ބޮލީވުޑް އަދި ހޮލީވުޑްގެ ފިލްމުތަކުގައި މަސައްކަތް ކޮށްފައިވާ މަޝްހޫރު ބަތަލް އިރުފާން ހާންގެ ބަނޑަށް އާންމުކޮށް މީހުންނަށް ނުޖެހޭ ބާވަތެއްގެ ކެންސަރު ބަލި ޖެހިގެން ފަރުވާ ހޯދަމުން ދާތާ މިހާރު ހަތަރު މަސް ވަރު ވެއްޖެ އެވެ.
ކުއްލި ގޮތަކަށް ބަނޑަށް ކެންސަރު ޖެހިފައިވާ ކަން އެނގުމުން އޭނާ ވަނީ އަވަހަށް ބައްޔަށް ފަރުވާ ހޯދުމަށް އިނގިރޭސިވިލާތަށް ގޮސްފައި އެވެ. ދިއުމުގެ ކުރިން ޓުވިޓާ މެދުވެރިކޮށް އެކަން ސަޕޯޓަރުންނާއި ހިއްސާ ކުރި އެވެ.
އޭގެ ފަހުން އޭނާގެ މާބޮޑު ހަބަރެއް ވެފައި ނުވާއިރު އިއްޔެ އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އިރުފާން އަށް ކެންސަރު ޖެހިފައިވާކަން ޓުވިޓާ މެދުވެރިކޮށް ހާމަ ކުރުމުން ހިތްހެޔޮ ކަމާއި އެކު އެންމެ ގާތްކޮށް ކަންތައް ކުރި ބޮލީވުޑް ތަރިންގެ ތެރޭގައި ޝާރުކް ހާން ހިމެނެ އެވެ. އޭނާ ހަމައެކަނި ގުޅައިގެން ހާލު ބަލާލުމަށް ފަހު އަވަސް ޝިފާއަކަށް އެދުނީ އެކަންޏެއް ނޫނެވެ.
ރިޕޯޓުތައް ބުނާގޮތުގައި ޝާރުކް ހާން ވަނީ އިރުފާން ފަރުވާއަށް އިނގިރޭސިވިލާތަށް ފުރުމުގެ ދެ ދުވަސް ކުރި އިރުފާންގެ ގެއަށް ގޮސް އޭގެ ދެމަފިރިންނާއި ބައްދަލުކޮށްފައި އެވެ. ދެގަޑިއިރަށް ވުރެ ގިނަ އިރުވި އެ ބައްދަލުވުމުގައި ޝާރުކް އެދުނީ ލަންޑަނަށް ފަރުވާ ހޯދަން ގޮސް ތިބޭ މުއްދަތުގައި އޭނާގެ އެޕާޓްމެންޓުގައި ތިބުމަށެވެ.
ޝާރުކް އެ ދުވަހު އިރުފާން އާއި އެޕާޓްމެންޓުގެ ތަޅުދަނޑިވެސް ހަވާލު ކުރި ކަމަށްވެ އެވެ. އަދި އެ ގެއަކީ އަމިއްލަ ގެކަމަށް ދެކުމަށް ޝާރުކް ބުނިކަމަށް ވެ އެވެ.
އިރުފާންގެ ބަލީގެ ސަބަބުން އޭނާ ދިޕިކާ ޕަދުކޯން އާއި އެކު ކުޅުމަށް ހަމަޖެހިފައިވާ ފިލްމުގެ ޝޫޓިން ވަނީ އޭނާ ފަރުވާއަށް ފަހު އަންނަންދެން ފަސްކޮށްފައި އެވެ. އިރުފާން ވަރަށް ފަހުން ޓުވިޓާގައި ބުނެފައިވަނީ އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް އިންޑިއާއަށް ދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް