ގްރޫޕް ސްޓޭޖްގެ ފަހު މެޗުތައް މިއަދު ފެށޭއިރު، ގަދަ 16 ގެ ފުރުސަތު އޮތީ ކޮން ޓީމުތަކަކަށް؟ ކޮން ގޮތަކުން؟

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖްގައި މިހާރު ވަނީ ކޮންމެ ގައުމަކުން ވެސް 2 މެޗު ކުޅެފައެވެ. ގްރޫޕް ސްޓޭޖްގައި ކޮންމެ ގައުމަކަށް ވެސް ބާކީ އެއް މެޗު އޮތްއިރު، ގިނަ ގްރޫޕްތަކުން ގަދަ 16 އަށް ކޮލިފައިވާނެ...

25 Jun 2018 | 05:01

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖްގައި މިހާރު ވަނީ ކޮންމެ ގައުމަކުން ވެސް 2 މެޗު ކުޅެފައެވެ. ގްރޫޕް ސްޓޭޖްގައި ކޮންމެ ގައުމަކަށް ވެސް ބާކީ އެއް މެޗު އޮތްއިރު، ގިނަ ގްރޫޕްތަކުން ގަދަ 16 އަށް ކޮލިފައިވާނެ 2 ޓީމު އަދި ކަށަވަރެއް ނުވެއެވެ. އެހެންކަމުން ގްރޫޕް ސްޓޭޖްގެ ފަހު މެޗުތައް މިއަދު ފެށޭއިރު، އެ މެޗުތައް ފޯރި ގަދަވާނެކަން ކަށަވަރެވެ.

މި ބަލައިލަނީ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗުތަކަށް ޓީމުތައް ނުކުންނައިރު، މިހާތަނަށް ގަދަ 16 ކަށަވަރުވެފައިވާ ޓީމުތަކާއި، ގްރޫޕްތަކުން ގަދަ 16 އަށް ދިއުމުގެ ފުރުސަތު އޮތް ޓީމުތަކާއި، ފުރުސަތު އޮތް ގޮތުގެ މައްޗަށެވެ.

ގްރޫޕް އޭ

ގްރޫޕް އޭ އިން ގަދަ 16 އަށް ދާނެ 2 ޓީމު ވަނީ ކަށަވަރުވެފައެވެ. ރަޝިޔާ އާއި އުރުގުއޭ ކުޅުނު 2 މެޗުން ވެސް މޮޅުވެ، ކޮންމެ ޓީމަކުން ވެސް 6 ޕޮއިންޓް ހޯދާފައިވާއިރު، ސައޫދީ އަރަބިއާ އާއި އިޖިޕްޓަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. އެހެންކަމުން، މި ގްރޫޕްގައި ރަޝިޔާ އާއި އުރުގުއޭ ފަހު މެޗުގައި ބައްދަލުކުރަން ޖެހޭއިރު، ގްރޫޕްގެ އެއް ވަނަ ހޯދުމަށް ކުރާ ހަނގުރާމަ ފިޔަވާ އެހެން ޚާއްސަކަމެއް ނެތެވެ.

މެޗުތައް: 25 ޖޫން 2018، ދިވެހިރާއްޖޭ ގަޑިން 19:00 ގައި

      ސައޫދީ އަރަބިއާ - އިޖިޕްޓް،    އުރުގުއޭ - ރަޝިޔާ

ގްރޫޕް ބީ

މި ގްރޫޕްގެ ފަހު މެޗުތަކުގައި ސްޕެއިން މޮރޮކޯ އަތުން އަދި ޕޯޗުގަލް އިރާން އަތުން ބަލިނުވެ ސަލާމަތް ވެއްޖެނަމަ، ގަދަ 16 އަށް ދާނީ ސްޕެއިން އާއި ޕޯޗުގަލް އެވެ. އިރާންއަށް ގަދަ 16 ގެ ފުރުސަތު އޮތީ ޕޯޗުގަލް ބަލި ކުރެވިއްޖެނަމައެވެ. ނުވަތަ އިރާން އާއި ޕޯޗުގަލް ކުޅޭ މެޗު އެއްވަރުވެ ސްޕެއިން 1 ލަނޑަށްވުރެ ތަފާތު ބޮޑުކޮށް ބަލިވެއްޖެނަމަ ވެސް އިރާންއަށް ފުރުސަތު އޮންނާނެއެވެ. މި ގްރޫޕުން މޮރޮކޯ ވަނީ ޕޮއިންޓެއް ނުލިބި އެލިމިނޭޓް ވެފައެވެ.

މެޗުތައް: 25 ޖޫން 2018، ދިވެހިރާއްޖޭ ގަޑިން 23:00 ގައި

      އިރާން – ޕޯޗުގަލް،    ސްޕެއިން – މޮރޮކޯ

ގްރޫޕް ސީ

ކުޅުނު ދެ މެޗުން މޮޅުވެ، 6 ޕޮއިންޓް ހޯދައިގެން ފްރާންސް ވަނީ މި ގްރޫޕުން ގަދަ 16 އަށް ދަތުރު ކޮށްފައެވެ. 4 ޕޮއިންޓާއެކު އޮތް ޑެންމާކްއަށް ފްރާންސްއާ ދެކޮޅަށް ކުޅޭ މެޗު އެއްވަރު ކޮށްލެވިއްޖެނަމަ އެ ޓީމު ވެސް ގަދަ 16 އަށް ދާނެއެވެ. އެހެނަސް، ފްރާންސް އަތުން ޑެންމާކް ބަލިވެއްޖެނަމަ، 1 ޕޮއިންޓާއެކު އޮތް އޮސްޓްރޭލިއާ އަށް ޕެރޫ ބަލިކޮށް، ނެރެވޭ ނަތީޖާއެއްގެ ގޮތުން ގަދަ 16 އަށް ދިއުމުގެ ދޮރު ހުޅުވޭނެއެވެ. ޕެރޫ ވަނީ އެލިމިނޭޓް ވެފައެވެ.

މެޗުތައް: 26 ޖޫން 2018، ދިވެހިރާއްޖޭ ގަޑިން 19:00 ގައި

      އޮސްޓްރޭލިއާ – ޕެރޫ،    ޑެންމާކް – ފްރާންސް

ގްރޫޕް ޑީ

ދެ މޮޅާއެކު މި ގްރޫޕުން ކްރޮއޭޝިއާ ގަދަ 16 ކަށަވަރު ކޮށްފައިވާއިރު، ދެ އޮތް 3 ޓީމަށް ވެސް ގަދަ 16 އަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. ނައިޖީރިއާއަށް 3 ޕޮއިންޓް ލިބިފައިވާއިރު، އައިސްލޭންޑާއި އާޖެންޓީނާއަށް ލިބިފައިވަނީ 1 ޕޮއިންޓެވެ. އެހެންކަމުން ފަހު މެޗުން އާޖެންޓީނާ އާއި އައިސްލޭންޑަށް ފުރުސަތު އޮތީ ކުޅޭ ފަހު މެޗުން މޮޅު ވެއްޖެނަމައެވެ. އެހެނަސް، ދެ މެޗުގެ ނަތީޖާ ވެސް ވަރަށް މުހިންމު ވާނެއެވެ.

މެޗުތައް: 26 ޖޫން 2018، ދިވެހިރާއްޖޭ ގަޑިން 23:00 ގައި

      އައިސްލޭންޑް - ކްރޮއޭޝިއާ،    ނައިޖީރިއާ – އާޖެންޓީނާ

ގްރޫޕް އީ

ގްރޫޕް ޑީ އިން ކޮސްޓަ ރިކާ އެލިމިނޭޓް ވެފައިވާއިރު، ބާކީ އޮތް 3 ޓީމަށް ވެސް ގަދަ 16 ގެ ފުރުސަތު އަދި އެބައޮތެވެ. ފަހު މެޗުތަކަށް ނުކުންނައިރު، ބްރެޒިލް އާއި ސްވިޒަލޭންޑަށް ލިބިފައިވަނީ 4 ޕޮއިންޓެވެ. ސާބިއާއަށް ލިބިފައިވަނީ 3 ޕޮއިންޓެވެ. އެހެންކަމުން މިއިން ކޮންމެ ޓީމަކަށް ވެސް މޮޅަކާއެކު ގަދަ 16 ކަށަވަރު ކުރެވޭނެއެވެ.

މެޗުތައް: 27 ޖޫން 2018، ދިވެހިރާއްޖޭ ގަޑިން 23:00 ގައި

      ސާބިއާ - ބްރެޒިލް،    ސްވިޒަލޭންޑް – ކޮސްޓަ ރިކާ

ގްރޫޕް އެފް

ކުޅުނު 2 މެޗު ވެސް ކާމިޔާބު ކޮށްފައިވުމާއެކު، ފަހު މެޗުން ސްވިޑެން އަތުން ބަލި ނޫން ކޮންމެ ނަތީޖާއެއް ނެރެވުނަސް، މެކްސިކޯ ގަދަ 16 އަށް ދާނެކަން ކަށަވަރެވެ. އަނެއްކޮޅުން ޖާމަނީ އާއި ސްވިޑެން އަށް 3 ޕޮއިންޓް ލިބިފައިވާއިރު، ފަހު މެޗުން މޮޅުވުމާއެކު، 2 މެޗުގައި ޖަހާ ލަނޑުގެ އަދަދާއި ދައްކާ ކާޑުގެ އަދަދު ވެސް މުހިންމުވުން ގާތެވެ. ކޮރެއާއަށް އޮތް ހަމައެކަނި ގޮތަކީ ޖަރުމަނު ބަލިކުރުމާއެކު، ސްވިޑެން އިން މެކްސިކޯ ބަލިކުރުމަށް އުންމީދު ކުރުމެވެ. އަދި ލަނޑުގެ ތަފާތު އެ މީހުންގެ ކޮޅަށް ބުރަވާނެފަދަ ނަތީޖާއެއް ނުކުތުމަށް އުންމީދު ކުރުމެވެ.

މެޗުތައް: 27 ޖޫން 2018، ދިވެހިރާއްޖޭ ގަޑިން 19:00 ގައި

      ކޮރެއާ ރިޕަބްލިކް - ޖާމަނީ،    މެކްސިކޯ - ސްވިޑެން

ގްރޫޕް ޖީ

މި ގްރޫޕުން އިންގްލެންޑާއި ބެލްޖިއަމް ކުޅުނު 2 މެޗުން ވެސް މޮޅުވެ ގަދަ 16 ކަށަވަރު ވެފައިވުމާއެކު، ޕެނަމާ އާއި ޓިއުނީޝިއާ ވަނީ އެލިމިނޭޓް ވެފައެވެ. އެހެންކަމުން ގްރޫޕްގެ ފަހު މެޗުގައި އިންގްލެންޑާއި ބެލްޖިއަމް ނުކުންނާނީ އެއް ވަނަ ހޯދުމަށެވެ.

މެޗުތައް: 28 ޖޫން 2018، ދިވެހިރާއްޖޭ ގަޑިން 23:00 ގައި

      އިންލެންޑް - ބެލްޖިއަމް،    ޕެނަމާ - ޓިއުނީޝިއާ

ގްރޫޕް އެޗް

ޖަޕާން އާއި ސެނެގާލް އަށް ކުޅުނު ދެ މެޗުން 4 ޕޮއިންޓް ލިބިފައިވާއިރު، ކޮލަމްބިއާއަށް ވަނީ 3 ޕޮއިންޓް ލިބިފައެވެ. މި ގްރޫޕުން ޕޮލެންޑް ވަނީ އެލިމިނޭޓް ވެފައެވެ. އެހެންކަމުން، ޖަޕާން އާއި ސެނެގާލްއަށް ޕޮލެންޑާއި ކޮލަމްބިއާ އާ އެއްވަރު ކޮށްލައިގެން ވެސް ގަދަ 16 އަށް ދެވޭނެއެވެ. އަނެއްކޮޅުން، ކޮލަމްބިއާއަށް ވެސް ސެނެގާލްގެ މައްޗަށް މޮޅެއް ހޯދައިގެން ގަދަ 16 އަށް ދެވެން އޮތްއިރު، އެ ޓީމު އެއްވަރު ވިޔަސް، ޖަޕާން ކުޅޭ މެޗުން އެ ޓީމު ބަލި ވެއްޖެނަމަ ވެސް ކޮލަމްބިއާއަށް ފުރުސަތު ލިބޭނެއެވެ.

މެޗުތައް: 28 ޖޫން 2018، ދިވެހިރާއްޖޭ ގަޑިން 19:00 ގައި

      ޖަޕާން - ޕޮލެންޑް،    ސެނެގާލް - ކޮލަމްބިއާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް