ވެލި ބަރުކޮއްގެން ދަތުރު ކޮއްފައިވަނީ ހުއްދަނެތި: ކަސްޓަމްސް

ސީސީސީސީގެ އުޅަނދަކަށް ވެލި ބަރުކޮއްގެން ދަތުރު ކޮއްފައިވަނީ ހުއްދަނެތި ކަމަށާއި، އެ މައްސަލާގައި ބައިވެރިވި ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅާނެކަމަށް މޯލްޑިވްސް ކަސްޓަމްސްއިން ވިދާޅުވެއްޖެއެވެ. ކަސ...

25 May 2019 | 06:53

ސީސީސީސީގެ އުޅަނދަކަށް ވެލި ބަރުކޮއްގެން ދަތުރު ކޮއްފައިވަނީ ހުއްދަނެތި ކަމަށާއި، އެ މައްސަލާގައި ބައިވެރިވި ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅާނެކަމަށް މޯލްޑިވްސް ކަސްޓަމްސްއިން ވިދާޅުވެއްޖެއެވެ.

ކަސްޓަމްސް އިން ނެރިފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރާއްޖެއިން ބޭރުގެ އުޅަނދެއް މާލެ ސަރަހައްދުން ވެލި ބަރުކޮއްގެން ހުވަދު އަތޮޅަށް ދަތުރުކުރަމުން ދާކަމުގެ މައުލޫމާތު ކަސްޓަމްސްއަށް ލިބުމާގުޅިގެން އެމައްސަލަ ކޯސްޓްގާރޑް އަދި މޯލްޑިވްސް ޕޮލިސް ސާވިސްއާއި ގުޅިގެން އިތުރަށް ބަލަމުން ދާކަމަށެވެ.

މި އުޅަނދަކީ ސިނަމާލެ ބްރިޖުގެ ޕްރޮޖެކްޓްގައި ބޭނުންކުރުމަށް ޗައިނާގެ ސީ.ސީ.ސީ.ސީ ކުންފުނީގެ ނަމުގައި އެތެރެ ކޮއްފައިވާ ބޯޓެއްކަމަށާއި، މި އުޅަނދު ދަތުރުކުރަމުންދަނީ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ނެތިކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ވެސް މި ބަޔާނުގައި ބުނެފައިވެއެވެ.

މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރާއްޖެއިން ބޭރުން އަންނަ އުޅަނދު ފަހަރު ކަސްޓަމްސްގެ ހުއްދަނެތި ބަނދަރު ކުރުމާއި ގޮސްއައިސްވުމާއި އެ އުޅަނދު ފަހަރަށް ތަކެތި އަރުވާ ބޭލުމަކީ ކަސްޓަމްސްގެ ގާނޫނާއި ގަވާއިދުގެ ދަށުން މަނާކަމެއް ކަމަށާއި ރާއްޖެއަށް އައިސް ގޮސްފައިވާ އުޅަނދު ފަހަރަށް ރާއްޖޭގައި ހިންގާ އެންމެހާ މުއާމަލާތްތައް ހިންގަން ޖެހެނީ ކަސްޓަމްސްގެ ހުއްދަ ހޯދުމަށްފަހުގައި ކަމަށެވެ.

އަދި މިފަދަ އުޅަނދުތަކުގެ ކަންކަން ބަލަހައްޓަމުން ގެންދަނީ އުޅަނދަށް އައްޔަންކުރެވޭ ކަސްޓަމްސްގައި ރަޖިސްޓްރީ ކުރެވިފައިވާ ލޯކަލް އެޖެންޓް މެދުވެރިކޮށް ކަމަށް ވެސް ބުނެފައިވެއެވެ.

އެގޮތުން މި މައްސަލާގައި ކަމާގުޅޭ މުއައްސަސާތަކާއި ގުޅީގެން ތަހުގީގު ކުރަމުން ދާ ކަމަށާއި މިކަމުގައި ޝާމިލްވާ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅުއަޅާނެ ކަމަށް ކަސްޓަމްސްއިން ފާހަގަ ކޮއްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް