ދީނީ ނަސޭހަތް ދިނުމާއި ތަފާތު ދީނީ މައުލޫމާތުތައް ފޯރުކޮށްދިނުމުގައި މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައިދު ދީނީ ދަރުސް ދިނުން މަނާކޮށްފައި އޮތް އޮތުމަށް ނިމުން ގެނެސްފި އެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު ޝެއިހް ޒައިދަށް ދޫކޮށްފައިވާ ދީނީ ދަރުސް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަގުތީ ގޮތުން ބާތިލް ކުރީ އޭނާ އާއި ގުޅޭ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެ އެވެ. އެ މައްސަލަ ބަލަން ފެށުމުގެ ހަފްތާއެއްހާ ދުވަސް ކުރިން ޝެއިހް ވަނީ ރަށްރަށުގައި ދަރުސް ދިނުމަށް ސްކޫލްތައް ދޫނުކުރާ މައްސަލައިގަ އެޑިއުކޭޝަން މިނިސްޓްރީއަށް ފާޑު ވިދާޅުވެ، އެތަނުގައި ލާދީނީ މީހުން ތިބި ނަމަ ބޭރު ކުރަން ގޮވާލައްވާފައި އެވެ.
އިސްލާމިކް މިނިސްޓްރީން ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އަލުން ޝެއިހް ޒައިދަށް ދިނުމުގެ އެއްބަސްވުމުގައި ބުނެފައިވަނީ ރާއްޖޭގައި ދީނީ ތަގުރީރު ދިނުމާއި ވައުލު ބުނުމާއި ދީނީ ހުކުމްތައް ބަޔާން ކުރަން ވާނީ އިސްލާމިކް މިނިސްޓްރީ އިން ކަނޑައަޅާފައިވާ އުސޫލުތަކާއި ގަވާއިދުތަކަށް އިހުތިރާމް ކުރުމާ އެކު ކަމަށެވެ.
ހުއްދަ އަލުން ދިން ފަހުން މިއަދު ޝެއިހު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ހައްގު ބަސް ބުނުމުގައި ދެންވެސް ސާބިތުވެ ހުންނާނެ ކަމަށާއި ގޯހުން ކަމެއް ކުރަންޏާއި އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވާނެ ކަމަށެވެ. އެކަމަކު އެއީ ވަކި މީހަކާ ޖައްސާލައިގެން ދައްކާ ވާހަކައެއް ނޫންކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވިދާޅުވެފައިވެ އެވެ.
https://twitter.com/alizaid1000/status/1011175723443208193
ޝެއިހަށް ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އަލުން ދިނުމުން ދީނީ އިލްމުވެރިން ގެންދަވަނީ މަރުހަބާ ވިދާޅުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް