މަގުމަތި ކޮލަމް: ދަންވަރަށް ފަރިވެ ފޮޅޭ ފުރަމާލެ !

އަންމަޑޭ ބުނަން ކައެ އަކަށް ހަޖަމެއް ނުވާނެ! ޖީއެން ސައިކަލެއްގައި، އަތްދިގު ގޮޅި ޖެހި ގަމީސް ލައިގެން ކަރުގައި ރިހި (ކަމަށް ބެލެވޭ) ދެތިން ފަށް އަޅައިގެން ކޮނޑާއިހަމަށް ބޯދިގުކޮށްލައިގެން އިން ޒުވާނަ...

25 Jul 2019 | 04:54

އަންމަޑޭ ބުނަން ކައެ އަކަށް ހަޖަމެއް ނުވާނެ! ޖީއެން ސައިކަލެއްގައި، އަތްދިގު ގޮޅި ޖެހި ގަމީސް ލައިގެން ކަރުގައި ރިހި (ކަމަށް ބެލެވޭ) ދެތިން ފަށް އަޅައިގެން ކޮނޑާއިހަމަށް ބޯދިގުކޮށްލައިގެން އިން ޒުވާނަކު އެހެން ޒުވާނާ ދިމާއަށް ބުންޏެވެ.

އާނ މަށަކަށް ހަޖަމެއް ނުވާނެއްނު! ބަފާ ***** ޖީއެން ސައިކަލު ގަނެގެން އަމާ ***** އެއަށް ޕެޓްރޯލު އަޅައިގެން ތި ދުއްވަނީ!

އިސާހިތަކު ދެން ފެނުނީ ހަޖަމެއް ނުވާނޭ ބުނި ޒުވާނާގެ އަތް އަންމަޑޭގެ ކަންކަށި މައްޗަށް އެރި މަންޒަރެވެ. އެހެން ނަމަވެސް މާ ބޮޑު "ފައިޓަކަށް ނުގޮސް" އެ ސީނަށް ނިމުމެއް އައީ ކައިރީގައި ތިބި ރައްޓެހީންތައް އެ ދެ ޒުވާނުން ދުރު ކުރުމުންނެވެ.

އެއީ މީގެ ދެ ރެއެއް ކުރިން ދަންވަރު 01:30ގައި، ހަމަ ކޮންމެހެންވެސް ޕެނަޑޯލް ގުޅައެއް ގަންނަން ނިކުންނަން ޖެހުނީތީ ނިކުމެގެން ފިހާރައަކާއި ދިމާއަށް ދިޔަ މަގުމަތީގައި ދިމާވި މަންޒަރެކެވެ.

މިހާރު 24 ގަޑިއިރު ފިހާރަތައް ހުޅުވާފައި ހުންނާތީ ޕެނަޑޯލް ގުޅައެއް، ބާމު ފުޅިއެއް ގަނެލަން ފާމަސީއަކަށް ދާކަށް ހަމަ ގައިމުވެސް ނުޖެހެއެވެ. އެކަމަށް މި ސަރުކާރަށް ޝުކުރިއްޔާއެވެ.

ކޮންމެއަކަސް ގޮސް އެ ފިހާރައަށް ވަތްން އިރު ކަމަކު ދާކަށް ނެތެވެ. ޒުވާނުން އޮތީ ފިހާރައިގާ ތޮއް ޖެހި ފުރިފައެވެ. ހީކުރީ ފިހާރައިގާ "ކަންތައްގަނޑެއް" ހިންގާލައިގެން އުޅެނީ ކަމަށެވެ. ނަމަވެސް އެވީ ކުށްހީއަކަށެވެ. އެއީ ހަމަ ފިހާރައިން ވިޔަފާރިކޮށްލަން ގޮސް ތިބި ޒުވާނުންނެވެ. ދެ ޖިންސުގެ ޒުވާނުންނެވެ.

ދުވާލު ވަގުތު އެއް ސޭޓުން ފުއްދާލާ އެ ފިހާރައިގާ ހުކުރު ދުވަހުގެ މެންދުރު ކުރިއެކޭ އެއްގޮތަށް އެ ދަންވަރު ގަޑީގައި ދެ ސޭޓުން ތިއްބެވެ. ދެ ސޭޓުންގެ އަތްމަތިވެސް ނިކަން ފަރިތައެވެ.

މަސްތުހާލުގައި އެކަކު އަނެކަކަށް ތަތްވެފައި ތިބި ޖޯޑަކާއި ބަނޑު ފެންނަ ވަރުގެ ޓޮޕުކޮޅެއް ލައިގެން ދެތިން ތަނުން ފަޅާލާފައި ހުރި ޖިންސެއް ލައިގެން ހުރި ޒުވާން އަންހެން ކުއްޖަކާއި އަދިވެސް އެތައް ބައިވަރު ކެރެކްޓަރ ދައްކުވައިދޭ ޒުވާނުން އެ ފިހާރަ ތެރޭގައި ތިއްބެވެ.

ފިހާރައިގެ ވާހަކަ އެ ހިސާބުން ނިންމާލެވޭކަށް ނެތެވެ. ދަންވަރު ހޭލާ އުޅޭ ކުދިންނަށް ހާއްސަ ބުފޭއެއް ކައުންޓަރުގައި އަތުރާލާފައި ހުއްޓެވެ. ކައްކާފަރި ހުރި ނޫޑްލްސް ޕެކް ތަކާއި އަދިވެސް އިތުރު ބައެއް ކާނާއެވެ. އެއީ ދުވާލު ގަޑީގައި އެ ފިހާރައިން ފެންނަ މަންޒަރެއް ނޫނެވެ. ގެ ކައިރީ ފިހާރައެއް ކަމުން އަބަދުވެސް ގޮސް އުޅެނީ އެ ފިހާރައަށެވެ.

އެއްވެސް ހާލެއްގައި ފިހާރައިގެ ޝަކުވާއެއް ކުރަނީކީ ނޫނެވެ. ފިހާރައިގެ ބޭނުމަކަށް ވާނީ ހަމަ ގައިމުވެސް ވިޔަފާރި ކުރިއެރުވުމެވެ.

އެހެން ނަމަވެސް ގައުމުގެ ފަރުދެއްގެ ހައިސިއްޔަތުން އަހަރެން ކަންބޮޑުވީ އެހާ ދަންވަރު ޒުވާނުން ނިދި ނަގާލާފައި މަގުމަތީގައްޔާއި ކަންކަމުގައި ހޭލަ މޭލައަށް އުޅޭތީއެވެ. ހަމަ ހަގީގަތުގައިވެސް އެއީ އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ.

ގައުމުގެ ކުރިއެރުމާއި މުސްތަލާއި ތަރައްގީ ގުޅިފައިވަނީ ގައުމުގެ ފަރުދުންނާއެވެ. ފަތިސް ނަމާދަށް ބަންގި ގޮވީމާ ނިދަން އަރާ، އޮފީހަށް ގަޑި ޖެހުނީމާ ހެނދުނުގެ ނާސްތާވެސް ދޫކޮށްލާފައި ތެޅެމުން ފޮޅެމުން އޮފީހަށް ކުރެވިދާނެ "ޕްރޮޑަކްޓިވް" މަސައްކަތެއް އޮވެދާނެ ހެއްޔެވެ.

މަޖުބޫރީ ހާލުގައި އޮފީހުގައި ޒަމީރާ ދެކޮޅަށް އަށް ގަޑިއިރު ހަމަކޮށްފައި ގެއަށް އައިސް ނިދާފައި މަޣްރިބް ނަމާދަށް ބަންގި ގޮވީމާ ހޭލާ ގޮތަށް ދެން އެ ރުޖޫއަ ވަނީ މި ފުރަމާލޭގެ ނައިޓް ލައިފަށެވެ. މިއީ ވިސްނާލަން ޖެހިއްޖެ، ހައްލު ހޯދަން މަސައްކަތް ކުރަން ޖެހޭ މައްސަލައެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް