ސްކޫލް ކުދިންގެ އަޚުލާގީ މައްސަލަތައް އިތުރުވަމުން ދަނީ ތައުލީމީ މަންހަޖުން ބާކީކޮށް "ދަސްވާރު" ގެ ނަމުގައި ހިންގާ ޕްރޮގްރާމްގެ ސަބަބުން ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.
އެމްޑީޕީން ކުދިންގެ އަހުލާގާިއ ގުޅޭގޮތުން ބަޔާނެއް ނެރެފަިއ މިވަނީ މަޖީދިއްޔާ ސްކޫލްގެ ދަރިވަރަކާއި ބިދޭސީ ޓީޗަރަކު މާރާމާރީ ހިންގި މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ. މި މައްސަލައިގަ ޓީޗަރު ސަސްޕެންޑު ކުރި އިރު އިއްޔެ އެ ދަރިވަރު ގްރޫޕެއް ގޮވައިގެން ޓީޗަރު ގޭ ކައިރިއަށް ގޮސް ބިރުދައްކާތީ އޭނާ ވަނީ ރާއްޖެ ދޫކޮށް ގޮސްފައި އެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ ކިޔަވަމުންދާ ވަކި ކުދިންތަކަކީ ނުކިޔެވޭނެ ކުދިންތަކެއްގެ ގޮތުގައި ތައްގަނޑު ޖެހުމަކީ ގޯހެއް ކަމަށެވެ. އެއީ ސްކޫލާއި ސްކޫލުން ބޭރުގައި އެ ކުދިން ނަފްސާނި ގޮތުންނާއި އަޚުލާގީ ގޮތުން ބަލިކަށި ވެދާނެ ކަމެއް ކަމަށް ވެސް އެމްޑީޕީން ބުންޏެވެ. އޭގެ ސަބަބުން ކުދިން ކުށްތަކަށް އަރައި ގަތުމަށް މަގުފަހި ވާކަމަށް ބުނެފައިވެ އެވެ.
އެހެން ދިމާވަނީ ސްކޫލްތަކުގެ ހިންގުމުގެ ތެރެއަށް އެޑިއުކޭޝަނުން ވަރަށް ބޮޑަށް ވަދެ، ސްކޫލްގެ ކަންކަން ނިންމުމުގެ ފުރިހަމަ އިޚުތިޔާރު ސްކޫލްތަކަށް ނުދީ ސްކޫލްގެ ކަންކަމާ ގުޅޭ ގޮތުން ނިންމަންޖެހޭ ނިންމުންތައް ސީދާ އެޑިއުކޭޝަން މިނިސްޓްރީން ނިންމާތީ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
ސްކޫލްތަކުގެ ކަންކަން ނިންމުމުގެ ފުރިހަމަ އިހުތިޔާރާއި ބާރު އެ ތަންތަނުގެ މެނޭޖުމަންޓަށް ދޫކުރުމަށާއި ސްކޫލާއި މުޖުތަމައުގައި ކުދިން ކުށަށް އަރައިގަންނަ މައްސަލައާ މެދު ހަރުދަނާ، އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެމްޑީޕީން ވަނީ ގޮވާލައިފަ އެވެ. އަދި ސްކޫލް މާހައުލުގެ ރައްކާތެރިކަން ޔަގީންކޮށް ދިނުމަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށާއި ތައުލީމީ ދާއިރާގައި ނިންމާ ކަންކަން އިންސާފުވެރިކޮށް ނިންމުމަށް ގޮވާލާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް