ބުރުސޫރަ - އަށާރަވަނަ ބައި

ކުރީގެ އަދަދާ ގުޅޭ.... ރާނީގެ އަޑު އިވުމުން އެންމެ ރުޅި އައީ މަންހާއެވެ. އެ ސޫރައާއި އެއްވަރަށް އެ އަޑުވެސް އެހާ ރީއްޗެވެ. މަންހާގެ ރުޅިގަނޑު ފަޅައިގެން ދާން ކައިރިވެއްޖެއެވެ. "މާ މަތީގަ ކަލެއަށް ތި އ...

25 Apr 2019 | 09:58

ކުރީގެ އަދަދާ ގުޅޭ....

ރާނީގެ އަޑު އިވުމުން އެންމެ ރުޅި އައީ މަންހާއެވެ. އެ ސޫރައާއި އެއްވަރަށް އެ އަޑުވެސް އެހާ ރީއްޗެވެ. މަންހާގެ ރުޅިގަނޑު ފަޅައިގެން ދާން ކައިރިވެއްޖެއެވެ.

"މާ މަތީގަ ކަލެއަށް ތި އުޅެވެނީ... ޒިއަން އިންނާނީ މަށާ އެ ހުވަފެން ކަލޭ ދެކިގެން ނުވާނެ އަޑު އިވިއްޖެތަ؟" މަންހާ ރާނީގެ މޫނާއި މޫނު ކައިރިކޮށްލަމުން ހަޅޭތްލަވައިގެތެވެ.

"މަންހާ ކަލޭ ތިހުރީ މޮޔަވެފަ" ފަހަތުން ޒޭބާ ގޮވައިލިއެވެ. މަންހާ އަދި އިހުނަށްވުރެ ރުޅި ގަދަވެއްޖެއެވެ.

"އަދިވެސް މަތަ މޮޔައީ މިހިރެ އަންހެނާ އެއްނު މޮޔަވެގެން މަގޭ ޒިއަން ފަހަތުން އެ ދުވަނީ... އަންހެނުންނޯ... ބްލަޑީ ސްލަޓް" މަންހާ މިހެން ބުނުމުން ޒިއަން މަންހާގެ މޫނަށް ބަލައިލިއެވެ.

"މިތާ އެންމެންނަށް އިނގޭނެ ސްލަޓަކީ ކާކުކަން... ދެން މަގޭ އަންހެނުންނާ އެގޮތަށް ވާހަކަ ދައްކައިފިއްޔާ މަށަށްވުރެ ނުބައި މީހަކު ނުހުންނާނެ" މަންހާ އާއި ދިމާލަށް އިނގިލި ދިއްކުރަމުން ޒިއަން މިހެން ބުނުމުނަށްފަހު، ރާނީގެ އަތުގައި ހިފައިގެން ދާން ހިނގައިގަތެވެ. އަދި އެއްވާހަކަ ބުނަން ހަނދާންވުމުން ޒިއަން އަނެއްކާވެސް ފަހަތަށް އެނބުރުނެވެ.

"އެންޑް ޔެސް ޝީ އިޒް މައި ވައިފް" މިހެން ބުނުމަށްފަހު ރާނީގެ އަތުގައި ހިފައިގެން ޒިއަން ދާން ހިނގައިގަތެވެ. ހައިރާންވި ވަރުން މަންހާއަށް އެ ދިމަ ބަލަން ހުރެވުނީއެވެ. މަންހާ އެކަންޏެއް ނޫނެވެ. އެކުލާގެ ގިނަ އަންހެން ކުދިން ތިބީ ހައިރާންވެފައެވެ. ފަހަތުން ޒޭބާ މެންވެސް މަންހާއަށް މަލާމާތް ކުރަމުން ހެމުން ހެމުން ހިނގައްޖެއެވެ. އެންމެންވެސް އެއްޗެހި ކިޔަމުން ދިޔައީ މަންހާ އުޅުން ގޮތާއި ބެހޭގޮތުންނެވެ. މިހާރު އެތާ ތިބީ މަންހާ އާއި އީމާން އަދި މާޒިންއެވެ.

"ދެން އެހެން ކަމަކާ އުޅެންވީނު މަންހާ... ޒިއަން އެއް ނުލިބޭނެ ހީ އިޒް އޯލްރެޑީ މެރިޑް ހެހެހެ" މާޒިން މަންހާގެ ކަންފަތް ބުޑުގައި އިއްވައިލިއެވެ. އަދި އީމާން ކައިރީ އައުމަށް ބުނެފައި ދާން ހިނގައިގަތެވެ. ނަމަވެސް އީމާން ހުއްޓުނީ މަންހާ އޭނާގެ އަތުގައި ހިފެހެއްޓުމުންނެވެ.

"އެއީ ތެދެއްތަ؟" މަންހާ އަހައިލިއެވެ. އީމާން ވަރަށް މަޑުމަޑުން  ބޯ ޖަހައިލިއެވެ. ވަގުތުން މަންހާގެ ލޮލުން ހޯސްލާފައި ކަރުނަ އަންނަން ފެށިއެވެ.

"އީމް ކީއްވެ ނުބުނީ... އީމް އަށް އެނގިގެން ވީ ކަމެއް ދޯ... ނޫން ނޫން ނޫން" މަންހާ އީމާންގެ މޭމަތީގައި ގޮށް މުށުން ތަޅަންފެށިއެވެ. އީމާންއަށް ތަދުނުވާ ކަހަލައެވެ. އެ ހިތްވެސް ކުދިކުދިވިތާ މިހާރު ކޮން ދުވަހެއް ހެއްޔެވެ. އީމާން މަންހާގެ އަތް ފޮޅުވައިލުމަށްފަހު ދާން ހިނގައިގަތެވެ.

ގެއަށް ދިޔަ މަގުމަތީގައި ޒިއަން އާއި ރާނީގެ ދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. ރާނީ އިނީ ފެންކަޅިވެފައެވެ. ޒިއަން އެވަނީ ވަރަށް ބޮޑަށް އޭނާއަށް އޮޅުވާލައިފައެވެ.

****

"ޒައި ކޮންތާކަށް ތި ދަނީ؟ ގެއަށް ހިނގާބަލަ" އާލިމް ބުނެލިއެވެ. ޒައިނާ ކާރު ދުއްވަމުން ދިޔައީ އެއްވެސް މިސްރާބެއް ނެތިއެވެ. އެއްގޮތަކަށްވެސް އާލިމް ގޮވައިގެން މިހާރު ގެއަށް ދާކަށް ޒައިނާ ބޭނުމެއް ނޫނެވެ.

"ކީއްކުރަން" ހަމަ އެއިން ގޮތަށް ޒައިނާ އިއްވައިލިއެވެ.

"ވާހަކަ ދައްކަން" އާލިމް ބެލީ ވީހާވެސް ލޯބިން ޒައިނާއަށް ވިސްނައިދެވޭތޯއެވެ. ނަމަވެސް ޒައިނާގެ ރުޅިގަނޑު މައިތިރިކުރާކަށް ނޫޅެއެވެ.

"ޒައި ކޭން ޔޫ ސްޓޮޕް... ޕްލީޒް" އާލިމް ޒައިނާގެ އަތުގައި ހިފައިލިއެވެ. ވަގުތުން ޒައިނާ އެ އަތް ފޮޅުވައިލިއެވެ. ނަމަވެސް އާލިމް ގަދަކަމުން ކާރު މަޑުކުރުވިއެވެ. އެވަގުތު ކާރު އޮތީ މަގު މެދުގައި ކަމުން ޒައިނާ ކާރު އެއްފަރާތްކޮށްލިއެވެ.

"ކިހިނެއް ވެގެންތަ ޒައި ތިއުޅެނީ؟" އާލިމް ތަންކޮޅެއް ބާރަށް ބުނެލިއެވެ. އެވަގުތު ޒައިނާ އޭނާއަށް ބަލައިލިއެވެ. ފެންކަޅިވެފައިވާ ދެލޮލުން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ.

"ކިހިނެއްހޭ ވީ؟ ސީރިއަސްލީ ކިހިނެއްތަވީ؟" ޒައިނާ ބުނެލިއެވެ. އާލިމް އިސްޖަހައިލިއެވެ.

"އެންމެ ކުޑަމިނުން އަހަރެން ގުޅީމަ ފޯނު ނަގާލާ ނަމަ... އަހަރެން ނޫން އެހެން މީހެއް ނަމަ މިހާރު ވަރިވެގެން ދިޔަތާ ކޮން ދުވަހެއް... ކީއްކުރަންތަ އާލިމް މަގޭ ދިރިއުޅުން ހަލާކު ކޮށްލީ...." ޒައިނާއަށް ރޮވިއްޖެއެވެ.

"ޒައި ލޯބިވާތީއޭ އިނީ... އެކަމަކު މިހެން ވާނެ ކަމަކަށް ހިއެއް ނުކުރަން" އާލިމް ބުނެލިއެވެ. ޒައިނާ ކައިރިޔަށް ހިނިއައެވެ.

"ރިއަލީ؟ ލޯބިވާނަމަ އެޓްލީސްޓް މަ ހުރީ ކައިގެން ތޯ ބޮއެގެންތޯ ބަލައިލާނެ... މަ ދުނިޔޭގަ ހުރިތޯވެސް ބަލައިލާނެ... އާލިމް ހީކުރީ މަމީ ކުޅޭކުޅޭ އެއްޗެއް ކަމަށްތަ؟ ހަމަ އަންހެނުންނާ މައްސަލައެއް ޖެހޭއިރަށް އަންނާނެ... އެ ނޫނީ މީ ހަމަ ނެތް މީހެއް... ކީއްކުރަންތަ އިނީ... ހާދަ ކެތެއް ކޮށްގެންނޭ މިއުޅެނީ" ޒައިނާގެ ހިތުގައި ހުރި ހުރިހާ އެއްޗެއް މިއަދު ދުލާ ހިސާބަށް ގެންނާނެއެވެ. މި ދިރިއުޅުމެއް ދެނެއް ނޫޅެވޭނެއެވެ.

"ޒައި އިނީ އަސްލުވެސް ހަމަ ލޯބިވާތީއޭ... އެކަމަކު މިއަދު އަހަރެން މީ ވަރަށް މަޖުބޫރު މީހެއް ޕްލީޒް ގަބޫލުކޮށްބަލަ" އާލިމް ކުޑަކޮށް ޒައިނާއާއި ދިމާލަށް އެނބުރުމަށްފަހު އެ ދެއަތުގައި ހިފައިލިއެވެ. ޒައިނާގެ ނަޒަރު ވަނީ ބޭރަށެވެ.

"އާލިމް މި ގުޅުން ފެށީވެސް އަހަންނަށް އޮޅުވާލައިގެން"  ވަރަށް މަޑުން ޒައިނާ މިހެން ބުނި ނަމަވެސް އާލިމްއަށް ހަމަ ސާފުކޮށް އިވިއްޖެއެވެ. އާލިމް އިސްޖަހައިލުމަށްފަހު ފުން ނޭވާއެއް ދޫކޮށްލިއެވެ.

"ޒައި ހަގީގަތް ނުބުނީ ޒައި ގެއްލިދާނެތީ... އަހަރެންގެ ހަޔާތުގަވެސް ލޯބިވީ ޒައި ދެކެ އެކަނި... އަހުދާއާ އިންނަން ޖެހުނީ ބައްޕަ ބޭނުންވެގެން... އަހުދާ އަކީ ބައްޕަގެ ވަރަށް ގާތް ރައްޓިއްސެއްގެ ދަރިއެއް... ބައްޕަ ކިޔާވަރުން އިނީ" ފުރަތަމަ ފަހަރަށް އާލިމް މިހުރިހާ ދުވަހު ނުބުނަން ހުރި ވާހަކަތައް ޒައިނާގެ ކަންފަތައް އިއްވައިދޭން ފެށިއެވެ. ޒައިނާ އިނީ ކަނުލައި އަޑު އަހާށެވެ. ނަމަވެސް އަދިވެސް އޭނާގެ ނަޒަރު ވަނީ ބޭރަށް ހުއްޓިފައެވެ.

"ޝީ އިޒް ނޮޓް މައި ޓައިޕް... އެހާ އަނގަ ހަޑި ޕްލަސް ބުނާ ގޮތަކަށްވެސް ނަހަދާ ހަމަ ބޭނުންގޮތަކަށް އުޅެނީ... ބޭރުގަވެސް އުޅެފާނެ ދަންވަންދެންވެސް... ދެން ދެ ކުދިން ލިބުނީވެސް އަހަރެން ބޭނުންވެގެންނެއް ނޫން ދެން ވީ ގޮތް އެއީ... ކޮންމެ ފަހަރަކު އެއްޗެއް ބުނާއިރަށް ބުނަނީ ކުދިންތައް އެއްލާލާފަ ދާނިއޯ... ކުޑަކުޑަ ދެކުދިންނަށް މަންމަގެ ލޯބި ބޭނުންވާނެއެއްނު އެކަކީ ކިރުބޯ ކުއްޖެއް..." އާލިމް ފުން ނޭވާއެއް ދޫކޮށްލިއެވެ. ޒައިނާ ލޯ މަރައި ބާރުކޮށްލިއެވެ. އެލޮލުން ހަމަ ކަރުނަ އަންނަނީއެވެ.

"ޒައި އާ އިންނަން އުޅެމުން ބުނިން... ބުނީ އޯކޭ އޯ ފުރަތަމަ... ފަހުން ބުނަނީ ގޮސްގެން ނުވާނެއޯ ދަންޏާ ތިމަންނަ ނީންނާނަމޯ މިގޭގައެއް... މަންމަ އާ ދިމާލަށްވެސް ބޭނުން އެއްޗެއް ބުނަނީ... މަންމަ ބުނެފި ޒައި ގެއަށް ގެންނާށޭ އެކަމަކު ޒައި އަކަށް އެގޭގައެއް ކެތެއް ނުވާނެ އެހެންވެ މި ހުންނަނީ... މަގޭ ދެ ކުދިން ދޫކޮށްލާފަ އޭނަ ދިޔައީމަ އެކުދިން ހާދަ ނިކަމެތިވާނެއޭ... އެހެން ވާކަށް ބޭނުމެއް ނޫން..."  އާލިމްއަށް ރޮވިއްޖެއެވެ.

"އައި ނޯ ޒައި ވަރަށް ވަރަށް ދެރަވާނެކަން ޒައި ވަރަށް ކެތްގަދަކަންވެސް އިނގޭ... އަދި އަހަރެންނަށް ޒައި އާ އެކީ ވަރަށް އުފަލުގަ އުޅެވޭނެކަންވެސް އިނގޭ އެކަމަކު އައިމް ހެލްޕްލެސް" އާލިމް ކިޔައިދިނެވެ. ހަގީގަތުގައިވެސް އާލިމް ޒައިނާ ދެކެ ވަރަށް ލޯބިވެއެވެ. ނަމަވެސް އެކަން މިއަދު ޒައިނާ ގަބޫލު ނުކުރާނެކަން އާލިމްއަށް ޔަގީނެވެ.

"އަހަރެން ބޭނުން ވަރިވާން" ޒައިނާ މިހުރިހާއިރު ނުބުނަން އިން ޖުމްލަ ބުނެލީ ވަރަށް އުނދަގުލުންނެވެ. އާލިމް ދިޔައީ ސިއްސައިގެންނެވެ. އެ ލޮލުން ހޯސްލާފައި އަންނަންފެށި ކަރުނަތައް ފެނުމުން ޒައިނާގެ ހިތް މަޑު ކަފަކޮޅަކަށް ވެގެންދިޔައެވެ. ރޮވިފައިވާ އެ ދެލޮލުން ޒައިނާއަށް ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ އާދޭހެވެ. ރޮމުން ރޮމުން އާލިމްގެ މޫނު ޒައިނާގެ އަތް މައްޗަށް ތިރިކޮށްލިއެވެ. އެވަގުތު އާލިމްގެ ފޯނު ރިންގް ވާން ފެށިއެވެ. ގުޅަނީ އަހުދާއެވެ. އާލިމް އަޅައިވެސް ނުލާ އެ އޮތްގޮތަށް އޮތީއެވެ. އިރުކޮޅަކު އޮތުމަށްފަހު ކަރުނަތައް ފުހެލުމަށްފަހު ޒައިނާގެ މޫނަށް ބަލައިލިއެވެ.

"ޕްލީޒް ޒައި ގިވް މީ ވަން ޗާންސް" އާލިމް ބުނެލިއެވެ. ޒައިނާ އެއްވެސް ބަހެއް ނުކިޔާ އިނީއެވެ.

"ޕްލީޒް ޒައި... ޒައި ދޫކޮށްލާކަށް ބޭނުމެއް ނޫން... އައި ލަވް ޔޫ" އާލިމް އަނެއްކާވެސް ބުނެލިއެވެ. ޒައިނާ ކާރު ދުއްވައިލިއެވެ. ޒައިނާގެ މިސްރާބު ހުރީ އާލިމްގެ ގެއާ ދިމާލަށެވެ. އެގޭ ދޮރުމައްޗަށް ހުއްޓުމުން އާލިމް އަނެއްކާވެސް ޒައިނާގެ ވިސްނުން ބަދަލު ކުރެވޭތޯ މަސައްކަތްކުރިއެވެ. ޒައިނާ އޭގެ ފަހުން އެއްވެސް އެއްޗެއް ނުބުނެއެވެ. އެންމެފަހުން ހަތިޔާރު ބަހައްޓާފައި އާލިމް ކާރުން ފޭބީއެވެ. އާލިމްއަށް ފޭބުނީ އަހުދާގެ ކުރިމައްޗަށެވެ. އެ މަންޒަރު ޒައިނާއަށްވެސް ފެނުނެވެ. އަހުދާގެ އެ ރުޅިވެރި މޫނުވެސް ޒައިނާއަށް ހަމަ ރީއްޗަށް ފެނުނެވެ. އަޅާވެސް ނުލައި ޒައިނާ ކާރު ދުއްވައިލިއެވެ.

****

ގެއަށް އައިސް ޒިއަންއަށް ޖެހުނީ މަންހާގެ ހުރިހާ ވާހަކައެއް ރާނީއަށް ކިޔައިދޭށެވެ. އެންމެ ފުރަތަމަ ދިމާވި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވީ ހުރިހާ ކަމެއް ރާނީއަށް ކިޔައިދިނެވެ.

"ދެން ޒިއަން އޭނައާ މެރީ ކުރާނީތަ؟" ރާނީއަށް ވަނީ ރޮވިފައެވެ. އޭނާއަށް ޒިއަން ދެން ގެއްލޭނީ ހެއްޔެވެ. ރާނީ ޒިއަންގެ ގައިގައި ބައްދައިލިއެވެ.

"އެކަކުން ފުދެޔޭ... ނުރޮއްޗޭ ޕްލީޒް" ޒިއަން ރާނީގެ ގައިގައި ބާރަށް ބައްދައިލިއެވެ.

އޭގެ އިރުކޮޅެއް ފަހުން ޒިއަންގެ ފޯނަށް ޒައިނާ ގުޅަން ފެށިއެވެ. ޒިއަން ފޯނު ނުނަގަން އޮވެފައިވެސް ނެގީ ރާނީ ބުނީމައެވެ. ޒައިނާ އެދުނީ ވަރަށް އަވަހަށް ގެއަށް އައުމަށެވެ. ޒައިނާގެ އަޑު ހުރިގޮތުން ކޮންމެވެސް ކަމެއް ވެއްޖެކަން އިނގުނެވެ.

"ކޮންތާކަށް؟" ޒިއަން ތެދުވެ ގަމީސްލާން އުޅުމުން ރާނީއަށް އަހައިލެވުނެވެ.

"އެބަ އަންނަން އިނގޭ ކުޑޫ ގުޅީމަ" ޒިއަން ދާން ހިނގައިގަތުމުން ރާނީ އޭނާގެ އަތުގައި ހިފައިލިއެވެ. ކުރިން ރޭވެސް އަންނާނަން ކަމުގައި ބުނެފައި ދިޔަގޮތަށް ޒިއަން އައީ ތިން ދުވަސް ފަހުންނެވެ. ޒިއަން އަށް އެކަން ވިސްނުނެވެ.

"އަންނާނަން ދޫނީ އައި ޕްރޮމިސް..." ޒިއަން ރާނީގެ ނިތަށް ބޮސް ދިނުމަށްފަހު ނިކުމެގެން ހިނގައްޖެއެވެ.

ޒިއަން ގެއަށް ވަތްއިރު ގޭތެރޭގެ މާހައުލު ރަގަޅު ނޫންކަން އިނގުނެވެ. މަންމަ އާއި ބައްޕަ އިނީ އިސްޖަހައިގެންނެވެ. ޒައިނާ ހުރީ ކޮޅަށް ތަނބަކު ލެނގިލައިގެންނެވެ. މަންހާ އިނީ ވަކިން ހުރި ސޯފާގައި ރޯށެވެ. މަންހާގެ ބައްޕަ އަލީވެސް އިނީ އިސްޖަހައިގެންނެވެ. ޒިއަން އައިސް ވަނުމުން އެންމެން އެއްފަހަރާ ޒިއަންއަށް ބަލައިލިއެވެ. ޒިއަން ފެނުމުން ޒިއަންގެ މޫނަށް ބަލައިލުމަށްފަހު މަންމަ އިސްޖަހައިލިއެވެ. ޒިއަން ބިރުގަންނަން ފަށައިފިއެވެ. ޝާހިދު ޒިއަންއަށް ބަލައިލިގޮތުން ޒިއަންގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. ޒައިނާގެ ވެސް ހިތް ތެޅެމުން ދިޔައީ ނިކަން ބާރަށެވެ. ދެން ވާނީ ކިހިނެއްބާއެވެ.

(ނުނިމޭ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް