ދައުލަތުގެ އާމްދަނީގެ ގޮތުގައި 7.1ބިލިއަން ރުފިޔާ ލިބިފައިވޭ: ފިނޭންސް މިނިސްޓްރީ

ދައުލަތަށް އާމްދަނީގެ ގޮތުގައި 7.1 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައިފިއެވެ. ފިނޭންސް މިނިސްޓްރީއިން ކޮންމެ ހަފްތާއަކު ނެރޭ ދައުލަތުގެ މާލީ ހިސާބުތައް އާންމު ކޮއްފައ...

25 Apr 2019 | 06:30

ދައުލަތަށް އާމްދަނީގެ ގޮތުގައި 7.1 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ފިނޭންސް މިނިސްޓްރީއިން ކޮންމެ ހަފްތާއަކު ނެރޭ ދައުލަތުގެ މާލީ ހިސާބުތައް އާންމު ކޮއްފައިވާއިރު، މިފަހަރު ޖެނުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ 18 ވަނަ ދުވަހާހަމައަށް ދައުލަތުން ކޮއްފައިވާ ހަރަދުތަކުގެ އިތުރަށް ލިބިފައިވާ އާމްދަނީގެ ތަފާސް ހިސާބުތައް އާންމުކޮއްފައިވެއެވެ.

މިހާތަނަށް އައިއިރު ދައުލަތުގެ އާމްދަނީ 7.1 ބިލިއަން ރުފިޔާއަށް އެރިއިރު، މިމުއްދަތުގެ ތެރޭގައި ދައުލަތުގެ ޙަރަދު އުޅެނީ 6.18 ބިލިއަން ރުފިޔާގައެވެ. އެހެންކަމުން ޚަރަދަށްވުރެ އާމްދަނީ އިތުރުވެ، ބަޖެޓު އުޅެނީ 898.3 މިލިއަން ރުފިޔާގެ އަރަންޏެއްގައެވެ.

މި ރިޕޯޓުގައި ދައްކާގޮތުން ލިބިފައިވާ އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބިފައިވާ ފައިސާއިން ކަމަށާއި، އެގޮތުން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީޕީޓީ، އާއްމު ޖީއެސްޓީ އަދި ޓޫރިޒަމް ޖީއެސްޓީންނެވެ.

އެގޮތުން އޭޕްރީލްމަހުގެ އަށާރަވަނަ ދުވަހުގެ ނިޔަލަށް ސަރުކާރަށް 7.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު އޭގެތެރެއިން 5.2 ބިލިއަން ރުފިޔާއަކީ ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީއަށް ވެފައި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ލިބިފައިއެވެ.

މީގެއިތުރުން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީގެ ތެރެއިން އިމްޕޯޓް ޑިއުޓީގެ ގޮތުގައި 972 މިލިއަން ރުފިޔާ ލިބިފައިވާއިރު  ޖީއެސްޓީގެ ގޮތުގައި 2.4 ބިލިއަން ރުފިޔާވަނީ ލިބިފައެވެ. އަދި އެއަރޕޯޓް ސަރވިސް ޗާޖްގެ ގޮތުގައި 251.8 މިލިއަން ރުފިޔާ ލިބިފައިވާއިރު، ގްރީން ޓެކްސްގެ ގޮތުގައި 260.7 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މި މުއްދަތުގައި ދައުލަތުން ވަނީ، 6.18 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ. އެގޮތުން މި މުއްދަތުގެ ތެރޭގައި އިދާރީ ޚަރަދުތަކަށާއި، ސަބްސިޑީ އަދި ހިންގުމުގެ ޚަރަދަށް ބޮޑު ހޭދައެއްކޮށްފައިވާއިރު ޕީ.އެސް.އައި.ޕީ މަޝްރޫއުތަކަށްވެސް މި މުއްދަތުގައި ސަރުކާރުން ވަނީ ބޮޑު ހޭދައެއްކޮށްފައެވެ. އެގޮތުން ޕީ،އެސް،އައި،ޕީ މަޝްރޫއުތަކަށް 632.8 މިލިއަން ރުފިޔާވަނީ ހޭދަކޮށްފައެވެ.

ސަރުކާރުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ސަރުކާރު މުއައްޒަފުންގެ މުސާރައާއި ޕެންޝަންއަށެވެ. އެގޮތުން ސަރުކާރު މުއައްޒަފުންގެ މުސާރައާއި ޕެންޝަނަށް 2.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް