ރާއްޖެއިން ބޭރުގެ އުޅަނދެއް މާލެ ސަރަހައްދުން ވެލި ބަރުކޮއްގެން ހުވަދު އަތޮޅަށް ދަތުރުކުރަމުން ދާކަމުގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ލިބުމުން އެ މައްސަލަ މިހާރު ބަލަން ފަށާފައިވާއިރު އެ އުޅަނދަކީ ބްރިޖް ހެދި ސީސީސީސީ ކުންފުންޏާއި ގުޅުމެއް ހުރި އުޅަނދެއް ނޫންކަމަށް ޗައިނާ އެމްބަސީން ބުނެފިއެވެ.
އިއްޔެ ފުލުހުންނާއި ކަސްޓަމްސްއިން ބުނެފައިވަނީ އެއީ ސީސީސީސީގެ އުޅަނދެއް ކަމަށެވެ.
ނަމަވެސް ޗައިނާ އެމްބަސީން މިއަދު ބުނެފައިވަނީ އެ އުޅަނދަކީ ސީސީސީސީ ކުންފުނީގެ ސަބް ކޮންޓްރެކްޓެއްގެ އުޅަނދެއް ކަމަށެވެ. އަދި އެ ސަބްކޮންޓްރެކްޓް މިހާރު އުވާލާފައިވާކަމަށްވެސް ޗައިނާ އެމްބަސީން ބުނެފައިވެއެވެ.
އެމްބަސީން އިތުރަށް ބުނެފައިވާގޮތުގައި އެ ލޭންޑިންގް ކްރާފްޓަކީ ހުނާން އޮއުބޯ ޓެކްނޮލޮޖީ ކޯ ލިމިޓެޑްގެ އުޅަނދެކެވެ.
ކަސްޓަމްސް އިން މި މައްސައިގާ ރޭގައި ބުނެފައިވަނީ މި އުޅަނދަކީ ސިނަމާލެ ބްރިޖުގެ ޕްރޮޖެކްޓްގައި ބޭނުންކުރުމަށް ޗައިނާގެ ސީ.ސީ.ސީ.ސީ ކުންފުނީގެ ނަމުގައި އެތެރެ ކޮއްފައިވާ ބޯޓެއްކަމަށާއި، މި އުޅަނދު ދަތުރުކުރަމުންދަނީ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ނެތިކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ.
މި މައްސަލާގައި ކަމާގުޅޭ މުއައްސަސާތަކާއި ގުޅީގެން ތަހުގީގު ކުރަމުން ދާ ކަމަށާއި މިކަމުގައި ޝާމިލްވާ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅުއަޅާނެ ކަމަށް ކަސްޓަމްސްއިން ފާހަގަ ކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް