ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމުގެ ސިއްޙީ ހާލަތު ގޯސްވެގެން މާލޭން ޑޮކްޓަރުން ޖަލަށް ގެންދިޔަ ޚަބަރާއި އެކީ މުޅި ސޯޝަލް މީޑިއާ ކެކިއަރައިގަތެވެ. އެ މަނިކުފާނަށްޓަކައި އުފެދުނު ހަމްދަރުދީންނެވެ. ޒަމާންވީ ހަތުރުންނާއި މިތުރުންގެ މެސެޖްތަކެވެ. އަބަދުވެސް ސިޔާސީ ހަތުރެއްގެ ގޮތުގައި ފެނިގެންދިޔަ ރައީސް ނަޝީދުވެސް ވަނީ ރައީސް މައުމޫންގެ ސިއްހީ ހާލަތާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ސިޔާސީ ފަރާތްތަކާއި އާއްމު ރައްޔިތުންގެ ކަންބޮޑުވުންތައް މިކަމުގައި އިންތިހާއަށް ހުރިއިރު ރައީސް މައުމޫންގެ ފިރިހެން ދަރިކަލުން ޢައްސާން މައުމޫންގެ ޚަބަރެއް ނީވެއެވެ. ރައީސް މައުމޫންގެ ހާލަތު މިހާ ސީރިއަސްއިރުވެސް ޢައްސާނުގެ ޚަބަރެއްވެސް ހިލަމެއްވެސް ނުވާތީ ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. ޢައްސާނު ފިޔަވާ އާއިލާގެ ހުރިހާ ބޭފުޅުން ތިއްބެވީ ބައްޕާފުޅު ރައީސް މައުމޫނާއި އެކުގައި ކަމަށް އެ ބޭފުޅުން ވަނީ ވިދާޅުވެފައެވެ. ފާރިޝް މައުމޫން ހުންނެވީ ޖަލުގައެވެ. ޔުމްނާ މައުމޫންގެ ފިރިކަލުން ނަދީމު ހުންނެވީ ޖަލުގައެވެ. ދުންޔާ އާއި ޔުމްނާ ގެންދަވަނީ ބައްޕަގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ. މުޅި އާއިލާ އެއްބައެއްގެ ގޮތުގައި މަސައްކަތްކުރައްވާ އިރު ޢައްސާނު ރައީސް ޔާމީން އާއި އެކީ މަސައްކަތްކުރައްވާތީ ބައެއް މީހުންދަނީ ތަފާތު ސުވާލުތައް އުފައްދަމުންނެވެ. ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ޢައްސާން މައުމޫނަށް ކޮންމެވެސް ކަމެއްގެ ސަބަބުން މަޖުބޫރީ ހާލަތެއް އޮތީ މެދުވެރިވެފައެވެ. އަނެއް ބަޔަކު ގަބޫލުކުރާ ގޮތުގައި އެމަނިކުފާނުގެ ހިތުގައި ބައްޕައަށްޓަކައި ލޯތްބެއް ނެތީއެވެ. ރައީސް މައުމޫނުގެ ބޭފުޅުންނަކީ ވަރަށް ހަރުދަނާ ބޭފުޅުންނެވެ. ތަޢުލީމު ހާސިލްކުރައްވައިގެން ތިއްބެވި ބޭފުޅުންނެވެ. އެހެންކަމުން ޢައްސާނުގެ އަމަލުތައް ހުންނަ ގޮތާއި ބެހޭގޮތުން ހައިރާންވާ މީހުންވެސް މަދެއް ނޫނެވެ.
ރައީސް މައުމޫނުގެ ވަކީލުންނާއި އާއިލާގެ ބޭފުޅުން ވިދާޅުވާ ގޮތުގައި ރައީސް މައުމޫންގެ ހާލަތު ވަރަށް ސީރިއަސް އެވެ. ލޯޔަރުންނާއި ބައްދަލުކުރައްވަން އޮތް ބައްދަލުވުން ވެސް ބައްދަލުވުމަށް ކުޑަ ވަގުތުކޮޅަކަށް ވެފައި ހުއްޓާ ވަނީ ކެންސަލްކޮށްފައެވެ.
ރައީސް މައުމޫނަށް ކުރިމަތިވެވަޑައިގެންފައިވާ މައްސަލައަކީ ބެނިން ޕްރޮކްސިމަލް ޕޮޒިޝަނަލް ވާޓީގޯ (ބީޕީޕީވީ) ނަމަކަށް ކިޔާ ހާލަތެއް ކަމަށް އާއިލާއިން މައުލޫމާތުދެއެވެ.
ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމުގައި އިސް ދައުރެއް އަދާކުރެއްވި ރައީސް މައުމޫން ކުއްލި ހާލަތުގެ ދަށުން ފެބްރުއަރީ ފަހެއްގައި ހައްޔަރުކުރީ ރައީސް ޔާމިންގެ ވެރިކަން ގާނޫނާއި ޚިލާފަށް ވައްޓާލަން އުޅުއްވި ކަމުގެ ތުހުމަތުގައެވެ. އެ މަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާގެ ޝަރިއަތް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.
މައުމޫން މިހާރު އަދާކުރައްވަމުންގެންދަވާ އެއް އަހަރާއި 7 މަސް ދުވަހުގެ ޖަލު ހުކުމަކީ އެމަނިކުފާނުގެ ފޯނު ދެއްވަން އިންކާރު ކުރެއްވިކަމަށް ބުނެ އަދުލު އިންސާފު ގާއިމުކުރަން ހުރަސްއެޅެމުގެ ކުށުގެ ހުކުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް