ގަނާކުރުން ހައްލުކުރުމަށް އަޅުގަނޑުމެންގެ ސަރުކާރެއްގައި ވަކި ސިޔާސަތެއް އެކުލަވާލާނަން: އައިޝާ

ގަނާކުރުމުގެ މައްސަލަތައް ހައްލުކުރުމަށް އިދިކޮޅު ކޯލީޝަންގެ ޝަރުކާރެއްގައި ﷲގެ އިރާދަފުޅާއެކު ވަކި ސިޔާސަތެއް އެކުލަވާލާނެ ކަމަށާއި އަދި އެކަމުގެ ސަބަބުން ގަނާކުރުން ހުއްޓުމަކަށް އަންނާނެކަމުގައި ގަބ...

25 Aug 2018 | 03:57

ގަނާކުރުމުގެ މައްސަލަތައް ހައްލުކުރުމަށް އިދިކޮޅު ކޯލީޝަންގެ ޝަރުކާރެއްގައި ﷲގެ އިރާދަފުޅާއެކު ވަކި ސިޔާސަތެއް އެކުލަވާލާނެ ކަމަށާއި އަދި އެކަމުގެ ސަބަބުން ގަނާކުރުން ހުއްޓުމަކަށް އަންނާނެކަމުގައި ގަބޫލުފުޅުކުރައްވާކަމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި އެ ޕާޓީގެ ލީޑަރުގެ އަނބިކަނބަލުން އައިޝަތު ނަހުލާ (އައިޝާ) ވިދާޅުވެއްޖެއެވެ.

އައިޝާ މިހެން ވިދާޅުވެފައިވަނީ މިހާރު ދ އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މީޑިއާތަކަށް މައުލޫމާތު ދެއްވަމުންނެވެ.

" އަޅުގަނޑުމެންގެ ކޯލިޝަން ޝަރުކާރެއްގަ އިންޝާ ﷲ މިކަން ހައްލު ކުރުމަށް ވަކި ސިޔާސަތެއް މި ގަނާކުރުމުގެ މައްސަލަތަކަށް އެކުލަވާލާނަން އަދި އެކަމުގެ ސަބަބުން މިކަން ހުއްޓުމަކަށް އަންނާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން" އައިޝާ ވިދާޅުވިއެވެ.

އައިޝާ ވިދާޅުވީ ރާއްޖޭގެ މުޖްތަމައުގައި މި ހިންގަމުންދާ ކަންތައްތަކަކީ އަޅުގަނޑުމެން ވަރަށް ހިތާމަކުރާ ކަންތައްތަކެއް ކަމަށާއި މިކަމުގެ ހައްލެއް ލިބި ދިރާސާއެއްކޮށް މިކަން ހުއްޓުވުމަށް ކުރެވޭނެ އެއްވެސް ވަސީލަތެއް ނެތްކަން ފާހަގަކޮށްލަން ޖެހޭ ކަމަށެވެ.

"އަޅުގަނޑު ވަރަށް ހިތާމަޔާއެކު ފާހަގަކުރަން އަޅުގަނޑުމެންނަށް މިކަމަކީ ހުރިހާ އެންމެންގެ ވަރަށްބޮޑު ޒިންމާއެއް އެކަމެއްގަ އެކުލެވިގެންވާކަމެކޭ މިކަން ހުއްޓުވުމަށްޓަކާ" އައިޝާ ވިދާޅުވިއެވެ.

އައިޝާ ވިދާޅުވީ މި އަނިޔާ ލިބެމުންދަނީ އަންހެން ކުދިންނަށް އެކަނި ނޫން ކަމަށާއި ފިރިހެން ކުދިންނާ ބޮޑެތި މީހުންނާ ފިރިންވެސް މީގެ ތެރޭގައި ހިމެނޭ އަނބިންވެސް ހިމެނޭ ކަމަށެވެ. އަދި މައިންބަފައިންވެސް މުސްކުޅި ހާލުގައި ޖެހޭ ދުވަހު އެމީހުންނަށް މިކަހަލަ ކަންތައްތައް ތަހަންމަލްކުރަންޖެހޭކަން ރާއްޖޭންނާ އަދި ދުނިޔޭގެ އެހެންތަންތަނުންވެސް ފެނިގެންދާކަމަށެވެ.

އައިޝާ މިހެން ވިދާޅުވެފައިވާއިރު ގަނާކުރުމުގެ ހާދިސާއެއް ކުރިމަތިވި އުމުރުން 15 އަހަރުގެ އަންހެންކުއްޖަކު މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން ވަނީ ގެއްލިފައެވެ. އެ އަންހެންކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނައިރު ތިން އަންހެންކުދިން ހިމެނޭ ގްރޫޕަކުން އެ އަންހެންކުއްޖާގައިގާ ތަޅާ މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވެއެވެ. އެ މައްސަލަ ތަހުގީގުކުރަމުން އަންނަކަމުގައި ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް