ޖަލު ހަމަނުޖެހުންތަކާ ގުޅޭ ތިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި

މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން ތިން މައްސަލައެއް ފުލުހުން ބަލަމުންދާކަމުގައި ފުލުހުން ވިދާޅުވެއްޖެ އެވެ. ފުލުހުން ބަލަމުންދާ މައްސަލަތަކުގެ ތެރޭގައި، މިމަހުގެ 20 ވަނަ ދުވަހު 17:38 ހ...

25 Jun 2019 | 07:03

މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން ތިން މައްސަލައެއް ފުލުހުން ބަލަމުންދާކަމުގައި ފުލުހުން ވިދާޅުވެއްޖެ އެވެ.

ފުލުހުން ބަލަމުންދާ މައްސަލަތަކުގެ ތެރޭގައި، މިމަހުގެ 20 ވަނަ ދުވަހު 17:38 ހާއިރު މާފުށީ ޖަލުގައި މާރާމާރީއެއް ހިންގައި، ޖަލު އޮފިސަރަކަށް ހަމަލާ ދިން މައްސަލަ ހިމެނެއެވެ. އަދި މިމަހުގެ 23 ވަނަ ދުވަހުގެ 4:45 ހާއިރު މާފުށީ ޖަލުގެ މައި ގޭޓޫ ކުރިމަތީގައި ބަޔަކު ހަޅޭއްލަވައި، ހަޅުތާލުކުރި މައްސަލައެއް ވެސް ފުލުހުން މިހާރު ބަލަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، މާފުށި މަގުމަތިން ދިޔަ ޖަލު އޮފިސަރަކަށް ހަމަލާދިން މައްސަލައެއް ވެސް ފުލުހުން މިހާރު ތަޙުޤީޤު ކުރަމުން އަންނަ ކަމަށް ފުލުހުން އިތުރަށް ވިދާޅުވިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ އެދިލެއްވުމުގެ މަތިން، ފުލުހުންގެ ބެކަޕް ޓީމެއް 'ސްޓޭންޑް ބައި' ގައި ތިބިކަމަށް ފުލުހުން ވަނީ ރޭ ވިދާޅުވެފައެވެ. މާފުށީ ޖަލުގައި ހިނގަމުން ދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ކުރިއަށް ގެންދަމުންދާ އޮޕަރޭޝަންތައް ވެސް ހިންގަނީ އެމްސީއެސް އިން ކަމަށް ފުލުހުން ވަނީ މައުލޫމާތުދީފައެވެ. ފުލުހުން މިހާރުވެސް ޖަލުގައި ތިބީ 'ސްޓޭންޑް ބައި' ގައެވެ.

މާފުށި ރަށުތެރެ ބެލެހެއްޓުން ފުލުހުން ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް