އަންނަ މަހު ފެށޭ ރޯދަމަހާ ދިމާކޮށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންއިން ހުޅުމާލެ ސާފު ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
މި ޕްރޮގްރާމަކީ ހޮނިހިރު ދުވަހު ހެނދުނު އެށެއްޖަހާއިރު ހުޅުމާލެ ރުއްގަނޑު ސަރަހައްދުން ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. އެޗްޑީސީއިން ބުނެފައިވަނީ މި ޕްރޮގްރާމުގެ އަމާޒަކީ 600 އަށް ވުރެ ގިނަ މީހުން ބައިވެރި ވުމާއެކު ހުޅުމާލޭގެ 85 އިންސައްތަ ސާފު ކުރުންކަމުގައެވެ.
ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި ފުލުހުންނާއި، އެމްއެންޑީއެފް އަދި ވެމްކޯގެ މުވައްޒަފުން ހަރަކާތްތެރި ވާއިރު، އެ ފަރާތްތަކުގެ އިތުރުން އެންޖީއޯތަކާއި އެސޯސިއޭޝަންތައް އަދި ސަރުކާރުގެ އެހެނިހެން ކުންފުނިތަކަށްވެސް ވަނީ ދައުވަތު ދީފަ އެވެ.
ހުޅުމާލެ ސާފު ކުރުމަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި މީހުން އުޅޭ ސަރަހައްދުގެ އިތުރުން ގޮނޑުދޮށާއި ފަޅުތެރެ ސާފުކުރުމަށް ހަމަޖެހިފައިވާއިރު، މި ޕްރޮގްރާމް ކުރިއަށް ގެންދާނީ އެކި ޒޯން ތަކަށް ބަހާލައިގެންނެވެ.
ހުޅުމާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުތައް ސާފުކުރުމަކީ ކޮންމެ އަހަރަކުވެސް އެޗްޑީސީން އިސްނަގައިގެން ކުރަމުން އަންނަކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް