ބެޑްމިންޓަން އޭޝިޔާ ކޮންފެޑަރޭޝަންގެ (ބީއޭސީ)ގެ ސެކެރެޓަރީ ޖެނެރަލަކަށް ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު އިންތިހާބުކޮށްފިއެވެ.
ބީއޭސީގެ ސެކެރެޓަރީ ޖެނެރަލަކަށް މޫސަ އިންތިހާބްކޮށްފައިވަނީ މިއަދު ހެދުނު ޗައިނާގައި ކުރިއަށްދިޔަ ބެޑްމިންޓަން އޭޝިޔާ ކޮންފެޑަރޭޝަންގެ އަހަރީ އާންމު ޖަލްސާގައި ކަމަށް ވާއިރު މޫސަ މި މަޤާމަށް އިންތިހާބުވެފައިވަނީ ހޮންކޮންގެ ޓޮން ވައި ލިންއާއި ވާދަކޮށެވެ.
މި އިންތިހާބުގައި އޭޝިޔާގެ 40 ގައުމަކުން ވޯޓްލާފައިވާއިރު މޫސަ މި މަޤާމަށް އިންތިހާބުވީ 27 ވޯޓާއި އެކުއެވެ.
މޫސަގެ މި މަގާމުގެ ދައުރަކީ 5 އަހަރު ދުވަހެވެ. އަދި މިއީ ރާއްޖޭގެ މެމްބަރަކު ބީއޭސީގެ އިސްމަގާމަކަށް އިންތިހާބުވި ފުރަތަމަ ފަހަރެވެ.
މިކަމާ ގުޅޭ ގޮތުން ބެޑްމިންޓަން އެސޯސިއޭޝަންގެ ޖެނެރަލް ސެކެރެޓަރީ އިފްޝާން މުހައްމަދު ބުނެފައިވަނީ މިއީ ބެޑްމިންޓަން އެސޯސިއޭޝަނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއްކަމަށެވެ.
އަދި މި ނަތީޖާއިން ބެޑްމިންޓަންގައި ރާއްޖެއިން ކުރަމުން އަންނަ މަސައްކަތް ބަލައި ގަންނަ މިންވަރު އެގިގެން ހިނގައްޖެކަމަށާއި، މޫސަ ބީއޭސީގެ އެސްޖީކަމަށް އިންތިހާބުވުމުން ރާއްޖޭގެ ބެޑްމިންޓަން ކުރިއެރުވުމަށް ލިބިގެންދިޔަ ފުރުސަތަކަށް ވެގެންދާނެކަމަށް އިފްޝާން ބުނެފައިވެއެވެ. އަދި ހާއްސަކޮށް ޒުވާން ކުޅުންތެރިން އުފެއްދުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެކަމަށް ޤަބޫލުކުރާކަމަށް ވެސް އިފްޝާން ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް