ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާނެކަން އިއުލާނު ކުރައްވާފައިވާ ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ކުރީގެ ނައިބު ރައީސް ޝުޖާޢު ޙުސެއިން އޭނާގެ ރިޔާސީ ދެވަނަ ވައުދު ނުވަތަ ސިޔާސަތު އާންމު ކުރައްވައިފި އެވެ.
އެ ސިޔާސަތަކީ ގާނުނު އާސާސީން ކަށަވަރުކޮށްދީފައިވާ ހަމަހަމަކަން އިއާދަކޮށްދީ، އަދުލުވެރިކަން ގާއިމުކޮށްދިނުމުގެ ސިޔާސަތެވެ.
އެ ސިޔާސަތުގައި ޝުޖާޢު ވިދާޅުވެފައިވަނީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހަމަހަމަކަމާއި އަދުލުވެރިކަން ރައްޔިތުންގެ މެދުގައި ގާއިމްކޮށްދެވޭނީ ދައުލަތުގެ ރައްޔިތުންގެ މެދދުގައި ގާއިމުކޮށްދެވޭނީ ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ މައްޗަށް ސަރުކާރުގެ ނުހަމަ ނުފޫޒު ފޯރުވުން ހުއްޓުވިގެންކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
"ހިޔާލުފާޅުކުރުމުގެ މިނިވަންކަން ގާނޫނުއަސާސީގައި ބުނާ އެންމެ މަތީ ދަރަޖައަކަށް، ރައްޔިތުންނަށް ލިބިފައިވާކަން ކަށަވަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ މީހަކު ކުރަންޖެހޭ ކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ. މީޑިއާގެ އެންމެހައި ވަސީލަތްތައް މިނިވަންކަމާއެކު ބޭނުންކުރުމުގެ އިހްތިޔާރު އެންމެނަށް ހަމަހަމަކޮށް އޮންނަންޖެހެއެވެ. މިކަމުގައި ސަރުކާރުގެ އެއްވެސް ނަހަމަ ނުފޫޒެއް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މައްޗަށް އޮވެގެން ނުވާނެ އެވެ." ޝުޖާޢުގެ ދެވަނަ ސިޔާސަތުގައި ވިދާޅުވެފައި ވެ އެވެ.
ޝުޖާޢު ވިދާޅުވެފައިވަނީ ރައްޔިތުންގެ މެދުގައި އަމަން ގާއިމްކޮށްދީ ރައްޔިތުންގެ ކަންކަން ހިމާޔަތްކޮށްދިނުމަށް ތިއްބަވާ، ފުލުހުން ކުރައްވާ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނުހަމަ ނުފޫޒު އެއްވެސް މިންވަރަކަށް ފޯރުވިގެން ނުވާނެ ކަމަށާއި ފުލުހުންގެ އިދާރާ ހިނގަންވާނީ ގާނޫނުގައި ބުނާ ފުރިހަމަ ބާރާއި، އިހްތިޔާރާއި މިނިވަންކަމާއެކުގައި ކަމަށެވެ. އެގޮތުން ރައްޔިތުންނާއި ފުލުހުންގެ އިތުބާރާއި ގަދަރު ލިބިފައިވާ، ކަމަށް ގާބިލު ޕޮލިސް ކޮމިޝަނަރއެއް އައްޔަނުކޮށް، ގާނޫނުގައި ބުނާ އޮނިގަނޑުގެ ތެރެއިން ފުރިހަމަ މިނިވަންކަމާއިއެކު ކަންކަންކުރުމުގެ ބާރާއި އިހްތިޔާރު އެފަރާތަކަށް ދޭނެކަމުގައި ޝުޖާއު ވިދާޅުވެފައި ވެ އެވެ.
"ޝަރުއީ ނިޒާމުގެ އެއްވެސް މަރުހަލާއަކަށް ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް މިންވަރެއްގެ ނުހަމަ ނުފޫޒެއް ފޯރުވިގެން ނުވާނެ އެވެ. ޖުޑީޝަލް ސާވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ފަރާތަކީ ޝަރުއީ ދާއިރާގައި މަސައްކަތްކުރައްވާ ވަކީލުންނާއި އެހެން ފަރާތްތަކުގެ "ރުހުން" ލިބިފައިވާ ފަރާތެއް ކަމުގައި ހެދުން މުހިންމެވެ." ޝުޖާޢުގެ ދެވަނަ ވައުދުގައި ވިދާޅުވެފައި ވެ އެވެ.
ޝުޖާއު ވިދާޅުވެފައިވަނީ ސަރުކާރުގެ ސިޔާސީ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި، އެއްވެސް ފަރާތަކުން ރައްޔިތުންގެ ހައްގުތައް ގުރުބާންކުރަން ފުރުސަތު ނުދޭނެ ކަމަށެވެ.ޝަރުއީ ނިޒާމާއި، ރައްޔިތުންގެ މަޖިލިސް މިނިވަންކަމާއިއެކު ހިނގަންވާނީ ރައްޔިތުންގެ މަސްލަހަތަކީ އެންމެ މަތީ މަސްލަހަތުކަމުގައި ބަލައިގެން ކަމަށެވެ. އަދި އެކަން ކަށަވަރުކޮށްދެއްވާނެ ކަމަށެވެ.
"މިކަންކަން ހާސިލުކުރުމުގެ ގޮތުން ނެޝަނަލް ޕަބްލިކް ކޮމްޕޭންތްސް ނިޒާމެއް ގާއިމްކޮށް، އެ ނިޒާމުގެ ތެރެއިން ހުށަހެޅޭކަންކަން 48 ގަޑިއިރުތެރޭގައި ފިޔަވަޅު އަޅާނަމެވެ." ޝުޖާއުގެ ދެވަނަ ސިޔާސަތުގައި ބަޔާންކުރައްވާފައި ވެ އެވެ.
ޝުޖާއު އިތުރަށް ވިދާޅުވެފައިވަނީ ﷲގެ ވާގިފުޅާއެކު، ރައްޔިތުންގެ ތާއީދާއެކު، އަޅުގަނޑުގެ ޤިޔާދަތުގައި އުފެދޭ ސަރުކާރުގައި އިސްވެ މި ދެންނެވުނު ކަންތައްތައް ފުރިހަމަކޮށްދޭނެކަމަށް ވައުދުވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް