ގާސިމް އިބްރާހިމް ރާއްޖެ ވަޑައިގެންނެވުމަށް އަންގާ ފުލުހުން ޓުވިޓާ މެދުވެރިކޮށް ފޮނުވި ޗިޓަށް، ޓުވިޓާ މެދުވެރިކޮށް ގާސިމް ރައްދު ދެއްވައިފި އެވެ.
ގާސިމް ކުރައްވާފައިވާ ޓުވީޓުގައި ވިދާޅުވެފައިވަނީ އޭނާ ރާއްޖެއިން ބޭރުގައި ހުންނެވީ ބޭސް ފަރުވާއަށް ވަޑައިގެން ކަމަށެވެ. ރާއްޖެއިން ބޭރުން ބޭސްފަރުވާކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
ގާސިމް ވިދާޅުވީ އެފަދަ ހުއްދައެއް ކޯޓުން ދީފައިވަނިކޮށް އޭނާ ފިލައިގެން އުޅޭ ކަމަށް ބުނެ ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޗިޓު ފޮނުވުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ގަބޫލު ކުރާ ކަމަށެވެ. އެ ޓްވީޓާއެކު ގާސިމް ވަނީ ކޯޓު އަމުރަށް ތަބާވާން ޖެހޭނެ ކަމަށް އެ ގާނޫނުގައި ކަނޑައަޅާފައިވާ 77 ވަނަ މާއްދާ ވެސް ހިމަނުއްވައިފަ އެވެ.
https://twitter.com/qasimibrahim/status/1010877053191774209
ތިން އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ގާސިމަށް ފުލުހަށް ހާޒިރުވުމަށް ޓްވިޓާ މެދުވެރިކޮށް އެންގީ އޭނާއަށް ކޮށްފައިވާ ޖަލު ހުކުމަށް ފިއްލަވައިގެން އުޅުއްވާތީ ކަމަށް ބުނެ އެވެ.
ގާސިމް މިހެން ވިދާޅުވި އިރު ކްރިމިނަލް ކޯޓުން ހުއްދަ ދީފައިވަނީ ސިންގަޕޫރަށް ބޭސް ފަރުވާއަށް ވަޑައިގެންނެވުމަށެވެ. އެކަމަކު އެ ގައުމަށް ވަޑައިގެން ބޭސް ފަރުވާ ކުރެއްވުމަށް ފަހު އިތުރު ފަރުވާއަށް ވަނީ ޖަރުމަނުވިލާތަށް ވަޑައިގެންފަ އެވެ.
އަދި އެ ގައުމުގައި ގެންދަވަނީ ޖުމްހޫރީ ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގަވަމުންނެވެ. ގާސިމް މިހާރު ޖަރުމަނުގައި އުޅުއްވަނީ އެ ގައުމުން ހިމާޔަތް ހޯއްދަވައިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް