ސަރުކާރާއި އީޔޫއިން މަތީ ފެންވަރުގެ މަޝްވަރާތަކެއް ބާއްވަނީ

ދިވެހި ސަރުކާރާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން މަތީ ފެންވަރުގެ މަޝްވަރާތަކެއް ބޭއްވުމަށް ނިންމައިފި އެވެ. މި ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މި ހަފްތާގެ ބުދަ، ބުރާސްފަތި މި ދެ ދުވަހު ބ...

25 Jun 2018 | 18:05

ދިވެހި ސަރުކާރާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން މަތީ ފެންވަރުގެ މަޝްވަރާތަކެއް ބޭއްވުމަށް ނިންމައިފި އެވެ.

މި ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މި ހަފްތާގެ ބުދަ، ބުރާސްފަތި މި ދެ ދުވަހު ބެލްޖިއަމްގެ ބްރަސްލްސްގައި އެވެ. ރާއްޖެ އާއި އީޔޫއާ ދެމެދު 2015 ވަނަ އަހަރުން ފެށިގެން އަންނަނީ މަތީ ފެންވަރުގެ މަޝްވަރާތައް ބާއްވަމުންނެވެ.

ފޮރިން މިނިސްޓްރީން މިރޭ ބުނީ މި ބައްދަލުވުންތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގެންނަވާނީ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމާއި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އަދި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ އިތުރުން ރާއްޖެއިން އީޔޫއަށް ކަނޑައަޅާފައިވާ ސަފީރު އަހުމަދު ޝިއާން އެވެ.

މި ބައްދަލުވުންތަކުގައި އެކި ދާއިރާތަކުން އީޔޫ އާއި ރާއްޖޭގެ ގުޅުން ބަދަހި ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރާނެ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ. ރާއްޖޭގެ ވަފުދުން ޔޫރަޕިއަން ޕާލިމެންޓާއި ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސްގެ އިތުރުން އީޔޫގެ އެހެން މުއައްސަސާތަކާ ވެސް ބައްދަލު ކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އީޔޫ އާއި އެކު ސަރުކާރުން މަތީ ފެންވަރުގެ މަޝްވަރާތަކެއް ބާއްވަން ނިންމާފައި މިވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިހާރު ހިނގަމުންދާ ކަންކަމާއި މެދު އީޔޫއިން ހިތްހަމަ ނުޖެހުން ފަޅުކޮށްފައި ވަނިކޮށެވެ. އީޔޫއިން ދާދިފަހުން ބުނެފައިވަނީ ރާއްޖެ ޑިމޮކްރަސީގެ މަގަށް ރުޖޫއަވެ ކަންކަން އިސްލާހުކޮށް ސިޔާސީ މިނިވަން ވެއްޓެއް ގާއިމު ނުކުރާ ނަމަ ފިޔަވަޅު އަޅަންޖެހިދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް