އެމްއެންޑީއެފުން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ "ހެސަ ވާދަ 2018" މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފި އެވެ.
މިމަހުގެ 23 ގައި ފެށި މި މުބާރާތަކީ އެމްއެންޑީއެފްގެ ޔުނިޓުތަކުގެ މެދުގައި ފެށި މުބާރާތެކެވެ. އެކަމަކު މިހާރު މި މުބާރާތުގައި އާންމުންނަށް ބައިވެރިވެވޭގޮތަށް ކުރިޔަށް ގެންދަން ވަނީ ނިންމާފައި އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އާދަމް އާޒިމް ވިދާޅުވީ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އޮފީސް ތަކާއި، އަމިއްލަ ޖަމިއްޔާތަކާއި، އަމިއްލަ ފަރާތްތަކުގެ އިތުރުން ސަރުކާރު އޮފީސްތަކަށް ހުޅުވާލާފައިވާ ކަމަށެވެ. އެކަމަކު މި މުބާރާތުގައި ބައިވެރިވެވެނީ ހަމައެކަނި ފިރިހެނުންނަށެވެ.
މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ހުރިހާ ބައިވެރިންނަށް 18 އަހަރުވެފައިވުން ހިމެނެ އެވެ. އަދި ރިޒާވް ބައިވެރިންނާއި އެކު ޓީމެއްގައި ހިމެނެން ޖެހެނީ އަށް ބައިވެރިންނެވެ. އެއް ފަހަރާ އިވެންޓު ތަކުގައި ވާދަ ކުރެވެނީ ފަސް ބައިވެރިންނަށެވެ.
މި މުބާރާތުގައި ބަިއވެރިވާ ޓީމުތައް ރަޖިސްޓްރީ ކުރުން ކުރިޔަށް ދަނީ މިރެއިން ފެށިގެން މިމަހުގެ 27 ގެ ނިޔަލަށް ކޮންމެ ރެއަކު 8:30 ން 10:30 ގެ ނިޔަލަށެވެ. އިތުރު މައުލޫމާތު ހޯދުމަށް އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު 9192607 ނަންބަރާ ރަސްމީ ގަޑީގައި ގުޅުމަށް އެދެ އެވެ.
މި މުބާރާތުގައި ފުރިހަމަ ކުރަން ޖެހޭ އިވެންޓުތަކުގެ ތެރޭގައި ދުވުން، ތަންޑިޔާ އުފުލުން، ދޯނި އެހެލުން، ގަސް ކެނޑުން، ރުކަށް އެރުން، ވަޅުދިޔަ ހިއްކުން، ލަނބުރާން ޖެހުން އަދި ލަނބުރާން ތިރިކުރުން، ވެލި އުފުލުން، ގަސް ކީހުން، ދަރުފެޅުން، ކާށި ހެހުން، ވަލުން އެރުން އަދި ފާރަށް އެރުން ހިމެނެއެވެ.
މިފަދަ މުބާރާތެއް ބޭއްވުމުގެ މަގުސަދަކީ ދިވެހިން ޒަމާނުންސުރެ ކުރަމުން އައި މަސައްކަތްތަކާއި ދިވެހި ސަގާފަތް ރަމްޒުކޮށްދޭ ގޮތަށް އަދި ދިވެހިންގެ އާދަކާދަ ދިރުވައި އާލާކުރުން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް