ފިލައިގެން އުޅެމުން އަންނަ ހާޖަރާގޭ އަބްދުﷲ ލުތުފީ މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހުރީ ފުލުހުންގެ ބެލެހެއްޓުމުގެ ދަށުގައި ކަމަށް ފުލުހުން ރޭގައި ބުނި ނަމަވެސް އޭނާ ބަހައްޓާފައި ހުރީ ލަންކާގެ އެމްބަސީގައިތޯ ނުވަތަ ނޫންތޯ ބުނާކަށް ސަރުކާރުން ބޭނުމެއް ނުވިއެވެ.
ފުލުހުން ރޭގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ މިވަގުތު ހުރީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ބެލެހެއްޓުމުގެ ދަށުގައި ކަމަށެވެ.
"އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވަނިކޮށް 2019 މެއި 1 ވަނަ ދުވަހު ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް އަބްދުﷲ ލުތުފީ ހާޒިރުވުމާއި ގުޅިގެން ދިވެހި ފުލުހުންނާއި ކޮލޮމްބޯގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން ސްރީލަންކާގެ ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން އަބްދުﷲ ލުތުފީ ރާއްޖެ އަނބުރާ ގެނައުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް މިދަނީ ކުރަމުންނެވެ" ރޭގައި ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މިވަގުތު ކޮލޮމްބޯގައި އަބްދުﷲ ލުތުފީ ބަލަހައްޓަމުން ދަނީ ދިވެހި ފުލުހުން ކަމުގައިވެސް ފުލުހުންގެ އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
މިކަމާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީއަށް ގުޅާލުމުން އެ މިނިސްޓްރީން ބުނެފައިވަނީ މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ލުތުފީގެ ކަންކަން ބަލަހައްޓަމުން އަންނަނީ ފުލުހުން ކަމުން އެކަމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީއަށް ދެންނެވޭނެ އިތުރު އެއްޗެއް ނެތް ކަމަށެވެ.
ފުލުހުން ވިދާޅުވީ ރޭގައި އެ ނެރުނު ބަޔާނުގެ އިތުރަށް މިކަމާއި ގުޅޭގޮތުން އިތުރު އެއްވެސް މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.
19 ދިވެއްސަކު ޝަހީދުވި ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ފިލައިގެން ލަންކާގައި އުޅެމުންދަނީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ގެންދިޔައިރު 16 ޖަނަވަރީ 2010 ގައި ބޭސްފަރުވާއަށް އިންޑިއާއަށް ފޮނުވުމުން ފިލައިގެން ގޮހެވެ. ލުތުފީ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސްވެސް ނެރެފައިވެއެވެ.
މެއި މަހުގެ އެއްވަނަ ދުވަހު ލުތުފީ އަމިއްލައަށް ލަންކާގެ އެމްބަސީއަށް ދިޔައިރު، ލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކާއި ގުޅިގެން ބަލާ ފާސްކުރުމުގެ ވަރުގަދަ އޮޕަރޭޝަންތަކެއް ލަންކާ ފުލުހުން ކުރިއަށް ގެންދިޔައެވެ. ބެލެވޭ ގޮތުގައި ލުތުފީ އަމިއްލައަށް އެމްބަސީއަށް ދިޔައީ އެ ބަލާ ފާސްކުރުން ތަކުން ސަލާމަތް ނުވެވޭނެ ކަން ޔަގީން ވުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް