުސަތުގައި ފާހަގަކުރާކަމަށާއި ވަކިން ޚާއްސަކޮށް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ މިނިވަންކަން ކަށަވަރުކޮށް ރައްޔިތުންގެ ވެރިކަމެއް ދިވެހިރާއްޖޭގައި ޤާއިމްކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ކުރާ މަސައްކަތުގައި އިންޑިޔާއިން އަދާކުރާ އިސްދައުރު ބަލައިގަނެ އެކަން ފާހަގަކުރާކަމުގައިވެސް އަދާލަތު ޕާޓީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް