މިއަހަރުގެ ޑިސެމްބަރު މަހު ކައިވެނި ކުރަން އުޅޭ ކަމަށް ފެތުރެމުން އަންނަ ޚަބަރުތައް ދޮގުކޮށް، ކައިވެނި ކުރަން ނޫޅޭ ކަމަށް ބޮލީވުޑްގެ އެކްޓަރު ވަރުން ދަވަން ބުނެފިއެވެ.
ވަރުން އާއި ލޯބިވެރިޔާ ނަތާޝާ ދަލާލް މިއަހަރުގެ ޑިސެމްބަރުގައި ކައިވެނިކުރުމަށް ހަމަޖެހިފައިވުމުން، ވަރުންގެ 'ސްޓްރީޓް ޑާންސަރ' ރިލީޒްކުރާ ތާރީޚް އަންނަ އަހަރަށް ފަސްކުރިކަމުގެ ޚަބަރުތައް ވަނީ ފެތުރިފައެވެ. ޚަބަރުތައް ބުނާގޮތުން ނަމަ، އެ ފިލްމު ރިލީޒް ކުރަން ހަމަޖެހިފައި ވަނީ މިއަހަރުގެ ފަހުކޮޅު ކަމަށާއި، ފިލްމް އަންނަ އަހަރަށް ފަސްކުރީ ވަރުން އަމިއްލައަށް ފިލްމްގެ ޑައިރެކްޓަރު ރެމޯ ޑިސޫޒާ ކައިރިން އެނދިގެން ކަމަށެވެ. ސަބަބަކީ ޑިސެމްބަރުގައި ކުރުމަށް ހަމަޖެހިފައިވާ ކައިވެނި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ނަމަވެސް އިންޑިއާގެ މަޝްހޫރު ނޫހެއް ކަމަށްވާ "ޑެކަން ކްރޯނިކަލް" އަށް އިންޓަވިއު އެއް ދެމުން ވަރުން ވަނީ އެކަން ދޮގުކޮށްފައެވެ. ވަރުން ބުނިގޮތުގައި، މިހާރު އެ ޚަބަރުތައް ދޮގުކޮށްކޮށް ވަރުބަލިވެއްޖެއެވެ.
"އަހަރެން ގަބޫލުކުރަން ދަރިފުޅުގެ ކައިވެންޏަށް ވަރަށް ގިނަ ފޭނުން އިންތިޒާރު ކުރާކަމަށް. އާއިލާގެ ހުރިހާ މެމްބަރުންވެސް ވަރަށް އުފާވާނެ ވަރުންގެ ކައިވެނި ކުރެވުނީމަ. ކައިވެނި ކުރެވޭނީ ވަރަށް ފޯރިގަދަކޮށް. އެކަމަކު ހަދަހަދައިގެން ކައިވެނީގެ ތާރީޚުތަކާއި ކުރެވޭތަނުގެ ވާހަކަ ނުދެއްކުން އެދެން. ކައިވެނި ކުރަން ހަމަޖެހުނީމަ އަހަރެމެން އިއުލާނު ކުރާނަން." ހަމަ އެ ނޫހަށް އިންޓަވިއު ދެމުން ވަރުންގެ ބައްޕަ ޑޭވިޑް ދަވަން ބުންޏެވެ.
މީގެ ކުރިންވެސް ވަރުން އާއި ނަތާޝާގެ ކައިވެނީގެ ޚަބަރުތައް، ވަރުން ވަނީ ދޮގުކޮށްފައެވެ.
ވަރުން އެންމެ ފަހުން ފެނިގެން ދިޔައީ ކަރަން ޖޯހަރުގެ ފިލްމް 'ކަލަންކް' އިންނެވެ. ވަރުން ދެން ފެނިގެން ދާނީ ރެމޯ ޑިސޫޒާގެ 'ސްޓްރީޓް ޑާންސަރ' އިންނެވެ. އެ ފިލްމު ފުރަތަމަ ރިލީޒް ކުރަން ހަމަޖެހިފައި ވަނީ މިއަހަރުގެ ނޮވެމްބަރު 8 ގައެވެ. ނަމަވެސް ބައެއް ސަބަބުތަކާއި ހުރެ ފިލްމް އަންނަ އަހަރުގެ ޖެނުއަރީ 24 އަށް ވަނީ ފަސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް