ދިރާގުގެ ޚިދުމަތްތަކަށް ބުރޫ އަރައި، ޚިދުމަތްތައް މެދުކެނޑުނީ ދިރާގުގެ ބިޒްނަސް ސަޕޯޓް އަފްގްރޭޑް ކުރާތީ ކަމަށް ދިރާގުން ބުނެފިއެވެ.
މި އަޕްގްރޭޑްގެ މަސައްކަތަކީ ވަރަށް ގިނަ ޓެކްނިކަލް ކަންތައްތަކެއް އެކުލެވިގެންވާ އަދި ގިނަ މަރުހަލާތަކަކަށް ބެހިގެންދާނެ މަސައްކަތްތަކެއް ކަމަށް ދިރާގުން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން ބައެއް ސަޕޯޓް ޚިދުމަތްތައް ލިބުމުގައި ކަސްޓަމަރުންނަށް ދަތިތަކަކާއި ކުރިމަތިވެދާނެ ކަމަށް ދިރާގުން ބުނެއެވެ. އެ ޚިދުމަތްތަކަކީ:
- ރީލޯޑް އަދި ރީޗަރޖް އާއި ގުޅޭ ޚިދުމަތްތައް
- މޮބައިލް އެޑް އޮންސް އަދި މޮބައިލް ޕެކޭޖް ބަދަލުކުރުން
- ދިރާގު ވެބްސައިޓްގައިވާ "މައި އެކައުންޓް" އަދި ދިރާގު މޮބައިލް އެޕް
- މަމެން މޯބައިލް އެޕް (ބިލްޑް އަދި ޓޭކްބެކް ފީޗަރ)
- ދިރާގު ކަސްޓަމަރ ސާރވިސް ސެންޓަރ ތައް އަދި ދިރާގު ޕާރޓްނާޝޮޕް ތަކުން އައު މޮބައިލް ޚިދުމަތް ހޯދުމާއި މޮބައިލް ބިލަށް ފައިސާ ދެއްކުން
- މޮބައިލް ނަންބަރ ޕޯރޓަބިލިޓީ
އެހެން ނަމަވެސް ދިރާގުން ބުނީ، ކަސްޓަމަރުންނަށް ޑޭޓާ، އެސް. އެމް. އެސް އަދި ވޮއިސް ކޯލްގެ ޚިދުމަތައް ބޭނުން ކުރެވެނެ ކަމުގައެވެ.
"ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މި މަސައްކަތް ކުރިއަށް ގެންދާ ވަގުތުތަކުގައި ކަސްޓަމަރުންނަށް ބައެއް ޚިދުމަތްތަށް ބޭނުން ކުރުމުގައި ތަދިތަކަކާއި ކުރިމަތިލައްވަން ޖެހިވަޑައިގަތުމަކީ އެކަށީގެންވާ ކަމެކެވެ. އަޅުގަނޑުމެންގެ އަމާޒަކީ ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ މައި ޚިދުމަތްތަކަށް ވީހާވެސް ބުރޫ ނާރާނެ ގޮތަކަށް މަސައްކަތް ރާވާ ކުރިއަށް ގެންދިޔުމެވެ." ދިރާގުން ބުންޏެވެ.
މި މަސައްކަތް ކުރިއަށްގެންދާ ދުވަސްތަކުގެ ތެރޭގައި ކަސްޓަމަރުންނަށް ކުރިމަތިވެދާނެ ދަތިތަކަށް ދިރާގުން ވަނީ ނިހާޔަތައް މާފަށް އެދިފައެވެ. އަދި ދިރާގުގެ އިންޖީނިއަރިންގ ޓީމުން ދަނީ މި މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރަމުން ކަމަށް ދިރާގުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް