ތިން އަންހެން ކުއްޖަކު ގްރޫޕް ހަދައިގެން އަންހެންކުއްޖަކު ތާކަށް ގެންގޮސް އަނިޔާކޮށް މާރާމާރީ ހިންގާ ވީޑިއޯއެއް އާންމުވެ އެ މައްސަލަ ބޮޑުވެ އެންމެ ފަހުން އެ ކުއްޖާ ގެއްލިގެން ހޯދަމުން އަންނައިރު އިތުރު މައުލޫމާތުތަކެއް މިވަނީ ފެންމަތިވެފައެވެ.
އެއީ އެ ކުއްޖާ ގެއްލުނުތާ ހަފްތާއެއްވެފައިވާކަމެވެ.
ފުލުހުން މިރޭ ބުނެފައިވަނީ މި މައްސަލައާ ގުޅިގެން އެ ވީޑިއޯ އެނަލައިޒްކޮށް ކުއްޖާ ދެނެގަނެވި އެކުއްޖާގެ އާއިލާއާ ވާހަކަ ދެއްކުމުން، އޯގަސްޓް 19 ވަނަ ދުވަހުން ފެށިގެން އާއިލާގެ ފަރާތުން މިކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމުގެ މަޢްލޫމާތު ފުލުހުންނަށް ލިބިފައިވެއެވެ. ނަމަވެސް ފުލުހުންނަށް މި ކުއްޖާ ގެއްލިގެން އެއްވެސް ފަރާތަކުން ރިޕޯރޓްކޮށްފައިނުވާކަމަށެވެ.
ގެއްލިގެން ހޯދަމުންދާ އަންހެން ކުއްޖަކީ ގދ.ތިނަދޫ / އާބާދުވާދީ، ނަޝްފާ ޙަސަން (15އ) އެވެ.
މި ކުއްޖާ ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށްއެދި ފުލުހުން މިރޭ ވަނީ ނަޝްވާގެ ވަނަވަރާއި ފޮޓޯ ހާމަކޮށްފައެވެ. ފުލުހުންގެ އެދުމަކީ ނަޝްފާ ޙަސަން އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެމަޢުލޫމާތެއް ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓްގެ ޑިއުޓީ ނަންބަރ 3000600 އަދި 9790163 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމެވެ.
ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއިން ފެންނަގޮތުގައި ތިން އަންހެންކުއްޖަކު ނަޝްފާގެ ދެ އަތުގައި ހިފައިގެން ގެންގޮސް ތަނެއްގައި ބަހައްޓާ ޒުވާބުކޮށް މޫނުމަތީގައި ދެތިންފަހަރު ޖަހައެވެ. އަދި އިންޒާރުތަކެއްވެސް ދެއެވެ.
މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނައިރު މި މައްސަލައިގާ އެއްވެސް މީހަކު ހައްޔަރުކުރިކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުން ބުނީ މި މައްސަލައިގާ އިތުރު ތަފްސީލެއް ދެވެން ނެތްކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް