ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ،ރަށްވެހިފައިވާ ރަށް ނޫން އެހެން ރަށެއްގައި ރަޖިސްޓްރީކުރުމުގެ މަސައްކަތް، ސިވިލް ސަރވިސް މުވައްޒަފުން ޤާނޫނާއި ޤަވާއިދާ ޚިލާފަށް ކުރާކަމުގެ އެއްވެސް މައްސަލައެއް މިއަދާ ހަމައަށް ލިބިފައިނުވާކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބުނެފިއެވެ. އެކޮމިޝަނުން މިހެން ބުނީ ރިޔާސީ އިންތިޚާބުގެ ރީ-ރަޖިސްޓްރޭޝަން އާ ގުޅުވައިގެން ދެކެވެމުންދާ ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
މި ނޫސްބަޔާނުގައި ބުނެފައިވަނީ ސިވިލް ސަރވިސް މުވައްޒަފުން ޤާނޫނާއި ޤަވާއިދާ ޚިލާފުކަމެއް ކުރާނަމަ ، އެފަދަ މައްސަލައެއް ކޮމިޝަނަށް ލިޔުމުން ހުށަހެޅުމުން އެ މައްސަލައެއް ކޮމިޝަނުން ބަލައި އަޅަންޖެހޭ ފިޔަވަޅެއް އަޅާނެކަމުގައެވެ. މީގެއިތުރުން ސިވިލް ސަރވިސް ކޮމިޝަނުން ބުނެފައިވަނީ ރީ-ރަޖިސްޓްރޭޝަންގެ މަސައްކަތް ކުރުމަށް ކޮމިޝަނުން ސިވިލް ސަރވިސްގެ އެއްވެސް މުވައްޒަފަކަށް އަންގާފައި ނުވާނެ ކަމުގަ އެވެ.
ސިވިލް ސަރވިސް މުވައްޒަފުންނަށް ސިޔާސީ ކަންކަމުގައި ހަރަކާތްތެރި ވެވޭނެ މިންގަނޑު ވަނީ ކަނޑައަޅާފައި ކަމަށާއި ، ސިވިލް ސަރވިސްގެ ޤަވާއިދާއި ، ކޯޑް އޮފް ކޮންޑަކްޓްގައި ސިވިލް ސަރވިސް މުވައްޒަފުންގެ އަމަލުތައް ބަހައްޓަންވީ ގޮތް ކަނޑައަޅާފައިވާކަމަށް މި ނޫސްބަޔާނުގައި ވެއެވެ. ވުމާއެކު ކަނޑައެޅިފައިވާ ހުދޫދުގެ ތެރޭގައި ސިވިލް ސަރވިސް މުވައްޒަފުންގެ ޢަމަލުތައް ބެހެއްޓުމަށް ހަނދާކޮށްދޭ ކަމަށް މި ބަޔާނުގައި ވެއެވެ.
މީގެއިތުރުން ސިވިލް ސަރވިސް ކޮމިޝަނާއި ސިވިލް ސަރވިސް މުވައްޒަފުންނާއި ގުޅޭގޮތުން ޚަޤީޤަތާއި ޚިލާފު ވާހަކަ ނުފެތުރުމަށް މި ނޫސްބަޔާނުގައި ގޮވާލާފައިވެއެވެ. އަދި އެފަދަ ގޮތަކަށް ޢަމަލުކުރާނަމަ އެކަމެއް ކުރާ ފަރާތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅާނެކަމަށްވެސް މި ނޫސްބަޔާނުގައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް