ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑީގެ މައްސަލައިގައި ސްޕްރީމް ކޯޓުން މިއަދު ނެރުނު ހުކުމަކީ މިހާރު ރިޔާސީ އިންތިޚާބަށް ކުރަމުން މިދާ މަސައްކަތުގެ ފޯކަސް ގެއްލުވާލުންކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު(އިބޫ) ވިދާޅުވެއްޖެއެވެ.
ޖޮއިންޓް ޕާޓީތަކުން ބޭއްވި ޕްރެސް ކޮންފެރެންސްގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ މިއަދު ސްޕްރީމް ކޯޓުން ނެރުނު އަމުރުގައި އާ ވާހަކަތަކެއް ނެތްކަމަށެވެ. އެ ޙުކުމްގައި ބުނަނީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއާ ބެހޭގޮތުން ފަހުބަސް ބުނާނީ ސްޕްރީމް ކޯޓުން ކަމަށާއި އިލެކްޝަން ކޮމިޝަނުން ނޫންކަމަށެވެ. އެއީ ޤާނޫނު އަސާސީގައި ބަޔާންކޮށްފައި އޮތް ގޮތް ކަމަށް އިބޫ ވިދާޅުވިއެވެ. އެހެންކަމުން ވީހާވެސް އަވަހަކަށް އެ އަމުރަށް އިލެކްޝަން ކޮމިޝަނާއި ސަލާމަތީ ބާރުތަކުން ތަބާވެ ބާރަ މެމްބަރުން މަޖިލީހަށް ވަނުމުގެ ފުރުސަތު ދޭންޖެހޭކަމަށް އިބޫ ވިދާޅުވިއެވެ.
" އަޅުގަނޑަށް ޤަބޫލުކުރެވެނީ ސްޕްރީމް ކޯޓުވެސް، އަދި އެހެން ކޯޓުތައްވެސް ބިރުވެރިކަމެއްގެ ތެރޭގައި އުޅޭކަން. ސިޔާސީ ނުފޫޒެއްގެ ތެރޭގައި ތާށިވެފައި އޮންނަ ތަން މިފެންނަނީ. އަޅުގަނޑަށް ޤަބޫލެއް ނުކުރެވޭ ކޯޓަށް މިވަގުތު މިމައްސަލައަށް ދާއިމީ ހައްލެއް ގެންނަވަން ކެރިވަޑައިގެންނަވާނެކަމަކަށް. ހަމައެކަނި އޮތް ހައްލަކީ މިވެރިކަން ނިމުމަކަށް ގެނައުން. ޣައިރު ޤާނޫނީ އަމުރެއް ކުރި ވެރިއެއްގެ ކަންވެސް އެ އެފަދަ އަމުރެއްކަން އިނގިހުރެ އެއަށް ތަބާވި މީހުން ކަންކޮށްފައި އޮތްގޮތްވެސް ޑިޔު ޕްރޮސެސްގެ ތެރެއިން އަޅުގަނޑުމެން ބަލާނަން. އެކަންކަމަށް އިންސާފު ހޯދައިދޭނަން. " ނޫސްވެރިންނާ ބައްދަލުކުރައްވާ އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ މި ހުކުމުގެ މަޤްސަދަކީ ފޯކަސް ގެއްލުވާލުންކަމަށާއި ނަމަވެސް އެކަން ކާމިޔާބު ވިޔަ ނުދޭނެކަމަށެވެ. 12 މެމްބަރުންގެ ގޮނޑީގެ މައްސަލައިގެ ކަންކަންވެސް އިންތިޚާބަށް ކެމްޕޭން ކުރުމުގެ ކަންކަންވެސް ކުރިޔަށް ގެންދާނެކަމަށާއި އެކަމަށް ޤާބިލް މީހުން އެބަތިބިކަމަށް އިބޫ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް