ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދު ލޮކް ޑައުންކޮށްފައިވަ ވަނިކޮށް އިއްޔެ ގަވައިދާ ހިލާފަށް މަގުމައްޗަށް ނުކުތް 109 މީހަކު ޖޫރިމަނާ ކުރި ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އިއްޔެ މާލޭގައި ލޮކް ޑައުން ގައައިދާ ހިލާފަށް މަގުމަތީގައި އުޅެނިކޮށް101 މީހަކު ޖޫރިމަނާ ކުރި ކަމަށެވެ. ވިލިމާލެއިންނާއި ހުޅުމާލެއިން ޖޫރިމަނާ ކޮށްފައިވަނީ ކޮންމެ ތަނަކުން ހަތަރު މީހަކު އެވެ.
މި މީހުން ޖޫރިމަނާ ކުރާނީ1،000 ރުފިޔާއިންނެވެ.
ލޮކް ޑައުނާއި ހިލާފުވެގެން ކުރިން ޖޫރިމަނާ ކުރި ބަޔަކު އިއްޔެ ގަވައިދާ ހިލާފުވުމުން ހައްޔަރުކޮށްފައިވެ އެވެ. އިއްޔެ ފަސް މީހަކު ހައްޔަރުކޮށްފައިވާއިރު އެއީ މާލެއިން ހައްޔަރު ކުރި މީހުންނެވެ.
މާލޭގެ ލޮކްޑައުން އާއި ގުޅިގެން ރައްޔިތުންނަށް ދިމާވާނެ ދަތިތައް ހައްލު ކުރުމަށް ފުލުހުން ދަނީ ކޮންމެ ތިން ދުވަހަކުން އެއް ދުވަހު ގެއަކުން މީހަކަށް ޒަރޫރީތަކެތި ގަތުމަށް ބޭރަށް ނުކުތުމުގެ ހުއްދަ ދެމުންނެވެ. ފުލުހުން ބުނީ މިހާތަނަށް އެގޮަތަށް ހުއްދަ ނަގައިގެން ގިނަ މީހުން އެ ހުއްދަ ތަކުގެ ނާޖާއިޒު ފައިދާ ނަގާފައިވާ ކަމަށެވެ.
މާލެ ލޮކްޑައުންކޮށްފައިވަނީ ކޯވިޑް-19 އާއި ގުޅިގެން އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށެވެ.
މިހާތަނަށް ރާއްޖެއިން129 މީހަކުވަނީ ކޯވިޑަށް ޕޮސިޓިވް ވެފައި އެވެ. ގިނަ މީހުންނަކީ މާލެއިން ޕޮސިޓިވް ވެފައިވާ މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް