ރާއްޖޭގެ އާބާދީގެ ނިސްބަތުން ބަލާއިރު ވެރި ރަށް މާލެއާއި ރާއްޖެތެރެއަށް ބެލި ކަމުގައި ވިނަމަވެސް ކޮންމެ ގެއެއްގައިވެސް އެކެއް ނޫނީ ދެ ސައިކަލް ހުރެއެވެ. އެ ގޮތުންވެސް ވެރިރަށް މޖާލޭއަކީ ކާރު ބާރު ބޮޑު އިންތިހާއަށް ދުއްވާ އެއްޗެހި ގިނަ ތަނެކެވެ.
މުޖުތަމައުގެ ފަރުދުން އެންމެ ބޮޑަށް ކަންބޮޑުވާ އެއް ކަނތައް ކަމުގައިވާ މާލޭގެ ކާރު ބާރުބޮޑޫ މަގުތަކަށް އިތުރު އެހެން ކަންބޮޑުވުމެއް އައީ ފަހަކަށް އައިސް އަގުބޮޑުކޮށް އެ ރައްޔިތުން ގަނެފައި ހުންނަ ވެހިކަލްތައް ވީ ނުވީއެއް ނޭގި ގެއްލޭ މައްސަލައެވެ. އެހެން ގޮތަކަށް ބުނާނަމަ އެ ވެހިކަލްތައް ވަގަށް ނަގާ މައްސަލައެވެ.
މީގެ ދެތިން އަހަރާއި ބަލާފައި އަހަރުގެ މިހާތަނަށް މިފަދަ ކޭސްތައް ރިޕޯޓްކޮށްފައިވާ މިންވަރުވެސް މިވަނީ އިތުރުވެފައެވެ. އެގޮތުން ބަލާއިރު އަހަރު ފަށައިގެން ފެބްރުވަރީ މަސްތެރޭ ވެހިކަލްތައް ވަގަށް ނެގުމުގެ ސާޅިސް ދެ ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުންގެ ފަރާތުން ދުވަސްއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ޗީފް އިންސްޕެކްޓަރ މުހައްމަދު ނަދީމް ވިދާޅުވިއެވެ. މީގެ އިތުރުން މާރިޗް މަހު ހަތާވިސް މައްސަލަ، އެޕްރީލް މަހުގައި ފަންސާސް ދެ މައްސަލަ، މެއި މަހު ސާޅިސް ނުވަ މައްސަލަ އަދި ޖޫން މަހުގެ ފަނަރައިގެ ނިޔަލަށް ބާވީސް މައްސަލަ ހުށަހަޅާފައިވެއެވެ.
އާންމު ގޮތެއްގައި މިފަދައިން ސައިކަލްތައް ވަގަށް ނަގާކަމަށް ފާހަގަކުރެވިފައިވަނީ ވިލިގިލީ ފެރީ ޓާމިނަލް ދިރާގް ހެޑް އޮފީސް ހިމެނޭ ސަރަހައްދު ، އައިޖީއެމްއެޗް ކައިރި، ހުޅުމާލެ ފެރީ ޓާމިނަލް ކައިރިންކަމަށްވެސް ނަދީމް ހާމަކުރެއްވިއެވެ. އަދި މިހާރު މަސްވެރިންގެ ޕާކް ކައިރިންވެސް އެފަދަ ވަށްކަމުގެ ކޭސްތައް ރިޕޯޓްކޮށްފައިވާ ކަން ނަދީމް ވަނީ ފާހަގަކޮށްފައެވެ.
ފުލުހުން ހާމަ ކުރައްވާ ގޮތުގައި ވެހިކަލްތައް ވަގަށް ނެގުމުގެ މައްސަލަ ކުޑަކުރުމަށް ފުލުހުންދަނީ ގިނަ ކަންތައްތަކެއް ކުރަމުންނެވެ. އެގޮތުން އެ މަސައްކަތްތަކުގެ ދަށުން އެކަމަށް ކުރިއެރުން ލިބިފައިވާ ކަން އެބޭފުޅުން ފާހަގަކުރައްވައެވެ. އެ ގޮތުން ބަލާއިރު މެއި މަހު ރިޕޯޓް ކޮށްފައިވާ ވައްކަމުގެ ސާޅިސް ނުވަ ކޭސްގެ ތެރެއިން އެބޭފުޅުންނަށް ވަނީ ތިރީސް ފަސް ސައިކަލް ހޯދިފައެވެ.
އާންމު ގޮތެއްގައި މިފަދަ ކޭސްތައް މެދުވެރިވާއިރު އެ ވެހިކަލްގެ ވެރިފަރާތުގެ އިހުމާލުވެސް ވާކަން ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން ބަލާއިރު ސައިކަލްގެ ތަޅު ދަނޑި ނުނައްޓާ ހުރުމާއި ބައެއް ސައިކަލްތަކަކީ އޮޓޯއިން ލޮކް ނުވާ ސައިކަލްތަކަށްވާއިރު ރަނގަޅަށް ޗެކް ނުކުރެވި ދާކަން ފާހަގަކޮށްލަން ޖެހެއެވެ.
ސައިކަލް ވަގަށް ނެގުން ހުއްޓުވުމަށް ކުރެވިދާނެ ބައެއް ކަންތައްތައް:
ވައްކަން މަދުކުރުމަށްޓަކައި، ފުލުހުންނާއި ރައްޔިތުން ގުޅިގެން ތަފާތު ފިޔަވަޅުތައް ދަނީ އަޅަމުންނެވެ. އެހެން ނަމަވެސް އެކި އުކުޅުތައް ބޭނުންކޮށްގެން ވައްކަން ކުރާ މީހުންގެ އުދަގޫ ކުޑައެއް ނުވެއެވެ. ތެދުތެދަށް ބުނާނަމަ އެފަދަ މީހުންގެ އުނދަގޫ ދަނީ އެއްދުވަހުން އަނެއް ދުވަހަށް ބޮޑުވަމުންނެވެ.
އެހެންކަމުން، މިފަދަ ވައްކަންތައް މަދުކުރުމަށްޓަކައި އާންމުން ރައްޔިތެއްގެ ހައިސިއްޔަތުންނާއި މުދަލުގެ ވެރި ފަރާތުގެ ހައިސިއްޔަތުން މިހާރަށްވުރެ ޒިންމާދާރު ދައުރެއް އަދާކުރުން މުހިއްމެވެ.
ސައިކަލް ވަގަށް ނަގައިގެން ފުލުހުންނަށް ހުށަހެޅޭ ގިނަ މައްސަލަތަކުގެ ތަފްޞީލަށް ބަލާ އިރު އެންމެ ބޮޑަށް ފާހަގަ ކުރެވިފައިވަނީ އެފަދަ ކަންތަކަށް ފަރުވާ ކުޑަކުރެވިފައިވުން ކަންވެސް ނަދީމް ފާހަގަކުރެއްވިއެވެ.
އަދި ސައިކަލްތައް ވަގަށް ނެގުން ހުއްޓުވުމަށްޓަކައި ސައިކަލްތަކުގައި ޑިސްކް ތަޅެއް އެޅުވުމަށައި ނުވަތަ ސައިކަލުގައި އެލާމް ސިސްޓަމެއް ހަރުކުރުމަށްވެސް ފުލުހުން އިލްތިމާސް ކުރައްވައެވެ. ސަބަބަކީ އެ ދެ ކަމަކީވެސް ކުޑަ ހޭދައެއް ކޮށްގެން ވަގުންގެ ކިބައިން ތިމާ ދުއްވާ އުޅަނދު ސަލާމަތް ކުރުމަށް ކުރެވިދާނެ ކަމަކަށްވުމެވެ.
ކުޑަ މަސައްކަތެއް ކޮށްގެން ނަމަވެސް ވަގުންގެ ކިބައިން އަގު ބޮޑު މުދާ ރައްކާތެރި ކުރުމަށް ކޮންމެ ފަރާތެއްވެސް ސަމާލުކަން ދޭންޖެހެއެވެ. " ރައްކާވެ ތިބިއްޔާ ދަތުރޭ" ބުނާ ބީދައިން ކަންތައް ހައްލުކުރެވޭނީ ކުރީ ބައިގެ އެކަމަށް އަޅަށްޖެހޭ އެންމެ އެކަށޭނެ ފިޔަވަޅު އަޅައިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް