ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓަން ހަމަޖައްސާފައި ހުރި ރިސޯޓްތަކުގެ އިތުރުން ހަ ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.
އެކަމާ ގުޅިގެން އިލެކްޝަން ކޮމިޝަނުން މިއަދު ނެރެފައިވާ އިއުލާންގައި ބުނަނީ ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާފައިވާ ރިސޯޓުތަކުގެ ތެރެއިން އެ ރިސޯޓްތަކުގައި ވޯޓުފޮށި ބަހައްޓާނީ ރަށްވެހިވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާ މުއްދަތުގެ ތެރޭގައި އެއިން ރިސޯޓެއްގައި ވޯޓުލުމަށް މަދުވެގެން 100 މީހުން ރަޖިސްޓަރީވެފައިވާ ނަމައެވެ. 100 މީހުންނަށްވުރެ މަދު ޢަދަދަކަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާނަމަ، އެ ރިސޯޓެއްގައި ބެހެއްޓުމަށް ހަމަޖައްސާފައިވާ ވޯޓުފޮށި ނުބެހެއްޓޭނެ ކަމަށް އިއުލާންގައި ބުނެފައިވެއެވެ. އަދި އެ ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރި މީހުންގެ ރަޖިސްޓަރީ ބާޠިލްކޮށް އެ މީހުން ރަށްވެހިވެފައިވާ ރަށުގައި ވޯޓުލެވޭ ގޮތަށް ރަޖިސްޓަރީ ބަދަލުކުރެވޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ. އަދި އެފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރި މީހުންނަށް ފަސޭހައިން ވޯޓުލުމަށް، އެހެން ފޮށްޓަކަށް ރީ-ރަޖިސްޓަރީ ކުރުމަށް 3 ދުވަހުގެ މުއްދަތެއް ދިނުމަށް ހަމަޖެހިފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.
އިލެކްޝަން ކޮމިޝަނުން އިތުރު ހަ ރިސޯޓެއްގައި ވޯޓުފޮށި ބަހައްޓަން ނިންމާފައިމިވަނީ ރިޔާސީ އިންތިޚާބުގައި ރިސޯޓު ތަކާއި، ސިނާޢީ މަސައްކަތްކުރާ ތަންތަނުގެ ތެރެއިން، އެތަންތާނގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 100 ދިވެހި މުވައްޒަފުން ހަމަވެ، ވޯޓުފޮށްޓެއް ބެހެއްޓުމަށް ކޮމިޝަނުން ބޭނުންވާ އިދާރީ އެހީތެރިކަން ފުރިހަމަކުރެވޭނެ ރިސޯޓުތަކާއި، ސިނާޢީ މަސައްކަތްކުރާ ތަންތަނުން އެކަން މިއަދު 2.00 ޖެހުމުގެ ކުރިން ކޮމިޝަނަށް ލިޔުމަކުން އެންގުމަށް އިއުލާންކުރުމަށްފަހުއެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަން ކޮމިޝަނުން އެންމެ ފުރަތަމަ ނިންމީ ހަތް ރިސޯޓެއްގައެވެ. ނަމަވެސް ފަހުން އިތުރު 29 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާގޮތަށް ކޮމިޝަނުން ނިންމިއެވެ. މިއަދު މިނިންމި ނިންމުމާއެކު މިހާތަނަށް 42 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާނެކަމަށް އިލެކްޝަން ކޮމިޝަނުން މިވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް