ޕީ.އެސް.އެމްގެ ގަވަރނިންގ ބޯޑު އުވާލާ ބޯޑަށް އާ މެމްބަރުން އައްޔަނުކުރުމުގެ ބާރު ޕްރައިވަޓައިޒޭޝަން ބޯޑަށް ދިނުމަށް ފާސްކޮށްފި

ޕަބްލިކް ސަރވިސް މީޑިޔާގެ ޤާނޫނަށް އިސްލާހުގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މިބިލް ފާސްކޮށްފައި ވަނީ 33 މެމްބަރުންގެ އިއްތިފާގުންނެވެ. މިއަދު ފާސްކުރެވިގެންމިދިޔަ ބިލާއެކު މިހާރ...

25 Jul 2018 | 09:12

ޕަބްލިކް ސަރވިސް މީޑިޔާގެ ޤާނޫނަށް އިސްލާހުގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މިބިލް ފާސްކޮށްފައި ވަނީ 33 މެމްބަރުންގެ އިއްތިފާގުންނެވެ.

މިއަދު ފާސްކުރެވިގެންމިދިޔަ ބިލާއެކު މިހާރު އޮތް ޕީއެސްއެމްގެ ބޯޑު އުވި އާ މެމްބަރުން ބޯޑަށް އައްޔަނުކުރުމުގެ ބާރު ޕްރައިވަޒައިޓޭޝަން ބޯޑަށް ލިބިގެންދާނެއެވެ. މި ބިލްގައިވާ ގޮތުން ޕީއެސްއެމްގެ ބޯޑަށް އައްޔަންކުރަން ބޭނުންވާ މެންބަރުންތަކެއްގެ ނަންތަކެއް ޕްރައިވެޓައިޒޭޝަން ބޯޑަށް ހުށައަޅާތާ 10 ދުވަހުގެ ތެރޭގައި ޕްރައިވެޓައިޒޭޝަން ބޯޑުން ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑު އެކުލަވާލަންޖެހޭނެއެވެ. ޕަބްލިކް ސަރވިސް މީޑިޔާގެ ޤާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާޢީލެވެ.

ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ ޤާނޫނަކީ 2015ވަނަ އަހަރު ރައްޔިތުން މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެކެވެ.

މިއަދުގެ ޖަލްސާގައި މިބިލް ފާސްކޮށްފައި މިވަނީ އެކަށީގެންވާ އަދަދަށް މެމްބަރުން ޖަލްސާތަކަށް ހާޒިރުވެފައިނުވާތީ ފާއިތުވި ދެޖަލްސާއެއްގައިވެސް މިބިލް ފާސްކުރުމަށް ވޯޓަށް އެހުމަށް އެޖެންޑާކުރުމަށް ފަހުއެވެ. މިއަދުގެ ޖަލްސާގައި މި ބިލަށް ވޯޓަށް އަހާފައިވަނީ ޤަވާއިދުގައި ބުނާ އަދަދު ހަމަނުވިޔަސް މިބިލަށް ވޯޓަށް އަހަން ފެނޭތޯ ވޯޓަކަށް އެހުމަށްފަހުއެވެ. އެވޯޓުގައި 31 މެމްބަރަކު ވަނީ އަދަދު ހަމަނުވިއަސް ވޯޓަށް އަހަން ފެންނަކަމަށް ވޯޓު ދެއްވާފައެވެ. މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވިދާޅުވީ މިއަދުގެ ޖަލްސާއަށް 55 މެމްބަރަކު ވަޑައިގެން ސޮއިކުރައްވާފައި ވާކަމުގައެވެ. ނަމަވެސް ވޯޓަށް އެހި ގަޑީގައި ޖަލްސާގައި ހާޒިރުވެވަޑައިގެން ތިއްބެވީ 34 މެމްބަރުންނެވެ.

މަޖިލީހުގެ ޤަވާއިދުގައި ބުނާ އަދަދަށް މެމްބަރުން ހާޒިރުވެފައިނުވާތީ ފާއިތުވި ދެޖަލްސާގައި ވަނީ ބައެއް ބިލްތަކަށް ވޯޓަށް ނާހާ ފަސްކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް