ފަސް އަހަރުން ދަށުގެ ކުދިންނަށް ސްކްރީން ދައްކަން ވާނީ އެންމެ ގިނަވެގެން ދުވާލަކު އެއް ގަޑިއިރު ކަމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.
އެ އޯގަނައިޒޭޝަނުން ބުނީ، ކުޑަ ކުދިން ބޮޑަށް ހަރަކާތްތެރިވާނީ އެހެނިހެން ކަންކަން ކުރުމަށް އެކުދިން މަސްއޫލު ކުރުވީމައެވެ. މާގިނައިން ޓީވީ ބެލުމާއި، ގޭމް ކުޅުމާއި އިލެކްޓްރޯނިކް ސްކްރީނަށް އެ ކުދިން، އަދި ހާއްސަކޮށް އެއް އަހަރުންގެ ދަށުގެ ކުދިންނަށް ދެއްކުމަކީ އެކުދިންގެ ވިސްނުން ކޮށިވާކަމެއް ކަމަށްވެސް އެ އޯގަނައިޒޭޝަންއިން ބުންޏެވެ.
ނިއުސް ބްރީފިންގ އެއް ދެމުން އެ އޯގަނައިޒޭޝަނުން އިތުރަށް ބުނީ، އެއް އަހަރާއި ހަތަރު އަހަރުގެ ކުދިން ދުވާލަކު މަދުވެގެން ހަތަރު ގަޑިއިރު ފިޒިކަލީ ހަރަކާތްތެރިވާން ޖެހޭނެކަމުގައެވެ. އެއް އަހަރުން ދަށުގެ ކުދިން މަދުވެގެން އެއް ގަޑިއިރު ތަޅަންމަތީގައި އެކަނި ކުޅެން ދޫކޮށްލަން ޖެހޭނެ ކަމަށްވެސް ބުންޏެވެ.
އެގޮތަށް އަބަދު ސްކްރީން ދޮށުގައި ފަސް އަހަރުން ދަށުގެ ކުދިން ބައިންދާނަމަ އެކުދިންގެ ހަށިގަނޑަށް ނޭދެވޭ ބަދަލުތައް އަންނާނެ ކަމަށް ފާހާގަކުރަމުން ޑަބްލިއުއެޗްއޯ އިން ބުނީ، ބައެއް ކުދިން ހުންނަން ޖެހޭ ވަރަށް ވުރެ ބަރުވުމާއި، ކެންސަރަށް މަގުފަހި ވުމާއި އެކުދިންގެ ވިސްނުންވެސް ކޮށިވެދާނެ ކަމަށެވެ. ހަމައެޔާއިއެކު އެހާ ކުޑައިރު ސްކްރީނަށް ބަލާނަމަ ލޮލުގެ ފެނުންވެސް ފުސްވެދާނެ ކަމަށް އެ އޯގަނައިޒޭޝަނުން ފާހަގަކުރިއެވެ. މީގެ އިތުރުން ހުރިހާ ކަމެއް ހަށިގަނޑުން ނުފެންނާނެ ކަމަށާއި ނޭދެވޭ އަސަރު އެކުދިންގެ ސިނކުޑިއަށް ވެސް ކުރާނެ ކަމަށް ބުންޏެވެ. އެހެންކަމުން އެކަމާ ބެލެނިވެރިން ވިސްނަން ޖެހޭ ކަމަށްވެސް އެ އޯގަނައިޒޭޝަނުން ފާހަގަކުރިއެވެ.
ޑަބްލިއުއެޗްއޯ އިން ބުނީ، ފަސް އަހަރުން ދަށުގެ ކުދިންގެ ތެރެއިން މުޅި ދުނިޔޭގައި 40 މިލިއަނެއްހާ ކުދިން ހުންނަން ޖެހޭވަރަށްވުރެ ފަލަކަމުގައެވެ. އޭގެ ސަބަބަކީ އެއްތަނެއްގައި އަބަދު ތިބުމާއި ހަރަކާތްތެރިވެ ނޫޅުން ކަމުގައި އެ އޯގަނައިޒޭޝަނުން ފާހަގަކުރިއެވެ.
އެވަރުގެ ކުދިންނަކީ ވަރަށް ފަސޭހައިން ފެންނަ ކަންކަން ދަސްކުރާ ކުދިން ކަމުގައި ފާހަގަކޮށް ޑަބްލިއުއެޗްއޯ އިން ބުނީ، އެކުދިންގެ އުޅުމަށް އޭގެ ސަބަބުން ނޭދެވޭ ބަދަލުތައް އައިސްފާނެ ކަމުގައެވެ. އެ ކުދިންގެ އުޅުމަކީ ގޭތެރެއިން ދަސްކޮށްދެން ޖެހޭ އެއްޗެއް ކަމަށާއި، އަހުލާގީ ކަންކަން ދަސްކޮށްދެންވާނީ ސްކްރީންގެ އެހީގައި ނޫން ކަމަށްވެސް އެ އޯގަނައިޒޭޝަން އިން ވާހަދެއްކި ޑޮކްޓަރު ބުލް ވިދާޅުވިއެވެ.
ކުދިންނަށް ނިދި ލިބެންވާ ވަރަށް ވުރެ މަދުން ލިބުމަކީވެސް ސްކްރީންގެ ސަބަބުން ވާ ކަމެއްކަމުގައި ޑަބްލިއުއެޗްއޯ އިން އިތުރަށް ބުންޏެވެ. އެ ކުދިންނަށް ލިބެންވާވަރަށްވުރެ މަދުން ނިދި ލިބޭނަމަ، ހަށިގަނޑުގެ ދިފާއީ ނިޒާމް ބަލިކަށިވެ އެ ކުދިންގެ އުޅުން ކަންނެތް ވާނެކަމަށްވެސް ޑަބްލިއުއެޗްއޯ އިން ފާހަގަކުރިއެވެ.
އެހެންކަމުން ވީހާވެސް މަދުން ކުޑަކުދިންނަށް ސްކްރީން ދެއްކުމަށް އެ އޯގަނައިޒޭޝަނުން އިލްތިމާސްކުރިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް