ޕާކިސްތާންގެ އެކްޓަރު އަދި ލަވަކިޔުންތެރިޔާ އަލީ ޒަފަރުގެ މައްޗަށް، އެ ގައުމުގެ އަންހެން ލަވަކިޔުންތެރިޔާ މީޝާ ޝާފީ ޖިންސީ ގޯނާގެ ތުހުމަތުކޮށް ދެއްކި ވާހަކަތަކާއި ގުޅިގެން އަލީގެ ކިބައިން މައާފަށް އެދުމަށް މީޝާއަށް ނޯޓިސް ފޮނުވައިފި އެވެ.
މީޝާ ކުރި ޓްވީޓެއްގައި ބުނީ އަލީއަކީ ވަރަށް ކުރިއްސުރެ ދަންނަ އިތުބާރު ކުރެވުނު މީހެއް ކަމަށެވެ. އެކަމަކު ކައިވެންޏެއްކޮށް، ދަރިއަކު ވެސް ލިބިފައި ވަނިކޮށް އަލީގެ ފަރާތުން ޖިންސީ ފުރައްސާރައާ އެކި ފަހަރުމަތިން ކުރިމަތިލާން ޖެހުނު ކަމަށް މީޝާ ބުންޏެވެ. އެކަމަކު މި ތުހުމަތުތަކަށް އަލީ ވަނީ އިންކާރު ކޮށްފައި އެވެ.
އަލީ ޒަފަރުގެ ގާނޫނީ ޓީމުން މީޝާއަށް ފޮނުވި ނޯޓިސްގައި ބުނެފައިވަނީ އާންމުކޮށް އެންމެންނަށް ފެންނާނެ ގޮތަށް އެކަމަށް މައާފަށް އެދުމަށެވެ. އަދި އެގޮތަށް އަމަލު ނުކޮށްފި ނަމަ 100 ކްރޯޑު ރުޕީސް އަލީއަށް ދައްކަން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން މީޝާ ކުރި ޓުވީޓު ދެ ހަފްތާ ތެރޭގައި ޑީލީޓް ނުކޮށްފި ނަމަ އޭނާ އާއި ދެކޮޅާށް ދައުވާ ކުރާނެ ކަމުގެ އިންޒާރު ދީފައިވެ އެވެ.
މީޝާގެ ތުހުމަތު ތަކާއި ގުޅިގެން އަލީ ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އޭނާ އަކީ އާއިލާއެއްގެ ޒިންމާ ނަގައިގެން އުޅޭ މީހެއް ކަމަށާއި އެފަދަ ކަމެއް ނުކުރާނެ ކަމަށެވެ. އަދި މީހަކު އެފަދަ ތުހުމަތެއް ބޮލުގައި އެޅުވުމުން ހަމަ ހިމޭނުން މަޑުން ނުހުންނާނެ ކަމަށެވެ.
މީގެ އިތުރުން އެކަމަށް އެއްބަސްވެ އިތުރު ބަހަނާއެއް ނުދައްކާ މީޝާގެ ކިބައިން މައާފަށް އެދެން ބަޔަކު ބުނި ކަމުގައި ވިޔަސް ނުކުރާ ކަމަކަށް މައާފަށް ނޭދޭނެ ކަމަށް އޭނާ ބުނެފައިވެ އެވެ.
އަލީގެ ގާނޫނީ ޓީމުން މީޝާއަށް ފޮނުވި ނޯޓިސް އާއި ގުޅިގެން އޭނާ ވަނީ ވަގުތުން ދެ ގާނޫނީ ވަކީލުން އައްޔަންކޮށް އިތުރަށް އެކަމާ ގުޅޭގޮތުން ޖަވާބުދޭނީ ވަކީލުން ކަމަށް ބުނެފަ އެވެ.
އަލީ ޒަފަރަކީ ޕާކިސްތާނު ފިލްމުތަކުގެ އިތުރުން ބޮލީވުޑްގައިވެސް މަސައްކަތް ކޮށްފައިވާ ތަރި އެކެވެ. އަލީ ޒަފަރުގެ އަންބަކާއި ދެ ދަރިން އެބަތިއްބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް