ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރަށްވެހިފައިވާ ރަށް ނޫން ތަނެއްގައި ވޯޓުލުމަށް ބޭނުންވާ މީހުން ރީ-ރަޖިސްޓްރީކޮށް ދިނުމުގެ ނަމުގައި ބައެއް ފަރާތްތަކުން އޮޅުވާލައިގެން، ފޯމު ފުރަމުންދާތީ އެކަމުގެ ޝަކުވާ އިލެކްޝަން ކޮމިޝަނަށް ލިބޭކަމަށް އެކޮމިޝަނުން ބުނެފިއެވެ.
އެކަމާގުޅިގެން އެކޮމިޝަނުން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ މިކަމަށް ހުރިހާ ރައްޔިތުންވެސް ސަމާލުވުމަށް އިލްތިމާސްކުރާ ކަމުގައެވެ. އަދި ރީ-ރަޖިސްޓްރޭޝަންގެ މަސައްކަތުގައި ވީހާވެސް ގިނަ ބަޔެއް ރީ-ރަޖިސްޓްރީ ކުރުމަށް ސިޔާސީ ޕާޓީތަކުންނާއި، ދައުލަތުގެ އިދާރާތަކުން ކޮށްދޭ މަސައްކަތް ފާހަގަކުރާކަމަށްވެސް މި ބަޔާނުގައި ވެއެވެ.
ރީ-ރަޖިސްޓްރޭޝަން ކުރުމުގެ ފުރުސަތު އަންނަ އޮގަސްޓް މަހުގެ 11 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާއިރު ރީ-ރަޖިސްޓްރީ ކުރުމުގެ ކަންކަން ސިޔާސީ ޕާޓީތަކުން އަންނަނީ ކުރަމުންނެވެ. އަދި ދައުލަތުގެ ބައެއް މުއައްސަސާތަކުންވެސް އެމަސައްކަތް ކުރަމުންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް