ރޯމާއަށް ބަދަލުވުމާ ގާތުގައި ހުރި މަލްކޮމް، ބާސާއިން ފަހު ވަގުތު ޖަހައިގެންފި

ބާސެލޯނާއިން، ރޯމާއަށް ބަދަލުވުމާ ގާތުގައި ހުރި ބްރެޒިލްގެ ޒުވާން މިޑްފީލްޑަރ މަލްކޮމް އެންމެ ފަހު ވަގުތު އެ ޓީމުގެ ކުޅުންތެރިއަކަށް ހަދައިފިއެވެ. ފްރާންސްގެ ބޯޑެކްސް އަށް ކުޅޭ އުމުރުން އެންމެ 21 އަހަ...

25 Jul 2018 | 02:54

ބާސެލޯނާއިން، ރޯމާއަށް ބަދަލުވުމާ ގާތުގައި ހުރި ބްރެޒިލްގެ ޒުވާން މިޑްފީލްޑަރ މަލްކޮމް އެންމެ ފަހު ވަގުތު އެ ޓީމުގެ ކުޅުންތެރިއަކަށް ހަދައިފިއެވެ.

ފްރާންސްގެ ބޯޑެކްސް އަށް ކުޅޭ އުމުރުން އެންމެ 21 އަހަރުގެ ކުޅުންތެރިޔާ ރޯމާއަށް ބަދަލުވުމަށް އެއްބަސްވުމަކަށް އަހިސްފައިވާކަމަށް ރޯމާއިން އިޢުލާނު ވެސް ކޮށްފައިވަނިކޮށް، ބާސެލޯނާއިން މި ވަނީ ފަހު ވަގުތު ހުނަރުވެރި މަލްކޮމް ޖަހައިގެންފައެވެ.

މިޑްފީލްޑްގެ އިތުރުން ވިންގަށް ވެސް ކުޅުމުގެ ހުނަރުވެރިކަން ހުރި މަލްކޮމް ބާސެލޯނާއާއެކު 5 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ހަމަޖެހިފައިވާއިރު، ބާސެލޯނާއިން ވަނީ އެ ކްލަބްގެ ވެބްސައިޓްގައި، މަލްކޮމްގެ ޓްރާންސްފާއާ ބެހޭ ރަސްމީ ލިޔުމެއް އާންމު ކޮށްފައެވެ.

"ބާސެލޯނާ އާއި ބޯޑެކްސް ވަނީ މަލްކޮމްގެ ޓްރާންސްފާއަށް އެއްބަސްވުމަކަށް އަހިސްފައި. މި ޓްރާންސްފާއަށް 41 މިލިޔަން އާއި އިތުރު 1 މިލިޔަން ހޭދަ ވާނެ. މަލްކޮމް ބާސެލޯނާއާއެކު 5 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 2022-23 ސީޒަނާ ހަމައަށް ކުޅުމަށް ސޮއިކުރާނެ." ބާސެލޯނާގެ ވެބްސައިޓްގައި ބުނެފައިވެއެވެ.

ބްރެޒިލްގެ ކްލަބް ކޮރިންތިއަންސް އާއެކު ބްރެޒިލް ލީގު ކާމިޔާބު ކުރުމަށްފަހު މަލްކޮމް ޔޫރަޕަށް ބަދަލުވީ އުމުރުން އެންމެ 18 އަހަރުގައެވެ. އޭނާ ވަނީ ފްރާންސް ލީގުގައި ބޯޑެކްސްއަށް ކުޅެދިން 96 މެޗުން 23 ލަނޑު ކާމިޔާބު ކޮށްފައެވެ.

މިއީ މި ޓްރާންސްފާ މާކެޓްގެ ތެރޭގައި ބާސެލޯނާއިން ގަން، މަތީ ފަންތީގައި ގުނާ ޒުވާން ކުޅުންތެރިންގެ ތެރެއިން ތިން ވަނަ ކުޅުންތެރިޔާއެވެ. ބާސާއިން ވަނީ މީގެ ކުރިން، އާތާ އާއި ކްލެމެންޓް ލެންގްލެޓްގެ ސޮއި ވެސް ހޯދާފައެވެ.

ރޯމާ އާއެކު އެއްބަސްވުމަކަށް އަހިސް، ސޮއި ކުރުމާ ހަމައަށް ގޮސްފައިވަނިކޮށް، ފަހު ވަގުތު ބާސެލޯނާއިން މަލްކޮމްގެ ޓްރާންސްފާ ޖަހައިގަތުމާއެކު، ގާނޫނީ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް ބައެއް މީޑިޔާ ރިޕޯޓްތައް ވަނީ ބުނެފައެވެ. އަނެއްކޮޅުން، އިޓަލީގެ ނޫސްތަކުގައި ބާސެލޯނާގެ މި އަމަލަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް