ނައިބު ރައީސް ފައިސަލް ނަސީމް މިހާރު ސިންގަޕޫރަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، އެ ޤައުމުގެ ސެންޓްރަލް ނާކޮޓިކްސް ބިއުރޯ އަދި އެޤައުމުގެ ޕްރިޒަން ސަރވިސްގެ އިސް ބޭފުޅުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާއި، މަސްތުވާތަކެތި އެތެރެކުރުމާ ދެކޮޅަށް ކުރެވޭނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުވުމުގައި، ސިންގަޕޫރުގެ އޮފިޝަލުން ވަނީ ސިންގަޕޫރުގެ ޕްރިޒަން ރިހެބިލިޓޭޝަން ޕްރޮގްރާމާ ބެހޭ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން މި ޕްރޮގްރާމްގައި އެންމެ އިސްކަމެއް ދެނީ ޤައިދީން މިނިވަންވުމަށްފަހު އެމީހުން މުޖުތަމަޢުގެ ތެރެއަށް ނުކުންނައިރު އެމީހުންނަކީ ޒިންމާދާރު ބަޔަކަށްވެ، ވާޒީފާ ލިބުމަށް މަގުފަހިވެ، އާމްދަނީ ލިބޭނެ ފަދަ ހުނަރުތަކެއް ދަސްކޮށްދިނުމަށްކަން ސިންގަޕޫރުގެ އޮފިޝަލުން ފާހަގަކުރައްވާފައިވެއެވެ.
ޒުވާނުންގެ މެދުގައި ފާއިތުވި އަހަރުތަކުގައި މަސްތުވާތަކެތި ބޭނުން ކުރުން ރާއްޖޭގައިވެސް ވަނީ ބޮޑުވަމުންދާ މައްސަލައަކަށްވެފައެވެ. އަދި މިކަމުގެ ސަބަބުން މުޖުތަމައުގެ ތެރޭގައި އެހެނިހެން އިޖުތިމާޢީ މައްސަލަތައް އަންނަނީ ކުރިމަތިވަމުންނެވެ. މި މައްސަލަ ހައްލުކުރުމުގެގޮތުން ސަރުކާރުން ގެންދަނީ ކަމާގުޅުންހުރި ޤާނޫނުތައް ތަންފީޒުކުރުން ހަރުދަނާކޮށް ސިންގަޕޫރު ފަދަ ބޭރު ޤައުމުތަކުގެ މާހިރުންގެ ލަފަޔާއެކީ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ރާއްޖޭގައި ހިންގަމުންނެވެ.
މި ބައްދަލުވުމަށްފަހު ނައިބު ރައީސް ވަނީ ސިންގަޕޫރުގެ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު ބައްލަވާލައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް