ބުރުސޫރަ- ތިރީސް އަށްވަނަ ބައި

ކުރީގެ އަދަދާ ގުޅޭ... ބަގީޗާ އިން ނިކުމެގެން އައި ޝަމީމާ ލައިގަތީ ކާކޮޓަރިން ނިކުތް ޝާހިދުގެ ގައިގައެވެ. ޝާހިދު މިހާ ކައިރިން ޝަމީމާ އަށް މިފެނުނީ އަދި ކިރިޔާއެވެ. "ތަދުވިތަ؟" ޝާހިދު އަހައިލިއެވެ. ޝަމ...

25 Jun 2019 | 05:24

ކުރީގެ އަދަދާ ގުޅޭ...

ބަގީޗާ އިން ނިކުމެގެން އައި ޝަމީމާ ލައިގަތީ ކާކޮޓަރިން ނިކުތް ޝާހިދުގެ ގައިގައެވެ. ޝާހިދު މިހާ ކައިރިން ޝަމީމާ އަށް މިފެނުނީ އަދި ކިރިޔާއެވެ.

"ތަދުވިތަ؟" ޝާހިދު އަހައިލިއެވެ. ޝަމީމާ ބޯ ހޫރައިލިއެވެ. ޝާހިދު ދިޔަ ދިމާލަށް ބަލަން ހުރި ޝަމީމާ ހުރީ ފާޑަކަށް ރަކިވެފައެވެ.

"މަންމާ ކޯންޗެއް ތި ބަލަނީ؟" ފަހަތުން އައި ޝިޔާ ގޮވައިލިއެވެ. ޝިޔާ އައިސް ހުއްޓުމުން، ޝިޔާގެ އަތުގައި ހިފައި ޝަމީމާ ވެއްދީ ކާކޮޓަރި ތެރެއަށެވެ.

ބަދިގެ ތެރޭ ހުރި ކުޑަ އަލަމާރި ތެރެއިން އެއްޗެއް ނަގަން އިށީންދެ އިން ރާނީ އަށް ޝަމީމާ އާއި ޝިޔާ ސިއްރު ވާހަކައެއް ދައްކާހެން ހީވުމުން ފާރުކައިރިއަށް ޖެހިލިއެވެ.

"ޝާހިދު މީ ހާދަ ރީތި މީހެކޭ" ޝާމީމާ ބުނެލިއެވެ.

"މަންމަ މޮޔަވީތަ؟" ޝިޔާ ބުނެލިއެވެ.

"ކަލޭ ބައްޕަ ބޮލަކު ނުހުރޭ އިސްތައްޓެއްވެސް... މަ ވަރިކޮށްފަ މާ ރީތި މީހަކާ އެއްނު އިނދެގެން އެއުޅެނީ.. މަ ވެސް ބޭނުމޭ އޭނައަށް ދެއްކެން ރީތި މީހަކާ އިންނަން" ހުވަފެނީ ގޮތަކަށް ޝަމީމާގެ ޖުމްލަ ނިންމައިލިއެވެ.

"މަންމަ މޮޔަވަނީތަ؟ ޒާހިއްތަ އާއި ޝާހިދުބެ އުޅެނީ ނުލާހިކު ލޯބިން... އެހެން ނޫނަސް އެއީ ރާނީގެ ބަފާބެ... މޮޔަ ވާހަކަ ނުދައްކަބަލަ" ޝިޔާ ބުނެލިއެވެ.

"ކަލޭ ބަލައްޗޭ މަށަށް އޭނަ ހިތްކިޔާވަރު ކޮށްލާނަން... ޒާހިދާ އެއީ މުސްކުޅި ގޮތަށް އުޅޭ މީހެއް..." ޝަމީމާ ބުނެލިއެވެ.

"ލަދަކު ބެދޭނީ... އެހެން ނޫނަސް ޝާހިދުބެ ހިތްކިޔަސް ޒިއަން މެން ދުވަހަކުވެސް ގަބޫލެއް ނުވާނެ... މަ މިހިރީ އެހެން ނޫނަސް މަންމަ ދެކެ ރުޅި އައިސްފަ... އައިސް ރާނީ ކުރިމަތީ މަށަށް ބަވައިފިއެންނު މާ ރަގަޅު މީހަކަށް ވެގެން" ޝިޔާ ހުރީ ރުޅިއައިސްފައެވެ.

"ކަލޭ ކައިރީ ބުނިން ދޯ އެހެން ނޫޅެއްޗޭ... ރާނީ އަށް އަހަރެމެން ކަމެއް ކޮށްފިއްޔާ އެ ޒިއަން އައިސް ދެމީހުން ނެރެފާނެ މިގެއިން..." އެތަނުން ނިކުމެގެން ދަމުން ޝަމީމާ ބުނެލިއެވެ. ޝަމީމާ ދިއުމުން ޝިޔާ ވެސް ނިކުމެގެން ދިޔައީއެވެ.

ގިނައިރު އުޑުފައިން އިށީންދެ އިނުމުން ރާނީ އިނީ ފަޔަށް ތަދުވެފައެވެ. އެމީހުން ދިއުމުން، ފާރުގައި އަތް ވިއްދައިގެން ވަރަށް ހާލުން ރާނީ ތެދުވިއެވެ. ޒިއަން ވެސް އައިސް ވަނީ ހަމަ އެވަގުތުއެވެ.

"ފަޔަށް ކިހިނެއްވީ؟" ރާނީ ކޮރު ޖަހަން ފެށުމުން ޒިއަން އަހައިލިއެވެ. ވީގޮތް ރާނީ ކިޔައިދިނީ ވަރަށް ސިއްރުންނެވެ.

"މަ އޭރުވެސް މަންމަ ކައިރީ ބުނީމޭ ފަނި ހަދާނޭ..." ކާމޭޒު ކައިރީ އިށީންނަމުން ޒިއަން ބުނެލިއެވެ.

"އެމީހުން އެދެކޭ އެއްވެސް ހުވަފެނެއް ސީދަލެއް ނުވާނެ" ޒިއަން ބުނެލިއެވެ. ރާނީ ޒިއަން އަށް ކާން ހަދައިދިނެވެ.

"ރާނީގެ ބައްޕަ އަކީ އެކަނިހުރި މީހެއް... ޝިޔާ އެކޮޅަށް ގެންގޮސް ކިޔަވަދޭކަށް އޭނަ އަތަކު އެވަރަކަށް ފައިސާއެއް ނެތް... ވައްދާނެ ތަނެއް ނެތް... ރާނީ ދެކެން ބޭނުންވާތީ އޭނަ ދޮގު ހެދީ... އެމީހުން އެއުޅެނީ މޮޔަވެގެން" ތައްޓަށް ބަތް އަޅަމުން ޒިއަން ބުނެލިއެވެ.

ފެން ފުޅިއެއް ބަލައި ކާކޮޓަރިއަށް ވަންނަން އައި ޝަމީމާ އަށް ޒިއަން ދެއްކި ވާހަކަ ހަމަ ރީއްޗަށް އިވުނެވެ. ޝަމީމާ ކައިރިޔަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ.

"ކީކޭ ޒިއަން ތި ކިޔަނީ؟" ދެމީހުން ސިއްސައިގެން ދިޔައީ ޝަމީމާގެ އަޑު މުޅި ތަނުގައި ހިފައިލުމުންނެވެ. ޒާހިދާ ވެސް އައިސް އެތާ މަޑުކޮށްލީ އެވަގުތުއެވެ.

"އެއްޗެއް އެބަ ކިޔާތަ މީހަކު؟" ނޫންކަމަށް ހެދިފައި ޒިއަން ބުނެލިއެވެ. އަދި ކާންފެށިއެވެ.

"ވިލިއަމް އަތުގަ ލާރިއެއް ނެތޭ؟" ޝަމީމާ އަހައިލިއެވެ.

"އާނ ނެތް... ތިމީހުން ހީކުރަނީ ބޭރު ގައުމެއްގެ ދޮން މީހެއް ވިއްޔާ ވަރަށް ލާރި އޮންނާނެއޭ ދޯ؟ ހާލުގަ އުޅޭ މީހުން ވެސް އުޅެޔޭ... އެހެން ނޫނަސް ވަރަށް ރީތިކަމެއްތަ އެއީ ތިގޮތަށް މީހުންނަށް އާދޭސް ކުރަން؟" ޝަމީމާގެ މޫނަށް ބަލައިލަމުން ޒިއަން ބުނެލީ ތަންކޮޅެއް ބާރަށެވެ. ޒިއަންގެ ވާހަކަ އިވުމުން ޝަމީމާގެ މޭ ނުބައިކުރަން ފެށިއެވެ. މޫނުމަތި ބަނަވެގެން ދިޔައެވެ.

"ޒިއަން ކިހިނެއް ތި ވާހަކަ ދައްކަނީ؟" ޒިއަންގެ ވާހަކަދެއްކުމުގެ ރާގު ހުރިގޮތުން ޒާހިދާ ލަދުގަންނަ ގޮތް ވިއެވެ.

"މިކަހަލަ މީހުންނާ ވާހަކަ ދައްކަން ޖެހޭނީ މިހެން މަންމާ... ރާނީގެ ބައްޕަ ރާނީ ހޯދަން އައީމާ ފުރަތަމަވެސް އެދުނީ ގެ ހަދައިދޭން... ލަދެއް ނުގަނޭތަ؟" ޒިއަން ތަށި ދުރުކޮށްލުމަށްފަހު ތެދުވެގެން ގޮސް އަތް ދޮވެލިއެވެ. އެވަގުތު އެގޭގައި ތިބި އެންމެން އައިސް އެތަނުގައި ހުއްޓުނެވެ. ބޭރަށް ދިއުމުގެ ނިޔަތުގައި ކޮޓަރިން ނިކުތް ޝާހިދު ވެސް އެތަނުގައި އައިސް މަޑުކޮށްލިއެވެ. ވިލިއަމްގެ އިތުރުން ޝިޔާ ވެސް ހުރީ އެތަނުގައެވެ. ކިޔާއެއްޗެއް ނޭންގުނު ނަމަވެސް އެއްޗެހި ކިޔަނީ ޝަމީމާ އަށް ކަން ވިލިއަމް އަށް އިނގުނެވެ. ރާނީ ވެސް ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ.

"އަހަރެން ބުނީ އޭނަ ބުނާކަމެއް ކޮށްދޭނީ މަށަށް ވެސް ކަމެއް ކޮށްދޭ މަތިންނޭ... މަވެސް ހުސްއަތެއް ބޭނުމެއް ނުވާނެދޯ" ހަމަޖެހޭގޮތް ދައްކަމުން ޝަމީމާ ބުނެލިއެވެ.

ޒިއަން ރާނީގެ ފަހަތުން އައިސް ރާނީގެ ދެކޮނޑުގައި ހިފައިލިއެވެ.

"މީނައަށް ރަގަޅު ނުވެފަ އަމިއްލަ ދަރި ކިޔަވަން މީނަގެ ބައްޕަ ކައިރީ ބުނާކަށް ލަދެއް ނުގަނޭތަ؟ މީ ކަލޭ އަތުން ވީ ކަމެއް" ރާނީގެ އިސްތަށިގަނޑު ދުރުކޮށް، މޫނު އެކީ ދައްކައިލަމުން ޒިއަން ބުނެލިއެވެ. ރާނީ ލޯ މަރައިލިއެވެ. އޭރު ރާނީ އަށް ހުރީ ރޮވިފައެވެ.

"އޭރު މިކަމަށް ބޭސް ކުރިނަމަ މިވަރެއް ނުވީސް... ހަމަ އަޅާ ނުލީ... ދެން ގޮސް މީހުން ކައިރީ ކިޔަންފެށީ ހަންޑި އެކޭ އެހެން އެއްޗެކޭ... ގޭތެރޭގެ ހުރިހާ ކަމެއް ކުރުވާ، ސުކޫލުން ވެސް ކަނޑާލީ..." ޒިއަން ފުން ނޭވާއެއް ދޫކޮށްލިއެވެ.

"ދެން ކޮން ވާހަކައެއް ދައްކާކަށް؟ ލަދުގަންނަން ޖެހޭނެ ދޯ... ރާނީ ގްރޭޑް ދިހައެއް ނިމެންދެން ވެސް ސުކޫލުގަ ނުބެހެއްޓުން.. ދެން ކުއްލިއަކަށް ރާނީގެ ބައްޕަ އައުމުން ޝިޔާ ބޭރަށް ކިޔަވަން ފޮނުވަންވީ އޯ... ނުވާނެ އެކަމެއް... މަ ހުއްޓަ އެއްވެސް މޮޅެއް ވިޔަކަ ނުދޭނަން... ހުރިހާ މޮޅެއް ލިބޭނީ ރާނީ އަށް އެކަނި... ތި އާއިލާގެ އެއްވެސް މީހަކަށް އެއްވެސް މޮޅެއް މަ ހުއްޓަ ނުލިބޭނެ... ލިބުނަކަ ނުވެސް ދޭނަން..." ޒިއަންގެ ވާހަކަ ނިމުންއިރު ހުރީ ރުޅި އައިސްގެން ތުރުތުރު އަޅައިގަނެފައެވެ. ރާނީ ޒިއަންގެ އަތުގައި ހިފައި ފިތައިލިއެވެ. ޒިއަން އިތުރަށް އެއްޗެއް ބުނުމުގެ ކުރިން، ރާނީ ޒިއަންގެ އަތުގައި ހިފައިގެން އެތަނުން ނިކުތީއެވެ. އެމީހުން ނިކުތުމުން ވިލިއަމް ވެސް ދާން ހިނގައިގަތީއެވެ.

އެގޭ އެންމެން ކުރިމަތީ ޒިއަން އެފަދަ ގޮތަކަށް ވާހަކަ ދެއްކުމުން ޝަމީމާ ހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ. ޝިޔާ ވެސް ހުރީ ބަސް ހުއްޓިފައެވެ. ވީގޮތް ޝާހިދު އަށް ވެސް އެނގިއްޖެއެވެ.

" ތި މީހުން ދެން އެންމެ ރަގަޅު ވާނީ އަވަސްވީގޮތަކުން ރަށަށް ދިޔައްޔާ... މިގޭގަ މަގޭ ދަރިންނަށް އުނދަގޫވަންޏާ ނުބޭތިއްބޭނެ" ފަހަތުން ޝާހިދުގެ އަޑު އިވުނެވެ. ޝާހިދު އެހެން ބުނުމުން ޝަމީމާ ވަކިން ބޮޑަށް "ކަޑަ" ވިއެވެ. މިހެން ބުނުމަށްފަހު ޝާހިދު ނިކުމެގެން ދިޔައީއެވެ.

"ގެއަށް އައިސް ތިބި މެހެމާނުންނާއި އެފަދަ ގޮތަކަށް ޒިއަން އެއްޗެހި ކީމަ މައާފަށް އެދެން... އެކަމަކު މަގޭ ޒިއަން އެބުނީ ދޮގެއް ނޫން... އަހަރެން ބޭނުމެއް ނުވޭ މިކަމާ އެއްޗެއް ބުނާކަށް... އެކަމަކު މިއަދު މަގޭ ފިރިމީހާ އޭ ކިޔައިގެން މިތާ ދެއްކި ވާހަކަ މަ އަޑުއެހިން... ތިކަހަލަ ވިސްނުން ގެންގުޅޭ މީހުން އުޅޭތީ ވަރަށް ދެރަވޭ... އަހަންނަށް ވެސް ރަގަޅީ ޝަމީމާ ދަރި ގޮވައިގެން މިގެއިން އަވަސްވީގޮތަކަށް ނިކުތިއްޔާ" ޒާހިދާ ވާހަކަ ދައްކައި ނިމުންއިރު ޝަމީމާ ހުރީ ރުޅި އައިސްގެން ފަޅައިގެން ދާން ކައިރިވެފައެވެ.

"އަޗި... ކަލޭ ހީކުރީ ކަލޭ ތީ މާރީތި މީހެއްކަމަށްތަ؟ މަ ނޫޅެމޭ މިތާ ހުންނާކަށް... މުސްކުޅިވެފަ ހުރި ގޮލައެއް... މަ މިދަނީ މިގެއިން މިހާރު" އަނގަޔަށް ވައްތަރެއް ޖައްސައިލަމުން މިހެން ބުނުމަށްފަހު ޝަމީމާ އެތަނުން ދިޔައީއެވެ. ފަހަތުން ދުވަމުން ކަހަލަ ގޮތަކަށް ޝިޔާ ވެސް ނިކުތީއެވެ.

ކޮޓަރިއަށް ވަތްގޮތަށް ބާރު ބާރަށް ޝަމީމާ ދޮރު ޖެހިއެވެ.

"މަންމަ މޮޔަވީތަ؟ މިވަގުތު މިގެއިން ނިކުމެގެން ގޮސް ކޮންތާކަށް ވަންނާނީ؟ ރަށަށް ދާ އޮޑިއެއް އޮތްކަމެއް ވެސް ނޭންގެ... ދެރަވެފަ މައާފަށް އެދިގެން އެންމެންގެ ބޮލަށް އެރުނު ނަމަ" ޝިޔާ އައިސް ބުނެލިއެވެ. ޝިޔާ ހުރީ ދެން ވާނެ ގޮތަކާއި މެދު ކަންތައް ބޮޑުވެފައެވެ.

"އަހަރެން ލަދުގަންނަވާލައިފިއޭ އެ ޒިއަން... ރަގަޅު ވާނީ މި ގޭމު ނުކުޅެ މިގެއިން ނިކުތިއްޔާ... ޒާހިދާ ވެސް ފުއްޕާލި ވަރު... އެ ވިލިއަމް ވެސް މަށަށް ދޮގޭ ހެދީ" މޭޒުމަތީގައި އަތުން ޖަހަމުން ޝަމީމާ ބުނެލިއެވެ.

"ގޭމް އޯވާރ" ޝިޔާގެ ފޯނަށް އައީ ރާނީގެ މެސެޖެކެވެ. ޝިޔާ ކައިރިއަށް ރުޅި އައިސްގެން ފޯނު ފާރުގައި ޖެހިއެވެ.

"މަންމަ އައިސް ގޭމު ކުޅެން ހަދައިގެންނޭ މިހެން މިވީ... މަ އެކަނި ވެސް މާރަގަޅުވީސް... ޝިޔާ އަށް ގޭމު ކުޅެން ނޭންގެނީއޯ... ރީތި ވެއްޖެއެއްނު... މާ މޮޅު މީހަކަށްވެގެން... ގޮސް ރަށުގަ ފަން ވިޔަން އޮތް ނަމަވެސް މާތާހިރުވީސް... ރާނީ މިހާރު ގަދަވެފަ މަށަށް މެސެޖު ކުރަން ވެސް ފަށައިފި..." ޝިޔާ ރުޅި އައިސްގެން އެނދުގައި އިށީނެވެ. ޝަމީމާ ހުރީ ފޮއްޓަށް އެއްޗެހި އަޅާށެވެ.

"ޒިއަން ފޯނުން މެސެޖު ކުރި ނަމަ" ރާނީ އިނީ ހާސްވެފައެވެ.

"ބިރު ގަންނަނީތަ އަދިވެސް؟ ރާނީ ވެސް ހެދިހާ ގޮތެއް ހަދަން ދީގެން ހުންނާތީއޭ އެހެން ވަނީ" ޒިއަން ބުނެލިއެވެ. ރާނީ ތުން އަނބުރައިލިއެވެ.

"އިނގޭތަ މާ ރަގަޅު ވެގެން އުޅެންޏާ މީހުން ވަރަށް ފަސޭހައިން ޔޫސްކޮށްލާނެ... ބައެއް ފަހަރު ޖެހޭނެ އެއްޗެހި ވެސް ބުނަން... އަބަދު މިހެން ތުން ފިއްތައިގެން ހުންނަންޏާ އަނެއް މީހާއަށް ހިތްވަރު ލިބޭނީ" ރާނީގެ ތުންފަތުގައި ހިފައިލަމުން ޒިއަން ބުނެލިއެވެ.

"އަހަންނަށް ނުކެރޭތީއެއް ނޫނޭ... ދެން އެއްޗެއް ނުބުނަނީ" ރާނީ ބުނެލިއެވެ.

"އަޅެ ކެރެންޏާ ދޭބަލަ މިހުރިހާ ދުވަހު ހިތުގައި ހުރި ހުރިހާ އެއްޗެއް ގޮވައިލަން ދެމީހުންނާ ދިމާލަށް" ރާނީގެ އަތުގައި ހިފައި ކޮޅަށް ނަގަމުން ޒިއަން ބުނެލިއެވެ.

"ދެން ޒިއަން" އަނގަޔަށް ވައްތަރެއް ޖައްސައިލަމުން ރާނީ ބުނެލިއެވެ. ޒިއަން ކައިރިޔަށް ހިނިއައެވެ. ޒިއަން ހޭންފެށުމުން ރާނީ ކޮޓަރިން ނިކުމެގެން ދާން ހިނގައިގަތެވެ. ސިޑިން އަރައިގެން ދާން ފެށުމުން ޒިއަން ވެސް ފަހަތުން ދިޔައެވެ.

"އަހަރެމެން ދަނީތޯ ބަލަންތަ ތިއައީ؟ ހަންޑި ކަމަނަ" ރާނީ އައިސް ދޮރުމަތީގައި މަޑުކޮށްލުމުން ޝަމީމާ އަހައިލިއެވެ.

"ބަލާލަން މިއައީ ދަނީތޯ" އާދައިގެ ވަރަކަށް ރާނީ ބުނެލިއެވެ. ޝިޔާ ކައިރިއަށް ރުޅި އައިސްގެން އައިސް ހިފީ ރާނީގެ ދެކޮލުގައެވެ. ފަހަތުގައި ބަލަންހުރި ޒިއަން ފިޔަވަޅެއް އަޅަން އުޅެފައިވެސް، ރާނީ ހަދާގޮތެއް ބަލަން މަޑުކޮށްލީއެވެ.

ރާނީ ޝިޔާގެ އަތް ފޮޅުވައިލިއެވެ.

"މަގޭ ފިރިމީހާގެ ގޭގަ ހުރެގެން މަގައިގަ އަތްލާނެ ކަމެއްނެތް... ނިކުމެގެން ދޭ މިގެއިން... ފެއްސިގެން ދޭ މިތަނުން" ރާނީ ބުނެލިއެވެ. ރާނީ ބުނި ޖުމްލަ އިވުމުން ޒިއަން ކުޑަކޮށް ކޮށިއެރިއެވެ. ރާނީ ޒިއަންގެ މޫނަށް ބަލައިލިއެވެ.

"ކަލޭ ކިތަންމެ ފުއްޕިޔަސް މީ ކަލޭގެ ހަގީގަތަކީ" ޝިޔާ އައިސް ރާނީގެ މޫނު ހާމަކޮށްލިއެވެ.

"އަހަރެން ލަދެއް ނުގަނޭ މިސިފަ ހުރެގެންނެއް" ރާނީ ބުނެލިއެވެ.

"އެހެންވެ އެއްނު މޫނުމައްޗަށް އިސްތަށިގަނޑު ވައްޓާލައިގެން އުޅެނީ... މީހަކަށް ފެނިދާނެތީ... ލަދުން" ހިނިގަނޑެއް ޖަހައިލަމުން ޝިޔާ ބުނެލިއެވެ.

"ކަލެއަކަށް ނުކެރޭނެ ތި މޫނު ދައްކައިގެން ބޭރަށް ދާކަށް ވެސް... މީހުންތައް މަގުމަތިން ހުސްވާނެ ކަލޭ ބޭރަށް ތި ސިފައިގަ ނިކުތިއްޔާ... ބިރުން އެންމެން ފިލާނެ" ރާނީ އަނގައިން ނުބުމުން އަނެއްކާވެސް ޝިޔާ ބުނެލިއެވެ.

"ދެން ދާން ވެއްޖެ އެއްނު މިގެއިން..." ހަމަޖެހިލަމުން ރާނީ ބުނެލިއެވެ. ރާނީގެ މޫނަށް ބަލައިލަމުން ޝިޔާ ދަބަހުގެ ޒިބުއަޅުވައިލިއެވެ.

(ނުނިމޭ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް