ލަންކާ ބޮމުގެ ހަމަލާގައި ޖާނުން ފިދާވި އިލްހާމް، އިންސާފް އަދި ފާތިމާގެ ވާހަކަ

އަވަށްޓެރި ސްރީލަންކާގައި މިދިޔަ އާދީއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކަކީ މުޅި ދުނިޔެ ސިއްސުވާލި ހަމަލާތަކެކެވެ. މި ހަމަލާތަކުގައި މިހާތަނަށް 359 މީހަކު މަރުވެފައިވާއިރު ބޮމުގެ ހަމަލާތައް ދިނުމަށް ޖާނ...

25 Apr 2019 | 00:48

އަވަށްޓެރި ސްރީލަންކާގައި މިދިޔަ އާދީއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކަކީ މުޅި ދުނިޔެ ސިއްސުވާލި ހަމަލާތަކެކެވެ. މި ހަމަލާތަކުގައި މިހާތަނަށް 359 މީހަކު މަރުވެފައިވާއިރު ބޮމުގެ ހަމަލާތައް ދިނުމަށް ޖާނުން ފިދާވި ބައެއް ފަރާތްތަކުގެ ވަނަވަރާއި މައުލޫމާތު މިވަނީ ފެންމަތިވާން ފަށާފައެވެ.

އެގޮތުން އިނގިރޭސިވިލާތުގެ ޓެބްލޮއިޑް ނޫހެއް ކަމުގައިވާ ޑެއިލީ މެއިލްގައި، މި ހަމަލާތައް ދިން ބައެއް މީހުންގެ ބައެއް ވާހަކަތަކާއި، ގުޅުންހުރި ބައެއް ވީޑިއޯތަކާއި އަދި ފޮޓޯތައް ހިމަނާފައިވެއެވެ.

ގެނެސްދީފައިވަނީ ޖާނުން ފިދާވި ދެބެން ކަމުގައިވާ އިންޝާފް އިބްރާހިމް އާއި އިލްހާމް އިބްރާހިމް އަދި އިލްހާމްގެ އަންހެނުން ފާތިމާގެ ވާހަކައެވެ. ފާތިމާ ޖާނުން ފިދާވިއިރު އޭނާ އިނީ ބަލިވެއެވެ. ޖާނުން ފިދާވީ އޭނާގެ ގޭގައި އިލްހާމް އާއި ފާތިމާގެ ތިން ދަރިންގެ ފުރާނަވެސް ނަގާލަމުންނެވެ. އެ ހަމަލާގައި ތިން ފުލުހަކުވެސް މަރުވިއެވެ.

ޑެއިލީ މެއިލް އިން ހާމަކޮށްފައިވާ އެއް ވީޑިއޯގައި ފެންނަ ގޮތުގައި ސިނަމަން ގްރޭންޑްގެ ޓެޕްރޮބޭން ރެސްޓޯރެންޓްގައި ޖާނުން ފިދާވީ އިންޝާފް އިބްރާހިމެވެ. ޖާނުން ފިދާވުމުގެ ކުރިން، ހެނދުނުގެ ނާސްތާއަށް އެ ރެސްޓޯރެންޓްގައި ތިބި މީހުންގެ ތެރޭގައި ފަހަތަށް އަދި ކުރިއަށް ފިޔަވަޅު އަޅާލަ އަޅާލާ އިރުކޮޅަކު ހުންނަ މަންޒަރު ފެނެއެވެ. އޭނާގެ އަޅުވައިގެން ހުރި ދަބަހާއި ލައިގެން ހުރި ޖާނުން ފިދާވާ ޖެކެޓު ގޮއްވާލާފައިވަނީ ހެނދުނުގެ ނާސްތާއަށް އިންސާފު ކުރަން ތިބި މީހުންގެ ތެރޭގައެވެ.

އެ ހޮޓަލަށް އިންޝާފް ޗެކިން ވީ އޭގެ އެއްދުވަސް ކުރިން، އެހެން މީހެއްގެ އައިޑެންޓިޓީ ބޭނުންކޮށްގެން ކަމުގައި ރިޕޯޓްކޮށްފައިވެއެވެ. އަދި އޭނާ ޗެކިން ވީ ވިޔަފާރިވެރިއެއްގެ ގޮތުގައި ކަމަށްވެސް ބުނެފައިވެއެވެ.

ދެވަނަ ވީޑިއޯއިން ފެންނަނީ ޖާނުން ފިދާވި ދެބެންގެ ތެރެއިން އިލްހާމް އަދި އެހެން ސަރަހައްދެއްގައި ޖާނުން ފިދާވި މީހަކު ޝަންގްރިއްލާ ހޮޓެލްގެ ލިފްޓުން ފައިބާ ތަނެވެ. ދެމީހުންގެ ކޮނޑުގައިވެސް ބަރު ދަބަސް އޮތެވެ. ލަންކާ ފުލުހުން ބުނެފައިވާގޮތުގައި އެ ބޮންތަކަކީ ލަންކާގައި ތައްޔާރުކޮށްފައިވާ ބޮންތަކެކެވެ. ޝަންގްރިއްލާގައި ހެނދުނުގެ ނާސްތާއަށް އިންސާފުކުރަން ތިބި މީހުންގެ ތެރެއަށް ގޮސް ޖާނުން ފިދާވެ ބޮން ގޮއްވާލީ އިލްހާމް އިބްރާހިމެވެ.

ބޮމުގެ އަށް ހަމަލާއެއް ދީފައިވާއިރު ތިން ބޮމެއް ގޮއްވާލާފައިވަނީ ކްރިސްޓިއަނުން އަޅުކަންކުރާ ތިން ޗާޗެއްގެ ތެރޭގައެވެ. އަނެއް ތިން ބޮން ގޮއްވާލާފައިވަނީ ތިން ހޮޓަލުގެ ތެރޭގައެވެ. އަދި އަނެއް ދެބޮމުގެ ތެރެއިން އެއް ބޮން ގޮއްވާލާފައިވަނީ އިލްހާމް އާއި އޭނާގެ އަނބިމީހާ ފާތިމާ އުޅެމުންދިޔަ ގޭގައެވެ.

އިލްހާމްގެ އަންހެނުން ފާތިމާ އަމިއްލަ ނަފްސު ގޮއްވާލީ އެމީހުން ދިރިއުޅެމުންދިޔަ ގެ ފުލުހުން ފާސްކުރަން ދިއުމުންނެވެ. އޭނާ އޭރު އިނީ ބަލިވެ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. އަދި ނަފްސު ގޮއްވާލީ އިލްހާމް އާއި ފާތިމާއަށް ލިބިފައިވާ ތިން ދަރިންނާއެކުގައި ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

އާންމުގޮތެއްގައި ޖާނުން ފިދާވުމުގެ މިފަދަ ބޮޑެތި ހަމަލާތައް ދެނީ ފަގީރު ނުވަތަ ކްރިމިނަލް ރެކޯޑް އޮންނަ މީހުން ކަމުގައިވީނަމަވެސް ލަންކާގައި މި ދިން ހަމަލާތަކުގައި މިކަންކަންވެސް ހިނގާފައިމިވަނީ ވަރަށް ތަފާތު ގޮތަކަށެވެ.

އިލްހާމް އަދި އިންޝާފް އިބްރާހިމް އަކީ ލަންކާގެ މުއްސަނދި މިލިޔަނަރެއްގެ ދެ ދަރިންނެވެ. މި ދެބެންގެ ބައްޕަ ޔޫނުސް އިބްރާހިމަކީ ހަވާދު ތައްޔާރުކުރާ އަމިއްލަ ކުންފުންޏެއް ހިންގަމުން އަންނަ މިލިޔަނަރެކެވެ. އިލްހާމާއި އިންޝާފް ކިޔެވީވެސް ޕްރައިވެޓް، އަދި އަގުބޮޑު ސްކޫލުތަކުގައެވެ.

އެ އާއިލާގައި އިތުރު ތިން ބެއިންނާއި އަންހެން ތިން ކުދިން ތިބެއެވެ. އެމީހުންނަކީ މެދުމިނުގެ މުސްލިމުން ކަމަށާއި މީގެ ކުރިން ހަރުކަށި އަދި ހައްދުފަހަނައަޅާފައިވާ ދީނީ ވިސްނުން ގެންގުޅެފައިނުވާކަމަށް އަވަށްޓެރިންނާއި ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.

އުމުރުން 36 އަހަރުގެ އިލްހާމް އަދި އިލްހާމްގެ އަންހެނުން ފާތިމާ ދިރިއުޅެމުންދިޔައީ އެ މީހުންގެ މައިންބަފައިންނާއެކު އެއް ގެއެއްގައެވެ.ނަމަވެސް ފާތިމާ ނަފްސު ގޮއްވާލި އިރު އެ ގޭގައި އިލްހާމްގެ އާއިލާ މެމްބަރުން ތިބި ކަމަކަށް ނުވެއެވެ.

އުމުރުން 38 އަހަރުގެ އިންޝާފް އަދި އޭނާގެ އަންހެނުންނާއި ހަތަރު ދަރިންވެސް ދިރިއުޅެމުންދިޔައީ ލަންކާގެ ނިސްބަތުން އިންތިހާއަށް އަގުބޮޑު ގެއެއްގައެވެ. އެ ގެއަކީ 1.5 ބިލިޔަން ޑޮލަރުގެ މޭންޝަނެއް ކަމުގައި ރިޕޯޓްކޮށްފައިވެއެވެ. އެ ގެއަކީ އިންޝާފްގެ އަންހެނުންގެ ބޭބެ އަލައުދީންގެ ގެ އެވެ. އަލައުދީނަކީ ގަހަނާ ވިޔަފާރިކުރާ މީހެކެވެ. އިންޝާފަކީވެސް ކާމިޔާބު ވިޔަފާރިވެރިއެކެވެ. އޭނާގެ "ކޮޕަރ" ފެކްޓަރީއެއް ކޮލޮމްބޯގައި ހުންނައިރު ބޮންތައް ތައްޔާރު ކުރުމަށް ބޭނުންކޮށްފައިވަނީ އެ ކޮޕަރ ފެކްޓަރީއެވެ.

އިންޝާފްގެ ޅިޔަނު އަލައުދީން ބުނެފައިވާގޮތުގައި މިދިޔަ ހުކުރު ދުވަހު އިންޝާފް ގެއިން ނިކުތީ ޒަމްބިއާއަށް ވިޔަފާރި ދަތުރެއްގައި ދާކަމަށް އޭނާގެ އަންހެނުން ގާތު ބުނުމަށްފަހުގައެވެ. އަދި ހިތްވަރު ކުރަން އަންހެނުން ގާތު ބުނިކަމަށް އިންޝާފްގެ ޅިޔަނު ބުނެފައިވެއެވެ.

އިންޝާފްގެ ޅިޔަނު އަލައުދީން ބުނެފައިވަނީ އޭނާގެ ޅިޔަނު އިންޝާފަކީ ފައިސާ އާއި ތަނަވަސްކަން އަދި ލޯބި ލޯބި އާއިލާއެއް އޮތް މީހެއް ކަމަށެވެ. އެފަދަ ކަމެއް ކުރަންޖެހޭ ސަބަބެއް ހަމަ އެއްގޮތަކަށްވެސް ނުވިސްނޭ ކަމަށެވެ. އަލައުދީން އިތުރަށް ބުނެފައިވަނީ ހަމަލާއަށްފަހު އޭނާގެ ކޮއްކޮ (އިންޝާފްގެ އަންހެނުން) އަށް ބޮޑު ޝޮކެއް ލިބިފައިވާކަމަށާއި ނަފްސާނީ ގޮތުން ބަލިކަށިވެފައިވާކަމަށެވެ.

މި ހަމަލާތަކުގެ ޒިންމާ އައިއެސް ޖަމާއަތުން އުފުލާފައިވައިރު އައިއެސް އިން ވަނީ މި ހަމަލާތައް ދިން ކަމަށް ބުނާ މީހުންގެ ވީޑިއޯ އަދި ފޮޓޯތައްވެސް، އެމީހުންގެ ޕްރޮޕެގަންޑާ މީޑިއާ މެދުވެރިކޮށް ހާމަކޮށްފައެވެ. ނަމަވެސް އެކަކު ފިޔަވައި ދެންތިބި މީހުން ތިބެނީ މޫނު ނިވާކޮށްގެންނެވެ. މޫނު ނިވާ ނުކޮށް ހުރީ މި ހަމަލާތައް ރޭވުމުގައި "މާސްޓަ މައިންޑް"ގެ ރޯލު އަދާކުރި މޯލަވީ ޒަހްރާން ހާޝިމެވެ.

މި ހަމަލާތަކުގައި 359 މީހަކު މަރުވެފައިވާއިރު ޒަހަމްވި މީހުންގެ އަދަދު އުޅެނީ 500 އަށްވުރެ މަތީގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް