ކޯވިޑް-19 އަށް މިއަދު އިތުރު 58 މީހަކު ޕޮޒިޓިވްވެ، ޖުމްލަ ޕޮޒިޓިވް ވި މީހުންގެ އަދަދު 1371 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭއިން) ބުނެފައިވާގޮތުގައި ޕޮޒިޓިވް ވި 58 މީހުންގެ ތެރޭގައި ހިމެނެނީ 25 ދިވެއްސަކާއި ބަންގްލަދޭޝްގެ 13 މީހަކާއި އިންޑިއާގެ ހަތަރު މީހެއްގެ އިތުރުން ނޭޕާލުގެ ހަ މީހެކެވެ.
މިއީ މިރޭ 11:00 އާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ކަމަށް ބުނެފައިވެއެވެ.
މިއަދު 58 މީހަކު ޕޮޒިޓިވް ވެފައިވާއިރު މިހާރު މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ލޮކްޑައުންގެ ހާލަތަށް ލުއިތަކެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ރާއްޖޭގެ އެކި ރަށްރަށުގައިވެސް ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއްވެސް ދޭން ނިންމާފައިވެއެވެ.
ބެލެވޭގޮތުގައި މިހާރު އިއުލާނުކޮށްފައިމިވާ ލޮކްޑައުންގެ މުއްދަތު މި މަހުގެ 28ގައި ހަމަވުމުން ލުއިތަކެއް ދޭނެއެވެ.
ލުއިތަކެއް ދޭން ނިންމާފައިވަނީ މަރުހަލާތަކަކަށް ބަހާލައިގެން ކަމުގައި ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އިން ބުނެފައިވެއެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި މީހުން ބޭރަށް ނިކުމެ އުޅުމަށް ލުޔެއް ދިނުމަށްފަހު އިތުރު ލުޔެއް ދޭނީ ނަތީޖާއަށް ބެލުމަށްފަހުގައި ކަމަށްވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް