ރާއްޖޭގައި އަމިއްލަ ނަފްސަށް އަނިޔާ ދެމުން އަންނަ މީހުންގެ އަދަދު މެއި މަހާއި އަޅާ ބަލާއިރު ޖޫން މަހު އިންތިހާއަށް އިތުރު ކަމުގައި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެގޮތުން މިދިޔަ މަހުގެ ތަފާސް ހިސާބު ޖެންޑަރ މިނިސްޓްރީން ހާމަކޮށްފައިވާއިރު އެމަހުގެ ތެރޭގައި މިފަދަ 15 މައްސަލައެއް ހުށަހަޅާފައިވާކަމަށް ބުނެފައިވެއެވެ. އެއީ އަމިއްލައަށް މަރުވުމުގެ ވިސްނުން ގެންގުޅުމާއި، އަމިއްލައަށް މަރުވާން މަސައްކަތެއް ކުރުމާއި އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ މައްސަލަ ތަކެވެ.
މި އަދަދުތަކުގައި ހިމެނެނީ ކުޑަކުދިންނާއި ބޮޑެތި މީހުންނާއި އެކުގައި ހިމެނޭހެން ކަމުގައި ޖެންޑަރ މިނިސްޓްރީން ބުނެއެވެ.
މިގޮތުން މި ތަފާސް ހިސާބުތަކަށް ބަލާއިރު އަމިއްލަ އަށް މަރުވުމުގެ ހިޔާލާއި އަމިއްލައަށް މަރުވާން މަސައްކަތް ކުރުމާއި އަމިއްލަ ނަފްސަށް އަނިޔާ ކުރާ އަންހެނުންގެ ނުވަތަ އަންހެން ކުދިންގެ އަދަދު ގިނަކަން ފާހަގަކުރެވެއެވެ. އެގޮތުން މިދިޔަ މަހު ދެ އަންހެނަކު ނުވަތަ ދެ އަންހެން ކުއްޖަކު އަމިއްލައަށް މަރުވުމުގެ ހިޔާލު ގެންގުޅުނު ކަމުގެ މައްސަލަ، ތިން އަންހެނަކު ނުވަތަ އަންހެން ކުއްޖަކު އަމިއްލައަށް މަރުވާން މަސައްކަތް ކުރިކަމުގެ މައްސަލަ އަދި ހަތް އަންހެނަކު ނުވަތަ އަންހެން ކުއްޖަކު އަމިއްލަ ނަފްސަށް އަނިޔާ ކުރި ކަމުގެ މައްސަލަ ހުށަހަޅާފައިވާކަމަށް ވެއެވެ. ފިރިހެނުން ނުވަތަ ފިރިހެން ކުދިން ހިމެނެނީ މީގެ ކޮންމެ ކެޓަގަރީއަކުން އެއް މައްސަލައެވެ.
އިތުރަށް ފާހަގަ ކުރެވޭ އަނެއް ކަމަކީ އޭގެ ކުރީ މަހާއި އަޅާ ބަލާއިރު މިދިޔަ މަހު މިފަދަ މައްސަލަތައް ހުށަހެޅިފައިވާލެއް އިންތިހާއަށް ގިނަ ކަމެވެ. މެއި މަހު ހުށަހަޅާފައިވަނީ އެފަދަ އެންމެ ދެ މައްސަލައެކެވެ. އެއީ އަމިއްލަ ނަފްސަށް އަނިޔާ ދިނުމުގެ ދެ މައްސަލައެކެވެ. އެވެސް ދެ އަންހެނެއް ނުވަތަ އަންހެން ކުއްޖެއްގެ ދެ މައްސަލައެކެވެ. އެހެންކަމުން މެއި މަހާއި އަޅާ ބަލާއިރު ޖޫން މަހު މިފަދަ މައްސަލަތަކުގެ އަދަދު މިވަނީ 750 އިންސައްތަ ގިނަ ވެފައެވެ.
މިފަދަ މައްސަލަތައް ގިނަވަމުން އަންނައިރު ބެލެނިވެރިން މިކަމުގައި ސަމާލުވުން މުހިންމެވެ. މިފަދަ ކަމެއް އުޅޭހެން ހީވާކަމުގައިވާނަމަ ދަރިންނާއި ވާހަކަ ދައްކާ، ނަސޭހަތް ދީ ދަރިންނަށް ދިމާވާ ކޮންމެ ކަމެއްގައި ބެލެނިވެރިން އެކުގައި ތިބިކަން ހާމަކޮށްދީ އެ ކުދިން ބާރުވެރި ކުރުވުން މުހިންމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް