އަނބުރާ ގައުމަށް ނުދެވި ރާއްޖޭގައި ތާށިވެފައި ތިބި 43 ޓޫރިސްޓަކު ސަރުކާރުން ބަލަހައްޓަމުން އެބަދެ އެވެ.
އެ ޓޫރިސްޓުން ރާއްޖޭގައި ތިބުމުގެ އިންތިޒާމް ހަމަޖައްސަމުން ދަނީ ފޮރިން މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެންނެވެ. އޭގެ ތެރެއިން އެއްބަޔަކު ތިބީ ރިސޯޓެއްގައި އެވެ.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ 43 ޓޫރިސްޓުންގެ ތެރެއިން 16 ޓޫރިސްޓަކު ތިބީ ހުޅުމާލޭ ގެސްޓު ހައުސްއެއްގައި ކަމަށެވެ. އަނެއް 27 ޓޫރިސްޓުން ތިބީ އޮޅުވެލި ޑްރީމް އައިލެންޑުގައި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެމީހުންނަށް އެނބުރި ގައުމަށް ދެވޭނެ އިންތިޒާމް އެ ގައުމުތަކުގެ ސަރުކާރަށް ހަމަޖައްސައިދެވިފައި ނުވާކަމަށެވެ. އަދި ވޭތުވެ ދިޔަ ތިން މަސްދުވަހު އެމީހުން އަތުގައި ހުރި ފައިސާ އެއްކޮށް ހުސްވުމުން އެއްވެސް ފައިސާއެއް ނެތި ހާލުގައި ޖެހިފައިވާ ކަމަށެވެ.
އެހެންވެ މިހާރު އެމީހުންގެ ތިބުމާއި ކެއުމުގެ އިންތިޒާމް ހަމަޖައްސައިދެމުންދަނީ ދިވެހި ސަރުކާރުން ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ މި ޓޫރިސްޓުން ނޫނަސް ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި އަމިއްލަ ހަރަދުގައި ޗުއްޓީ ހޭދަ ކުރަމުންދާ ޓޫރިސްޓުންތަކެއް އެބަތިބި ކަމަށެވެ. އެމީހުންނަށް ހިދުމަތް ދިނުމަށް ބައެއް ރިސޯޓުތައް ބަންދުުނުކޮށް އެބައޮތް ކަމަށް ވިދާޅުވި އެވެ.
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ގިނަ ރިސޯޓުތަކެއް ވަނީ ބަންދަުކޮށްފައި އެވެ. މިވަގުތު ޓޫރިސްޓުން ތިބި މަދު ރިސޯޓުތަކުގެ ތެރޭގައި ރާއްޖޭގައި ހިންގާ އެންމެ އަގުބޮޑު ރިސޯޓުތައް ކަމަށްވާ ސޮނޭވާ ފުއްޓާއި، ފޯސީޒަންސް ލަނޑާގިރާވަރު ހިމެނެ އެވެ.
ޓޫރިސްޓުންނަށް އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލާފައި އޮންނަތާ ތިން މަހަށްވުރެ ގިނަ ދުވަސް ފަހުން އަންނަ މަހުގެ15 ދުވަހު ރާއްޖޭގެ ވައިގެ ބޯޑަރު ހުޅުވައި ޓޫރިސްޓުންނަށް މަރުހަބާ ކިޔުމަށް ދަނީ ތައްޔާރުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް