ރާއްޖޭގެ ރިސޯޓެއްގެ މޫދުގައި "ކޮރެލޭރިއަމް"އެއްގެ ނަމުގައި ހަދާފައިވާ މޫދު ބިނާއެއްގައި ބުދުތަކެއް ބަހައްޓާފައިވާއިރު ބުދު ބަހައްޓާ ހަދާފައި މިއީ ނޭނގިގެން އޮޅުމަކުން ނޫން ކަމަށާއި މިއީ އަޑި އަޑިން ރޭވިގެން ދުރު ޕްލޭންތަކާއެކު މިމިބުގައި ޝިރުކުގެ ވަކި ހިއްޕާލުމަށް ކުރެވެމުންދާ މަސައްކަތްތަކެއް ކަމުގައި ޝެއިޚް އާދަމް ނިޝާން ވިދާޅުވެއްޖެ އެވެ.
ޝެއިޚް މިހެން ވިދާޅުވެފައިވަނީ އޭނާގެ ފޭސްބުކް ޕޭޖްގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި އެވެ.
އެ ޕޯސްޓްގައި ޝެއިޚް ވިދާޅުވެފައިވަނީ ބުދު ހެދުމަކީ ހަރާމް ކަމެއް ކަމާއި އަދި އެފަދަ ތަކެތި މާތްކޮށް ހިތާގޮތަށް އިހްތިރާމް އާދަކުރެވޭގޮތަށް ބަހައްޓައި ހެދުމަކީ އެއަށްވުރެވެސް ބޮޑެވެގެންވާ ހަރާމްކަމެއްކަން އެއްވެސް މުސްލިމަކަށް އޮޅިފައި އޮވެގެން ނުވާނެ ކަމަށެވެ. ﷲ ތައާލާ އެކަން ހަރާމް ކުރައްވާފައިވަނީ އެއީ ސީދާ ޝިރުކަށް މަގުފަހިވާ ކަމެއްކަމުގައިވާތީ ކަމަށެވެ.
"މިކަން ދިފާއުކުރާމީހުން ބުނެތެވެ. މިއީ އަޅުކަންކުރާ ބުދުތަކެއް ނޫނެވެ. ދަންނާށެވެ. ނޫހް އަލައިހިއްސަލާމްގެ ގައުމުގެ މީހުން، އެމީހުންގެ ގައުމުގެ ސާލިހް ބޭބޭކަލުން (ވާއްދު، ޝުވާއު، ޔާގޫތު، ޔާއޫގް، ނަސްރު ފަދަ ބޭބޭކަލުން – ސޫރަތުއް ނޫހް: 23) އަވަހާރަވުމުން ބުދުތައް ހެދީ އެބޭކަލުންނަށް އަޅުކަން ކުރާކަށްނޫނެވެ. އެބޭކަލުންގެ ހަނދުމަ އާކޮށް އިހުތިރާމް އަދާކުރުމުގެ ގޮތުންނެވެ. އެހެންނަމަވެސް އެކަންވެގެން ދިޔައީ ބުދަށް އަޅުކަން ކުރަން ފެށުމުގެ އަސްލުކަމުގަ އެވެ." ޝެއިޚްގެ ޕޭޖްގައި ލިޔެފައި ވެ އެވެ.
ކޮރެލޭރިއަމެއް ހަދާފައިވަނީ ފެއަރމޮންޓް މޯލްޑިވްސް ސިއްރު ފެންފުށީގައި އެވެ.
މި ކޮރެލޭރިއަމް ހަދާފައިވަނީ އިނގިރޭސި ސްކަލްޕްޓަރ އެއްކަމުގައިވާ ޖޭސޮން ޑެކޭސް ޓޭލަރ ކަމުގައި ބޭރުގެ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައި ވެ އެވެ. މި ކޮރެލޭރިއަމްގައި ޖުމްލަ 30 ބުދު ހަރުކޮށްފައިވާކަމުގައިވެސް ރިޕޯޓްކޮށްފައި ވެ އެވެ.
އިތުރަށް ކިޔާލުމަށް:
ބުދުތަކަކާއެކު ރާއްޖޭގެ ރިސޯޓެއްގެ މޫދުގައި ކޮރެލޭރިއަމެއް ހަދައިފި
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް